އަލިފާން ކޮކާލެއްގެ ލޯބި 28

"ރަސޫލު ސައްލަﷲ އަލައިހިވަސައްލަމް ހަދީސްކުރެއްވިއެވެ. ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނަގެ ރަހިމްގެ ގުޅުން ދަމަހައްޓާނެއެވެ."

***

އާރިސް އަމިއްލައަށް މަރުވި ވާހަކަ އައްޔާޝްއަށް އިވުނީ އޭނަ މުޒާހަރާގެ ތެރޭގައި އުޅެނިކޮށެވެ. އައްޔާޝްއަށް ލިބުނު ޝޮކާއިއެކު ވަގުތުން ދުއްވައިގަނެވުނީ ގެއާއި ދިމާލަށެވެ. ވަކި ހިސާބަކުން ކާރެއް ނަގައިގެން ގޮސް ގެއަށް ވަންއިރު އެންމެން ޕެކް ކުރުމުގައި އަވަދިނެތި އުޅޭތަން ފެނުނެވެ. މަންމައާއި އެންމެންގެ ލޯތަކުން ކަރުނަ އޮހުމަކީ އާރިސް މަރުވިކަން ޔަގީންކޮށްދިން ހެއްކެކެވެ. އައްޔާޝްވެސް ކޮޓަރިއަށްވަދެ ބެކްޕެކް އަޅުވައިގެން ނުކުމެ ހޯދަ ހޯދާ ފޯނެއް ނުފެނުނެވެ. އަވަސްކުރަން ހަދައިގެން ފޯނު މަގުމައްޗަށް ވެއްޓުނީ ނޫންކަމެއްވެސް ނޭގެއެވެ.

"ސޭމް. ދޮންބެ ފޯނަށް ގުޅާފާނަން؟ ފޯނު ބޭއްވުނުތަނެއް ނޭގިގެން..."އައްޔާޝްއަށް ފޯނު މުހިއްމުވީ ހަމައެކަނި ދާނިޔާއަށް އޭނައަށް ދިމާވި ހާލަތު އެންގުމަށެވެ.

"ފޯނު ނިވާލާފައޭ..."

"ޑޭމިޓް...."އައްޔާޝްއަށް ބުނެވުނެވެ. ދާނިޔާމެންގެ ގެއަށް ވަދެ ދޮރުގައި ދެތިންފަހަރު ބެލްއެޅުމުންވެސް ޚަބަރެއްނުވިއެވެ. ބޮކިތައް ނިވާލާފައި އޮތުމުން ގޭގައި ނޫޅެނީކަމުގައި ޔަގީންވިއެވެ. އެއާޕޯޓަށްގޮސްފައި ކޮންމެވެސް ގޮތަކުން ދާނިޔާގެ ފޯނަށް ގުޅިދާނެ ނޫންހެއްޔެވެ؟ އަދާރާވެސް އެމީހުންނާއެކު ފުރާނެކަން ޔަގީނެވެ. އެހެން ކަންތަކާއި ވިސްނުމަށްވުރެ މިވަގުތު މުހިއްމީ އާރިސްއެވެ. އާރިސްގެ މަރުގެ ޚަބަރުން ލިބުނު ޝޮކަކުން އެކަން ގަބޫލުކުރަންވެސް ތައްޔާރެއް ނޫނެވެ. މަންމަމެންނަށް އޮޅުނީއެވެ. ނުބައި މައުލޫމާތެއް މީހަކު ދިނީއެވެ. އާރިސް އަމިއްލައަށް މަރުވާން މަސައްކަތްކުރީއެވެ. އެހެންވީމަ ޚަބަރު އެކަހަލަ ގޮތަކަށް އައިސްދާނެއެވެ. ކާރުގައި އިނދެ އާރިސްގެ ހަނދާންތަކުގެ ތެރެއަށް ގެނބުމާއެކު ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. ހިމޭންކަމާއެކު ބޭރަށް ބަލަން އިނދެ އައްޔާޝް ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައިރު ދާނިޔާގެ ޚިޔާލުވެސް ހިތުން ބޭރުކޮށްލެވުނެވެ.

