ނެޓްފްލިކްސްގެ އެންމެ ބޮޑު ހިޓު އެއް ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ލީޑް ކާސްޓުންގެ ތެރޭގައި ހިމެނޭ އެކްޓަރުންނަށް ފަހު ސީޒަންގައި ލިބޭ އާމްދަނީ އާންމުކޮށްފިއެވެ.
ޝޯގެ ފަހު ސީޒަނަށް ދާއިރު ޝޯގައި ރެގިއުލަރުންގެ ގޮތުގައި 20 ތަރިއެއް ފެންނާނެ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ އިންސައިޑާ އިން ރިޕޯޓް ކުރެއެވެ. މިއާއެކު ނެޓްފްލިކްސް އިން އާމްދަނީ ވަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ.
އާމްދަނީ ލިބޭ ކާސްޓުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޝޯގެ ބްރޭކްއައުޓް ތަރި މިލީ ބޮބީ ބްރައުންއެވެ. އޭނާގެ އާމްދަނީ ވަރަށް ބޮޑު ކަމަށާއި ނެޓްފްލިކްސްގެ އެކި ޑީލްތަކާއެކު އޭނާގެ އާމްދަނީ 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުވުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ވިނޯނާ ރައިޑާ އާއި ޑޭވިޑް ހާބާއެވެ. ޖޮއިސް އާއި ހޮޕާގެ ރޯލުން ފެންނަ މި ދެ އެކްޓަރުންނަށް ފަހު ސީޒަނަށް 9.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.
ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބޭނީ އޮރިޖިނަލް ކާސްޓުގައި ހިމެނޭ ގޭޓެން މަޓަރާޒޯ އާއި ކޭލެބް މެކްލޯގްލިން އާއި ފިން ވުލްފްހާޑް އަދި ނޮއާ ޝްނެޕް އަށެވެ. މިއިން ކޮންމެ އެކްޓަރަކަށް މި ސީޒަންގައި ހަތް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. މިއާއެކު ގްރޫޕަށް އިތުރުވި އާ މެމްބަރު ސޭޑީ ސިންކް އަށް ވެސް ހަތް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ލިސްޓުގައި ދެން ހިމެނެނީ ޗާލީ ހީޓަން އާއި ނަޓާލިއާ ޑާޔާ އެވެ. މިއިން ކޮންމެ އެކްޓަރަކަށް ވެސް ހަ މިލިއަން ޑޮލަރު ލިބޭނެއެވެ. ދެން ހިމެނޭނީ ޖޯ ކީރީ އާއި މާޔާ ހޯކް އެވެ. ދެ އެކްޓަރުންނަށް މި ސީޒަންގައި ހަ މިލިއަނަށް ވުރެ ގިނަ ނުވާނެ ވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޝޯގެ ފަހު ސީޒަންގެ މަސައްކަތް މިހާރު ފަށާފައިވާއިރު އަންނަ އަހަރުގެ ތެރޭގައި ފަހު ސީޒަން ދައްކަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.