ޖަރުމަނުވިލާތުގެ ބާލިންގައި މިއަހަރުގެ މާޗްމަހުގެ ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޫރިޒަމް ފެއާއެއް ކަމަށްވާ، އައިޓީބީ ބާލިންއަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ފަށައިފިއެވެ.
ދުނިޔޭގައި ބާއްވާ ޓޫރިޒަމުގެ އެންމެ ބޮޑު އެއް ފެއާކަމަށްވާ، ބާލިން ފެއާގައި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ފަށާފައިވާއިރު، އެކޯޕަރޭޝަނުން ވަނީ އައިޓީބީ ފެއާގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ހުށަހަޅައިދޭނޭ މީހުން ހޯދުމަށް ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފައެވެ.
މީގެ އިތުރުން އައިޓީބީ ފެއާގެ ތެރޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ދިވެހި ކެއުން ތައްޔާރުކޮށްދޭނޭ މީހުން ހޯދުމަށްވެސް އެމްއެމްޕީއާރުސީން ވަނީ ގެޒެޓުގައި އިއުލާނުކޮށްފައެވެ.

2016 ވަނަ އަހަރު ބޭއްވި އައިޓީބީ ފެއާގެ ތެރެއިން--- ފޮޓޯ/ސަން
މިފަހަރުގެ އައިޓީބީ ފެއާއަށް އެމްއެމްޕީއާރުސީން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ވިދާޅުވީ، އައިޓީބީ ފެއާގައި މިފަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 90 ކުންފުންފުންޏަކުން 180 އަށްވުރެ ގިނަ މީހުން ބައިވެރިވާނޭ ކަމަށެވެ. ތައްޔިބު ވިދާޅުވީ، މިފަހަރުގެ ފެއާއަށްވެސް ޓޫރިޒަމް ސިނާއަތުގެ ކުންފުނިތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.
"މިފަހަރުގެ ފެއާ މީގެކުރިން ބޭއްވި ފެއާތަކާ ވަރަށް ތަފާތުވާނެ. މީގެކުރިން ފެއާ ފަސް ދުވަހަށް ކުރިއަށްދިޔަ ނަމަވެސް މިފަހަރު ކުރިއަށްދާނީ ތިން ދުވަހަށް. މިފަހަރުގެ ފެއާ ކުރިއަށްދާނީ ބީޓުބީ މީޓިންތަކަށް އިސްކަންދީގެން. އެހެންކަމުން ދުރާލައި ތައްޔާރުވެގެން ފެއާއަށް ދިއުމަކީ އަޅުގަނޑުމެން ވަރަށް އެދޭކަމެއް،" ތައްޔިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑަށްފަހު މިފަހަރުގެ ބާއްވާ އައިޓީބީފެއާ ވަރަށް މުހިއްމު ކަމަށާއި، ފެއާގެ ތެރޭގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ކަންކަން ވީ އެންމެ ފުރިހަމައަށް ކުރިއަށްގެންދާނޭކަމަށެވެ.

2016 ވަނަ އަހަރު ބޭއްވި އައިޓީބީ ފެއާގެ ތެރެއިން--- ފޮޓޯ/ސަން
މިފަހަރުގެ އައިޓީބީ ފެއާ ކުރިއަށްދާނީ މާޗްމަހުގެ ހަތަކުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. އައިޓީބީ ފެއާއަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ގޮތުން ރާއްޖެއިން ބައިވެރިވާ އެންމެ މުހިންމު އެއް ފެއާއެވެ.
ޖަރުމަނުވިލާތަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވަރަށް މުހިއްމު މާކެޓެއްގެ ގޮތުގައި ޓޫރިޒަމް ސިނާއަތުން ފާހަގަކުރާ މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖަރުމަނުވިލާތުން ރާއްޖެއަށް 122،440 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ގައުމުގެ ތެރޭގައި ޖަރުމަނުވިލާތް ހިމެނެއެވެ.