ޕްރައިވެޓް ޖެޓަށް އަރާފައި އައްޔާޝް ހައިރާންވީ އަދާރާ ނެތުމުންނެވެ.

"މަންމާ ކީއްވެތަ؟"

"އަދާ ބުނީ އާރިސް މަރުވިޔަސް ނުދާނަމޭ. އޭނައާއި އާރިސްގެ އެއްވެސް ގުޅުމެއް ނެތޭ. އެންމެ ކުރިންވެސް ބުނީމޭ ނިގާބު އަޅާކުދިން ރަގަޅެއްނުވާނެއޭ...." ހުސާމް ޖަވާބުދިނެވެ.

"ދީބަލަ ފޯނު. އައިހޭވް ޓު ކޯލް ދާނީ....."

ހުސާމް ދިއްކޮށްލި ޖޫސްތަށި ހުރިގޮތަށް ބޯލުމަށްފަހު އައްޔާޝް ފޯނު އަތުލައިގެން ދާނިޔާގެ ނަމްބަރަށް ގުޅަންފެށިއެވެ. ދެތިންފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން މެސެޖްކުރަން އުޅުނުވަގުތު ނިދި އަންނަގޮތްވިއެވެ. އެސްފިޔަތައް ބަރުވާންފެށުމާއެކު އަކުރުތައްވެސް ފުސްވެއްޖެއެވެ.

މި މެސެޖް ފޮނުވަންވީ ކޮން ނަމްބަރަކަށް؟" ހުސާމް އެހިއެވެ.

އައްޔާޝް ނިންޖަށް ބާރު ފޯރުވަން މަސައްކަތްކުރަމުން ކިޔައިލިއެވެ.

ޑަން...." ހުސާމް ބުނެލިއެވެ. އޭރު ޕްރައިވެޓް ޖެޓް މަޑުމަޑުން ރަންވޭމަތިން ދުއްވަމުން ދަނީއެވެ.

***

އަދާރާ ނިދީގެ ފުން އާލަމެއްގައި އޮވެފައި ތެދުވުމާއެކު ގަޑިއަށް ބަލައިލިއިރު ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. އިޝާ ނަމާދުކުރިގޮތަށް ޖައްސައިލުމުން ނުވެސް ކައިއޮތްވާ ނިދުނީއެވެ. ބަނޑުހައިކަމުގެ ވޭނުން އުދަގޫވެގެން ކާބަޔަށް ދާންވެގެން ދޮރު ހުޅުވައިލިއިރު ގޭތެރެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމަކާއި ފަޅުކަމެކެވެ. މިގަޑީގައި މިހާ ފަޅުކޮށް އޮތުމުން ސުވާލު އުފެދުނަސް އެންމެން ބޭރުގައިވީކަން ޔަގީންވިއެވެ. ގިނަ ކޮޓަރީގެ ބޮކިތައްވެސް ނިވާލާ ގެވެސް އަނދިރީގެ ތެރެއަށް ގެނބިފައިވާފަދައެވެ. އަދާރާ ފޯނު ހުޅުވައިލުމާއެކު އެންމެ ކުރިންވެސް ފެނުނީ ޝުވޭކާރުގެ މެސެޖެކެވެ.

"އަހަރެން އަންނަންދެން އަދާރާ ގޭގައި ހުންނާތި. މިކޮޅުގެ ކަންތައް ހަމަޔަކަށް އެޅުނީމަ އަންނާނަން..."

އަދާރާ ހައިރާންވިއެވެ. އެންމެން ހަމަ ފުރައިގެން ދިޔައީހެއްޔެވެ؟ އޭނަ އެކަނި މިއޮތް ބޮޑު ގެއަށް އެކަނިކޮށްފައި އެމީހުން އަންގާވެސް ނުލާ ފުރައިގެން ދިޔައީއެވެ. ކޮންކަހަލަ ބަޔެއްހެއްޔެވެ؟ މިއީ ހަމަ މިފަދަ މުއްސަދި ޝާހީމީހުންގެ ފާޑުހެއްޔެވެ؟ ފުރާ ދުވަހެއްވެސް ނުބުނެ އެހާ ސިއްރުން ދިޔުމުގެ މަގުސަދެއްވެސް ނުވިސްނުނެވެ.

