އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ސައުދީގެ އަލް ނަސްރު އަދި އަލް ހިލާލްގެ އޯލް-ސްޓާ ބައްދަލުކުރާ މެޗުގެ އޯލް-ސްޓާ ޓީމުގެ ކެޕްޓަންކަން އަލް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދޭން ނިންމައިފިއެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ ބިން އަބްދުލް މުހުސިން ޓްވީޓް ކުރެއްވި ވީޑިއޯއެއްގައި ވަނީ އެ މެޗުގައި ރޮނާލްޑޯ ކުޅޭނެ ޖާޒީގެ އިތުރުން އޭނާ އަޅާނެ ކެޕްޓަން ބޭންޑު ދައްކާލައިފައެވެ.
ސައުދީ ލީގުގެ ތަރިންގެ ޓީމާއި ޕީއެސްޖީ ބައްދަލުކުރާ މެޗަކީ އަހަރުގެ ކުރީކޮޅު ރިޔާދުގައި ކުރިއަށް ގެންދާ ރިޔާދު ފެސްޓިވަލްގެ ތެރެއިން ހިމެނޭ ރަހުމަތްތެރިކަމުގެ މެޗެކެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުން އެ މެޗުން ފެންނާނެއެވެ.
އެ ދެ ކުޅުންތެރިން ކުޅޭ މެޗަށް ގިނަބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެގޮތުން އެ މެޗަށް ބިޑު ކޮށްގެން ވިއްކާ "ބިޔޯންޑް އިމޭޖިނޭޝަން ޓިކެޓް"އަށް ސައުދީ އަރަބިޔާގެ ވިޔަފާރި ވެރިއެއް ވަނީ 2.66 މިލިއަން ޑޮލަރު ހުށަހަޅާފައެވެ.
އެ ޓިކެޓު ގަންނަ މީހަކަށް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަންއާއެކު މެޗު ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވޭނެއެވެ. އަދި ރޮނާލްޑޯ އާއި މެސީ އާއި އެމްބާޕޭގެ އިތުރުން ނޭމާއާ ބައްދަލު ކޮށްލައި، މެންދުރުގެ ކެއުމުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.