އައިއޯއައިޖީގެ މެޑަލަކަށް އަމާޒުކޮށް ފަޒީލް އާއި ވިސާމް ތަމްރީނު ހެދުމަށް ލަންކާއަށް

ފަޒީލްއާއި ވިސާމް--- ފޮޓޯ/ އަދަދު

އަންނަ އޮގަސްޓުމަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމަށް ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ ފަޒީލް ހާރުން (ފްލޭޝް)އާއި އަހުމަދު ވިސާމް ތަމްރީންތަކަށް ސްރީލަންކާ އަށް ފުރަން ތައްޔާރުވެއްޖެއެވެ.

އައިއޯއައިޖީއިން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އެތުލެޓިކްސް ޓީމުން ވަނީ ދުރާލާ ތަމްރީނުތައް ފަށައިފައެވެ. އެގޮތުން ރާއްޖޭގެ ޒުވާން އެތުލީޓް އިބާދުﷲ އާދަމާއި ރާއްޖޭގެ އެންމެ ބާރަށް ދުވާ އަންހެން އެތުލީޓް އާއިޝަތު ހިމްނާ ވަނީ ޖަމައިކާއަށް ތަމްރީނު ހެދުމަށް މިދިޔަ ސެޕްޓެމްބަރުމަހު ފޮނުވާފައެވެ.

ހިމްނާ މި ތަމްރީނުތައް ފުރިހަމަ ކުރާނީ އޮލިމްޕިކްސް ކޮމިޓީގެ ހާއްސަ ސްކޮލާޝިޕްގެ ދަށުންނެވެ. އަދި އިބާދުﷲ ތަމްރީނުތައް ފުރިހަމަކުރާނީ ޔޫތު މިނިސްޓްރީގެ ޚާއްސަ ސްކޮލާޝިޕްގެ ދަށުންނެވެ.

މީގެއިތުރުން ރާއްޖޭގެ ރިލޭ ޓީމު ވެސް ވަނީ އިންޑިއާއަށް ތަމްރީނު ހެދުމަށް ފުރައިފައެވެ. މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހަށް ބާއްވަން ހަމަޖެހިފައިވާ ރިލޭ ޓީމުގެ ތަމްރީނުތައް އޮންނާނީ އިންޑިއާގެ ބެންގަލޫރުގައެވެ. އެ ތަމްރީނުތަކަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

ރިލޭ ޓީމުގެ ތަމްރީނުތަކުގައި ރާއްޖޭގެ 10 ރިލޭ ދުވުންތެރިން ބައިވެރިވާނެއެވެ. އޭގެ ފަހުން އައިއޯއައިޖީއަށް ރާއްޖޭގެ ފައިނަލް ރިލޭ ޓީމު ނެގުމަށް ވަނީ ނިންމަައިފައެވެ.

އެ ޓީމާއެކު މެއި މަހުގެ އެއްވަނަ ދުވަހުން އޮގަސްޓް 15 އަށް އަނެއްކާވެސް ބޭރުގެ ގައުމަކަށް ތަމްރީނު ހެދުމަށް ރިލޭ ޓީމު ފުރަން ވަނީ ހަމަޖެހިފައެވެ.

މަޑަގަސްކަރައިގައި ބާއްވާ އައިއޯއައިޖީ ކުރިއަށްދާނީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ސެޕްޓެމްބަރުގެ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރާއްޖެއަށެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ މިއަހަރުގެ އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް ހުރިކަމަށް ބުނެ ރާއްޖޭން ވަނީ އެ މުބާރާތް 2025 ވަނައަހަރަށް ފަސްކޮށްދޭން އެދިފައެވެ.

އެހެން ނަމަވެސް އިތުރު ދެ އަހަރު މަޑުކުރަން ބޭނުންނުވާތީ އާއި އަންނަ އަހަރު ގޭމްސް ބޭއްވުމަށް ރާއްޖެއާ ދެން ވާދަކުރި މަޑަގަސްކަރައިގެ އިއުތިރާޒެއް ނެތުމުން 2023 ވަނަ އަހަރުގެ ގޭމްސް އެ ގައުމުގައި ބޭއްވުމަށް އައިއޯއައިޖީގެ ކައުންސިލުން ނިންމީއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު