އާޓް ގެލެރީ ބަންދުކޮށް، ގިނަ ދުވަސްވާތީ ކަންބޮޑުވުންފާޅުކޮށްފި

"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަންގެ ފަންނުވެރިންގެ ހުނަރުތަކުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ނެޝެނަލް އާޓް ގެލެރީ މަރާމާތަށް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވަމުންދާތީ ދިވެހި އާޓިސްޓުންގެ ޖަމުއިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާޓް ގެލެރީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވަމުން ދާ ކަމުގެ މައުލޫމާތު ލިބެމުން ދާ ކަމަށެވެ. އަދި އެ ބަންދާ ގުޅިގެން، އެ ޖަމުއިއްޔާގެ ފަރާތުން ރާވައި ހިންގަން ހުރި ގިނަ އާޓް އިވެންޓުތައް ވެސް ނުބޭއްވި ގިނަ ދުވަސްވަމުން ދާ ކަމަށް އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ ޚާއްސަކޮށް، ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވުމަކީ ރާއްޖޭގެ އާޓްގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކިފަހަރުމަތިން އެ ޖަމިއްޔާއިން ވާހަކަދައްކާ، މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެގޮތުން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި މިނިސްޓްރީގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ ބައެއް މީހުންނާ ވެސް އެކިފަހަރުމަތިން ބައްދަލު ކޮށްފައިވާ ކަމަށް ބަޔާނުގައިވެއެެވެ.

އެ ޖަމުއިއްޔާއިން ބުނީ މިއަދާ ހަމައަށް ވެސް އެދެވޭ ނަތީޖާއެއް ފެންނަމުން ނުދާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް އާޓް ގެލެރީ ހުޅުވި، އާޓީސްޓުންނަށް ތަނުގެ ބޭނުން ހިފަން ފުރުސަތު ލިބިގެން ދިއުމަކީ އެ ޖަމުއިއްޔާގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައިވެއެވެ.

އެކަމާ ގުޅިގެން އާޓްސް މިނިސްޓްރީއިން ބުނީ އާޓް ގެލެރީގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ބުކިންއަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާއިރު އަންނަ މަހުގެ ކުރީކޮޅު އެތަން ހުޅުވާލުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް