ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންނެވުން / އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރު ޝާހިދު ---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެގޮތުން އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި، ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ. އެގޮތުން، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންނެވުން: އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރު ޝާހިދު ---- ފޮޓޯ: ރައީސް އޮފީސް

އަދި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، މި ދަތުރުފުޅުގެ ހަވާސާގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗޭމްބާ އޮފް ކޮމާސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ކުރީގެ އަސްކަރީ ކޮމާންޑަރެކެވެ. އެމަނިކުފާނަކީ ދުނިޔޭގެ ނިސްބަތުން ވެސް ގައުމެއްގެ ވެރިޔެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވާ އެއް ލީޑަރެވެ. މިއީ އެމަނިކުފާނު ބޮޑުވަޒީރުކަން ކުރައްވާތާ 38 ވަނަ އަހަރެވެ.

ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ.

comment ކޮމެންޓް