އަދާރާ ވަގުތުން ގުޅީ ދާނިޔާއަށެވެ.

"މަންމައާއެކު ބޭރުގައި މިއުޅެނީ. މަންމަގެ އާންޓެއް ބަލިވެގެން އެގެއަށް އައިސް. ގޮއްސަ އެބަގުޅަން..."

"ހޫމް ވަރަށް އާޖެންޓް ކަމެއްގައި ޑިސްކަސްކޮށްލަން ކަމަށް...."

"އެންމެ ރަގަޅު...ކާންޓް ވެއިޓް..."

***

ނަބީލާއާއި އެކު ދާނިޔާ ގެއަށް ވަންތަނާ އޭނަގެ ފޯނަށް މެސެޖެއް އައީ އައްޔާޝްގެ ނަމުގައެވެ. އޭނަގެ ފޯނު ގެއްލިގެން އުޅޭތީ ފޯނު ނުކުރެވިގެން ބައްދަލުކުރަން ބޭނުންވާކަމުގައެވެ. މެސެޖް ކުރީ ހުސާމްގެ ފޯނުންކަން އެނގުމުން ހައިރާންވެފައި ދާނިޔާ މަންމަ އުޅޭތަނެއް ބަލައިލިއެވެ. މަންމަ ވުޟޫކޮށްގެން ނިދަން ތައްޔާރުވާތީ ލިބުނު ފުރުސަތުގައި އަވަސް އަވަހަށް ދޮރު ހުޅުވައިލުމާއެކު ސިހުނެވެ. އައްޔާޝްގެ ބަދަލުގައި ދޮރުމަތީގައި މިހިރީ ހުސާމް ފިޔަވާ ދެވަނަ މީހެއްނޫނެވެ. އެމީހަކަށްޓަކާ އޭނަގެ އެންމެ ގާތް އެކުވެރިޔާ ފިދާވާ ހުސާމްއެވެ.

"ދާނިޔާ...އަހަރެން މިއައީ އަޔާ ފޮނުވައިގެން..."

"ޔެސް..." ދާނިޔާ އިސްޖެހިއެވެ.

"އަޔާގެ މެސެޖެއް ރައްދުކޮށްދޭން މިއައީ. އަޔާ ދާނިޔާއަކާއި ނީންނާނެ. އެއީ ވާނެކަމެއްނޫން. އިޓްސް ނޮޓް ޕޮސިބްލް އެޓް އޯލް. އެހެންވީމަ ދެން އޮތްގޮތަކީ އަހަންނާއި ކައިވެނިކުރުން އޭރުން ލަދެއްގައި ނުބެދި ސަލާމަތްވާނީ...."

"ކީއްވެތަ؟ އައްޔާޝް އެހެން ނަހަދާނެ..." ދާނިޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ލިބުނު ޝޮކަކުން މުޅި ހަށިގަނޑުވެސް ގަނޑުވެ ހަރަކާތްތައް ހުއްޓުނުފަދައަކުން ބަލަހައްޓައިގެން ހުރެވުނީއެވެ.

"ބުނަން ވާހަކައެއް. ބުނާގޮތަށް ނެހެދިއްޔާ އަހަންނަށްވުރެ ނުލަފާ މީހެއް ދުނިޔެއަކު ނުވާނެ...ސަބަބަކީ ކަލޭގެ ބައްޕައާއި ބޭބެ ޖަލުގައިވީ. އެމީހުން ދިރިތިއްބާ ހެޔޮ ހާލުގައި ފެންނަން ބޭނުންތަ؟ ނޫނީ ފުރާނަނެތް މަސްގަނޑުދެކެން ބޭނުމީ؟" ގޮތެއް ނިންމާނީ ކަލޭ..........." ހުސާމް އިނގިލި ދިއްކޮށްލަމުން އިންޒާރުދިނެވެ. ކިތަންމެ އަޑުމަޑަސް ނުރައްކާތެރިކަމުން ފުރިފައިވިއެވެ. ދާނިޔާގެ މޭގަނޑު އަނގަޔަށް އައެވެ. ހުސާމް މިއައީ އޭނަ ބްލެކްމެއިލް ކުރަންހެއްޔެވެ؟ މިކުޅެނީ ކޮން ކުޅިގަނޑެއްހެއްޔެވެ؟ އޭނައަކަށް ނުވިސްނުނެވެ. ވާހަކަދައްކާއިރު އެއްވެސް އަދަބެއް ސަދަބެއް ނެތެވެ.

