ހުޅުމާލޭ ހޮސްޕިޓަލުގެ ކްލިނިކެއް ހިޔާ ފުލެޓުގައި ހުޅުވަނީ

ހިޔާ ފްލެޓް

ހުޅުމާލޭ ހޮސްޕިޓަލުގެ ކްލިނިކެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ހިޔާ ފުލެޓުގެ އެޗް-16ގައި ހުންނަ މި ކްލިނިކުން މާދަމާއިން ފެށިގެން ބަލި މީހުން ބަލަމުން އަންނާނެކަމަށެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވާ ކްލިނިކުން އެންމެ ފުރަތަމަ ފަރުވާދޭނީ އާންމު ބަލިތަކަށެވެ. ނަމަވެސް ވަކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކަށް މި ކްލިނިކް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.

މި ކްލިނިކާއެކު ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، އެސްޓީއޯގެ ފާމަސީއެއް ހުންނާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި އެތަނުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އެހެނިހެން ބައެއް ޚިދުމަތްތައްވެސް ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 05:00އަށް އެ ކްލިނިކުން ހިދުމަތް ހޯއްދެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އެ ހޮސްޕިޓަލުން ބުނީ، ހުޅުމާލޭގެ އާބާދީ އިތުރުވުމާއި ގުޅިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަ މީހުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށެވެ. އަދި މިިދިޔަ ދެ ހަފްތާގެ ތެރޭގައި އެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ.

މި ކްލިނިކްގެ ސަބަބުން އެ ހޮސްޕިޓަލަށް ދައްކަން އަންނަ މީހުން މަދުވެ ޚިދުމަތް ދިނުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ދެވަނަ ފިޔަވަހީގައި ހުޅުވާ ހުޅުމާލޭ ހޮސްޕިޓަލުގެ ކްލިނިކް -- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް

ދެވަނަ ފިޔަވަހީގައި މާދަމާ ހުޅުވިގެންދާ ކްލިނިކާއެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށީއިރު ސިއްހީ ހިދުމަތް ފަދަ އެންމެ ޒަރޫރީ ހިދުމަތްތައް ވެސް އެ ސަރަހައްދުން ލިބެން ނެތްކަމުގެ ޝަކުވާ ބޮޑެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޑޮކްޓަރަށް ދައްކަން ދާން ޖެހެނީ ފުރަތަމަ ފިޔަވައްސަށް ނުވަތަ މާލެއަށެވެ.

comment ކޮމެންޓް