ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާން ފަށައިފި

މަސްވެރިން ދޮށިއެޅުމުގައި. މިދުވަސްވަރު ދެކުނަށް ވަނީ މަސްވެރިކަން ރަނގަޅުވާން ފަށާފައި

މޫސުން ގޯސްވުން ފަދަ ސަބަބުތަކާ ހެދި މަސްވެރިކަން ދަށްވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އަނެއްކާވެސް މަސްވެރިކަން ރަނގަޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަމުން ތ. ވަންދޫ އަސްދާނު ދޯނީގެ ކެޔޮޅު އިބްރާހިމް ނާފިޒް ބުނީ، މޫސުން ރަނގަޅުވުމާއެކު، އަނެއްކާވެސް މަސްވެރިކަން ރަނގަޅުވާން ފަށާފައިވާކަމަށެވެ. މިގޮތުން ކަނޑުމަހުގެ މަސްވެރިކަން މިދުވަސްވަރު ވަރަށް ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ. ދޯނިތަކުން މަސްބާނާ އަދަދު އިތުރުވެ، އަމިއްލަ ބައެއް ކުންފުނިތަކުން މަސް ގަންނަ އަދަދު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް ކެޔޮޅު ބުންޏެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ގއ. ކޫއްޑޫގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް ކިރުވާ މަހުގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.

ކޫއްޑޫއިން ވާހަކަދެއްކި އޮފިޝަލް ވިދާޅުވިގޮތުގައި ފާއިތުވި ދެ ދުވަހު ކޫއްޑުއަށް ވަނީ 757.4 މެޓްރިކްޓަނުގެ މަސް ކިރުވާފައެވެ. މި މުއްދަތުގެ ތެރޭގައި 138 ދޯންޏަކުން ވަނީ ކޫއްޑޫއަށާއި، ކޫއްޑޫގެ މަސްކިރާ ބޯޓުތަކަށް މަސްކިރުވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން އެންމެ ގިނައިން މަސް ކިރުވާފައިވަނީ ކޫއްޑޫއަށްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެންސިސްގެ ޖެނެރަލް މެނޭޖަރު ހުސައިން އަފީފް ވިދާޅުވީ ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް އުތުރަށް އަދި މަސްވެރިކަން ރަނގަޅު ނުވާކަމަށެވެ.

"ކަންނެލީގެ މަސްވެރިކަމެއް އަދި ނެތް. ކަނޑުމަހުގެ މަސްވެރިކަން އަދި އުޅެނީ ވަރަށް ދަށުގައި," ހުސައިން އަފީފް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި މަސްވެރިން މަހަށް ނިކުންނަށް ފަށާފައިވާއިރު، މިދޭތެރެއިން މަސްވެރިކަން ދަށްވެ، މޫސުންވެސް ގޯސްވުމުގެ ސަބަބުން ގިނަ ދޯނިތަކުން މަހަށް ނުފުރައެވެ.

comment ކޮމެންޓް