"ހެޔޮނުވާނެ. މިތަނުން ދޭ....އަހަންނަކަށް......"

"އާން ދެން މިރޭ އެއްބަސްނުވެ އަހަރެން މިތަނުން ގޮއްސިއްޔާ މިގެއަށް ގެންނާނީ ކަލޭގެ އާއިލާގެ އެންމެންގެ ބޯތައް...." ހުސާމް ދާނިޔާގެ ޖުމްލަ މެދުކެނޑިއެވެ.

ހުސާމްގެ ރަހުމެއްނެތް އަނިޔާވެރި ޖުމްލަތައް ދާނިޔާގެ ހިތް ވިރުވާލައިފިއެވެ. ކުޑަވެގެން ގޮސް އިހުނަށްވުރެ ކުޑަވެ ފަހަތަށް ޖެހެން ފެށުމުން ހުސާމް ކުރިއަށް އެއް ފިޔަވަޅުއެޅިއެވެ. "ބުނޭ ކިހިނެއް ހަދާނީ؟ އަހަންނާއި އިންނާނަންތަ؟"


"ވިސްނާނަން...." ދާނިޔާ ހިންދިރުވައިލިއެވެ.

"ދެމިނިޓް ދީފާނަން....." ހުސާމް އޭނަގެ އަތުގައިވި އެޕްލް ގަޑިނެގިއެވެ. ތަނުގައި ހިފާލާފައިވި ހިތްގައިމު ލުއި މީރުވަހުންވެސް ދާނިޔާއަށް ވީ އުދަގުލެވެ. އޭނަ މޭނުބައިކުރާގޮތްވިއެވެ. އަދާރާއާއިމެދު މި ނުލަފާ އިންސާނާ ކަންތައްކޮށްފައިވާ ގޮތުން ސިފަފެނުނަސް ފޫހިވާ ވަރުވާއިރު މިފަދަ ނުބައި ނުލަފާ ނިޔަތަކާއެކު ދާނިޔާގެ ހަޔާތަށް ވަދެފާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. ހުސާމްގެ ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވާ ޝައިތާނާ ކުޅެނީ ކޮންފަދަ ކުޅިގަނޑެއްކަމެއްވެސް އެނގެނީއެއް ނޫނެވެ.

"އަހަރެން ފޯނުކޮށްފައި ބުނާ އެންމެ ޖުމްލައަކުން ކަލޭގެ ބައްޕައާއި ބޭބެ މަރުވެދާނެ. އެކްސިޑެންޓެއް ހިނގާނީ...އެއްވެސް މީހަކަށް ތުހުމަތުގެ އިނގިލި ދިއްނުކުރެވޭގޮތަށް..."ހުސާމް ނުލަފާ ހިންޏެއް ހީލިއެވެ.

"ކޮބާ ވައިފް؟ އޭނަ..."

"އޭނައައިމެދު ވިސްނާށޭ ބުނެފިންތަ؟ އެއީ ތީނައަކާއި ބެހޭކަމެއްވެސް ނޫނެއްނު. އޭނަގެ ނަންގަނެގެން އިތުރަށް ރުޅި އަރުވަން ނޫޅޭތި...ބޭކާރު އަނގަ ތަޅަން ހަދައިގެން އެއްމިނިޓް ދިހަސިކުންތު ހިނގައްޖެ....." ހުސާމް ގަޑިދައްކައިލިއެވެ.

