ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މެޑަމް ފަޒްނާ، ރެހެންދި އެވޯޑް ބޭފުޅަކަށް ހަވާލުކޮށް ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ޖެންޑާ މިނިސްޓްރީއިން ދެމުން އަންނަ "ރެހެންދި އެވޯޑް"އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެންޑާއިން ބުނީ އެ މިނިސްޓްރީއިން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެ އެވޯޑުގެ މަގުސަދަކީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުން ކަމަށެވެ.

އެގޮތުން އެ އެވޯޑަކީ ރާއްޖޭގެ ގައުމީ ތަރައްގީއާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއެކު އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެއް ކަމަށް ވެސް މިނިސްޓްރީއިން ފާހަގަކުރެއެވެ.

އެ އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

1. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ

- ލީޑަޝިޕް އަދި ގަވަނަންސް

- އިޤްތިޞާދީގޮތުން ބާރުވެރިކުރުން

- އިޖުތިމާޢީގޮތުން ބާރުވެރިކުރުން

- އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"
2. އިންސްޓިޓިއުޝަނަލް ޖެންޑާ މެއިންސްޓްރީމިން – ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

އެ އެވޯޑަށް އެދި ނަން ހުށަހެޅޭނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު ޖެންޑާ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ. އަދި އެ ފޯމު، ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ފާއިތުވި 2022 ވަނަ އަހަރު އަށް މީހަކަށް އެ އެވޯޑު ލިބިފައިވެއެވެ.

comment ކޮމެންޓް