ދާނިޔާގެ މުޅި ހަށިގަނޑަށް ފިނިވިއެވެ. ބައްޕައާއި ބޭބެގެ ފުރާނައަށްވުރެ މިވަގުތު އެހެން އެއްވެސް އެއްޗެއް މުހިއްމެއްނޫނެވެ. އެމީހުންނަށްޓަކާ އޭނަގެ އުފާތައް ގުރުބާންކޮށްފާނެއެވެ. މިފަދަ މަޖުބޫރީ ހާލަތެއް އުމުރު ދުވަހުވެސް ކުރިމަތިވީއެއް ނޫނެވެ.

"ކޮބާ އައްޔާޝް....."

"ގަޑި ދަނީއޭ...." ހުސާމް ދަތްތަކަށް ބާރުލިއެވެ.

"އެންމެ ރަގަޅު. އަހަރެން މިހިރީ ތީނަ ބުނާގޮތަށް ހަދަން..."

"ތީނައެއްނޫން. ރީއްޗަށް ނަން ކިޔާނީ. ޔޫ އާ ސަޕޯސްޑް ޓު ލަވް މީ. ޚާއްސަކޮށް އަދާރާއާއި އަޔާގެ ކުރިމަތީގައި....."

ހުސާމް އޭނަގެ އަތުގައި އޮތް ފޯމެއް ދިއްކޮށްލިއެވެ.

"މީގައި މަގޭ ބައި އިންނާނީ ފުރާފައި. ޔޫ ކެން ފިލް ދި އަދާ ޕާޓް. އެކަމަކު ހަނދާން ކުރާތި. އިތުރު އެއްވެސް މީހެއްގެ ގާތު ބުނެފިއްޔާ ކަލޭގެ އާއިލާގެ މަރުގެ ޒިންމާ އުފުލަންޖެހޭނެ. ބުނަންޖެހޭނީ އައްޔާޝް ނުބުނެ ފުރައިގެން ދިޔައީމަ ހުސާމްގެ އެހީއަށް އެދި ގުޅީއޭ. އެހެންނޫނަސް ލޯބިވެސް ވަނީ ހުސާމް ދެކެއޭ....." ހުސާމް ޑައިލޮގްތައް ކިޔާދެމުން ދިޔަ ވަރަކަށް ދާނިޔާގެ ދުނިޔެވެސް އެނބުރިގަތްހެން ހީވިއެވެ. އަދާރާއާއި އޭނަ ޖައްސާލާ ދުޝްމިންކޮށް ނަފްރަތު އުފައްދަން މި ހުސާމް މަސައްކަތްފެށީއެވެ. ބަދަލު ހިފަނީ ކާކުގެ ފަރާތުން ހެއްޔެވެ؟ ދެރަވެގެންގޮސް ދާނިޔާގެ ލޮލަށް ހޫނު ކަރުނަ ޖަމާވާން އުޅުނެވެ.

"އޯކޭ މަގޭ ފިއުޗާ ވައިފް. އެކަމަކު ތަންކޮޅެއް ގިނައިން ކައިގެން ސްޓްރެޗިން ހަދައްޗޭ. އިސްކޮޅުން މާ ކުރު އަދި ހިކި........" ހުސާމް ދާނިޔާގެ ކޮލުގައި އަތް ޖައްސައިލަން އުޅުމުން ފަހަތަށް ދެމިގަތުމުން ފާރުގައި ބޯ ޖެހުމުން އަޑެއް ލައްވައިލެވުނެވެ. ހަގީގަތުގައިވެސް އޭނައާއި އައްޔާޝްގެ ކައިވެނީގެ ކަންތައްތަކާއި އުޅެން ހަދައިގެން އޭނައަށް ޒިކުރުތަކާއި އަޅުކަމާއިވެސް ދުރުވެވުނީއެވެ. މިއަދު އަސުރު ނަމާދަށްފަހުވެސް ޒިކުރު ނުކުރެވުނީއެވެ. އީމާންކަމަކީވެސް ބައެއްފަހަރު ވަރުގަދަވެ ޟައީފުވެސް ވާ އެއްޗެކެވެ. ލިބުނު ނިއުމަތްތަކުގެ ސަބަބުން ބައެއްފަހަރު އުފާކުރަން ހަދައިގެން ﷲ ސުބުހާނަހޫ ވަތައާލާގެ މަތިން ހަނދާންނެތި ދުނިޔޭގެ އުފާތަކުގެ ތެރެއަށް ޣަރަގުވެވިދެއެވެ.

"ކޮންއިރަކުން ބައްޕައާއި ދޮންބެ އަންނާނީ؟ ކޮން ގެރެންޓީއެއް އޮތީ އަހަރެން އެއްބަސްވީމަ....."

"އަހަންނެއްނޫން. އަދަބުވެރިކޮށް ވާހަކަދައްކާނީ. އަޅުގަނޑު ކިޔައިގެން....." ހުސާމް ލޯ ހަނިކޮށްލިއެވެ.

ދާނިޔާގެ މޫނު ރަތްވާގޮތްވީ ރުޅީގެ ސަބަބުންނެވެ. މިއީ ހަމަ ރަގަޅަށްވެސް ސައިކޯޕާތެކެވެ. ނަމަވެސް ރުޅީގެ މައްޗަށް ކެތްތެރިވުން އިސްކުރުމަކީ ބަލިކަށިކަމެއްނޫނެވެ. ކާމިޔާބަކީ އެއީއެވެ. އޭނަގެ އާއިލާއަށްޓަކާ ކުރާ ހަގުރާމައެއްގައި އަމިއްލަ ނަފުސް ގުރުބާން ކުރުމަށް އޭނަ ޖެހިލުމެއްނުވާނެއެވެ. ދުނިޔެއަކީ ކެހިވެރި ދަޅައެކެވެ.

"އޯކޭ. އަޅުގަނޑު އެއްބަސްވެއްޖެއްޔާ ބައްޕަމެން ސަލާމަތްވާނެކަމުގެ ގެރެންޓީ ދެވޭނެ؟"

ހުސާމް ނުބައި ޒާތަކަށް ހީލުމުން ދާނިޔާއަށް ސިފަކުރެވުނީ ބިރުވެރި "މޮންސްޓާ" އެއް ހެންނެވެ. އަދާރާ މި އިންސާނާދެކެ އެވަރަށް ލޯބިވަނީ ހަމަ ބޭރުފުށުގެ ރީތިކަމަށް ހެއްލިގެންނެވެ. އެތެރޭގެ ކަޅުކަމަކަށް އަދާރާ ފަރުވާލެއް ނުބެހެއްޓީއެވެ.

***

"ވަޓް؟" ޖުއާނާ ޖެޓުން ފޭބުމައެކު ހުސާމް ގުޅާފައި ދިން ޚަބަރުން ބޯ ހޫރައިލެވުނެވެ. ހުރިތަނަށް ގާވިފަދައެވެ. "މީހަކާއި ދެ އަންބަށް އިންނަނީއޭ؟"

"ޖުއާނާ ބޭނުންނުވަންޏާ ދެން ދާންވީނު. މަގޭ ފަރުވާލެއްނެތް..."

"މައި މަމް....ޝީވިލް ބީ ހާޓްބްރޯކެން ސޭމް. ތިއީ ކޮންފަދަ ކަމެއްތަ؟"

"ހުރިހާ ކަމެއްގެ ތަފްސީލަށް ނުދިޔަސް މިބުނީނު އަހަރެން މި ކައިވެނި ކުރާނަމޭ...."

"މަޖުބޫރީއެއް ކުރިމަތިވީތަ؟"

"ޖޫނީ ތިކޮޅުގައި ހުރެ އިންޓާންޝިޕް ނިންމާފައި އާދޭ. މަންމަ ހިތްދަތިވާންވީ ސަބަބެއް ނެގުނު. އަހަރެން މެރީ ކުރީ ޖޫނީގެ މަންމައަކާއި ނޫނެއްނު. އެހެންވީމަ މަންމަވެސް ދެން ތިހާވަރުން ސްޓްރެސްވުމުގެ މާނައެއްނެތް. މަންމައަށް ވިސްނައިދީ...."

"ސޭމް. މިފަހަރު ސީރިޔަސް ރިލޭޝަނެއް؟"

"ސީރިޔަސް ވީ ދުވަހަކުން ޖޫނީއަށް އެންމެ ކުރިން އެނގޭނީ..."

"ސޭމް އަންހެންކުދިންނަށް ލަނޑުދޭކަށް ނުވާނެ..."

"އާނ. އެންމެނަކީ އެންޖެލްސްއެއްނޫން. ދުނިޔޭގައި ޝައިތާނުން ލައްވާފައިވަނީ ސަބަބެއްނެތިއެއްނޫން..."

ކިތަންމެ ވަރަށް ހުސާމްއަށް މަގުދައްކާދޭން އުޅުނަސް އެއްވެސް ވާހަކައެއް ހުސާމް ގަބޫލުނުކުރާނެކަން ޖުއާނާއަށް އެނގުނެވެ. ހުސާމްއާއިމެދު ބައެއްފަހަރު ހަމްދަރުދީވެވޭއިރު އަނެއްބައިފަހަރު ނުރުހެވޭގޮތްވެސް ވެއެވެ. މާޒީގެ ތެރެއިން ނިކުމެގެން ދިރިއުޅުމެއް އާބާދުކުރުމުގެ މުހިއްމުކަން ޖުއާނާއަށް ވިސްނެއެވެ. ހުސާމްވެސް ޖެހެނީ ތެރަޕީ ނެގުމަށެވެ. އެނޫންގޮތަކަށް މިކަންތަކަށް ހައްލެއް ނުހޯދޭނެއެވެ.

***

އަދާރާ ތަފާތު ޚިޔާލުތަކެއްގައި ނުނިދިފައި އޮތެވެ. ދާނިޔާ އޮންލައިންގައި ނެތްތާ ފޯނަށް ގުޅިއިރު އޮތީ ނިވާލާފައެވެ. ކެތްނުކުރެވިގެން އެގެއަށް ދާން ހިތަށް އެރިޔަސް ދަންވަރު ގެއިން ބޭރަށް ނިކުތުން ރައްކާތެރިއެއްނޫނެވެ. ބޯކޮށް ވާރޭ ވެހިގަތް އަޑަށް ބިރުވެރިކަން ހިތަށް ވަދެގެން އަވަހަށް ކޮޓަރިން ނިކުމެގެން ސިޓިން ރޫމަށް އައިއިރު ކައުޗްގައި ހުސާމް އޮށޯވެލައިގެން އޮތްތަން ފެނުނެވެ. މިއޮތް ފިނިރޭވެސް ހުސްގަޔާ އެކަނި ސޯޓެއްގައެވެ. އޭސީވެސް ސޯޅައަށް ލައިގެންނެވެ.

"ހެލޯ..........." ހުސާމް ފޯނު އެއްފަރާތުގައި ބޭއްވިއެވެ.

"އަހަރެން ބޭނުމެއްނޫން ވާހަކަދައްކަން..."

"ހެހެ...އަހަންނަށް އެނގޭ ފޫހިވާނެވަރު އެކަމަކު ވަރަށް ލައިކްވޭ. ހަތަރު އަނބިން ހަމަކޮށްފައި ރިކޯޑެއްހަދަން މިހިރީ...ކޮންމެ ފަހަރަކު ހަތަރު އަނބިންނާއި ކައިވެނިކޮށްފައި ވަރިކޮށްފައި އަނެއްކާ ހަތަރު އާކުދިން ހޯދާނީ. ރަގަޅު އައިޑިއާއެެއްތަ؟"

"ދުނިޔޭގެ ހުރިހާ އަންހެންކުދިންނާއި އިނަސް އަހަންނަށް ފަރުވާލެއްނެތް...."

"މިނަލް ދެއްކި ވާހަކަތައް އިވުނޭ. އެކަމާއި ޖެލަސްވީ ދޯ...." ހުސާމް ތެދުވެފައި ބިންމަތީގައި އޮތް ޓީޝާޓުން ހަށިގަނޑު ފޮރުވިއެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ. "މި ޚަބަރުވެސް ނުބުނަން ހުރީ. އެކަމަކު ފޮރުވުމުގެ މާނައެއްނެތް. އަހަރެން މިއުޅެނީ އަދާރާގެ އެކުވެރިޔާ ދާނިޔާއައި ކައިވެނިކުރަން......"

އަދާރާގެ އަނގަ ހުޅުވުނެވެ.

"ދޮގު ނަހަދާ. ދާނިޔާ ނީންނާނެ...."

"އޭނަ އެއްބަސްވެއްޖެ. އަހަރެން ލިބެން ހުއްޓާ ކާކު ނޫނެކޭ ބުނާނީ..."

"ދާނީއަކީ އަޅުވެރި މާތް އަންހެންކުއްޖެއް. ނީންނާނެ ކިތަންމެ ސަބަބެއް އެބަހުރި. ހުސާމްދެކެ ދާނީ ހޭޓްކުރާ ހަންޑްރެޑް އެންޑް ވަން ރީޒަންސް އެބަހުރި......." އަދާރާގެ ހިތް އޭރު ބާރުބާރަށް ތެޅެމުން ދިޔައެވެ. ދާނިޔާ ފޯނު ނިވާލައިގެން އުޅޭ ސަބަބަކީ އެއީހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. ދާނިޔާއަކީ އުސޫލުތަކުގައި ހިފަހައްޓާނެ އަންހެންކުއްޖެކެވެ. ހުސާމްއަށް ހުރިހާ ކުދިން މޮޔަވިޔަސް ދާނިޔާ ހުސާމްގެ ފަހަތުން ނުދުވާނެއެވެ. އައްޔާޝްއާއި ކައިވެނި ހަމަޖެހިފައި އޮތްވާ ދާނިޔާ ހުސާމްއާއި ދިމާލަށް ބަލާވެސް ނުލާނެއެވެ. ހުސާމްއަކީ ދޮގުވެރިއެކެވެ. މަކަރުވެރިއެކެވެ.

"ތިހުރިހާ ސަބަބަކާއެކީގައިވެސް ކައިވެނިކުރާނެއްނު. ނޫނީ އަދާރާހެން ލަދެއްގައި ބެދޭނީ. ކައިވެނިކުރަން ރަންކިޔާފައި މަޖިލީހަށް ނައީމަ އެ އިހުސާސް އަދިވެސް ހަނދާން ނެތޭނެ ދުވަހެއްނުވޭ. ދާނިޔާވެސް ދުނިޔޭގެ ލަދުން ސަލާމަތްވާންކަން ނޭގޭ. ނޫނީ ހަމަ ލޯތްބަށްޓަކާ.....އައްޔާޝް ކައިވެނިނުކޮށް ފުރައިގެން ހިގައްޖެ..........." ހުސާމް ކިޔައިދިނީ ފަރުވާކުޑަގޮތަކަށެވެ.

އަދާރާ އަވަހަށް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދާނިޔާއަށް ފުލުފުލުގައި މެސެޖްކުރިޔަސް ފޯނު ނިވާލާފައި އޮތީމަ ޚަބަރެއްވާނީ ކިހިނެއްހެއްޔެވެ؟

"ޢަދާ ހާސްނުވޭ. ދާނީ މިގަޑީގައި ނިދާނީ. މިއަދުވެސް ބިޒީދުވަހެއްވީމަ.. ހުސާމްފަދަ މަކަރުވެރިއެއްގެ ވާހަކަތައް ގަބޫލުކުރާނީ މޮޔައެއް. އެކަމަކު ހުސާމްގެ ވާހަކަތަކަކީ ތެދެއްހެން ހީވަނީ ކީއްވެ؟" އަދާރާ މޫނުގައި ބާލީސް ޖައްސާ ބާރުކޮށްލިއެވެ.

***

ދާނިޔާ ތަހައްޖަދު ނަމާދުކޮށްގެން ދުޢާކުރަން އަތް އުފުލާލައިގެން އިންއިރު ކޯތާފަތްމަތިން ކަރުނަތިކިތައް ދެމެމުން ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު