ހުންގަދަ ވެގެން ފަރުވާދެމުން ދިޔަ ގައިދީއަކު މަރުވެއްޖެ

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޒުކުރުމަށް ގެނައި ގައިދީއަކަށް ހުން ގަދަވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެފައި ވަނީ ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު، 36 ކަމަށެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ އެންމެ ފުރަތަމަ ގެންދިޔައީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ކަމަށެވެ. އެތަނުގައި ވަގުތުން ފަރުވާދިނުމަށް ފަހު ހާލަތު ދެރަވާތީ ރޭ 10:00 ޖަހާކަށް ހާއިރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އޭގެ ފަހުން އޭނާގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ހެނދުނު 10:40 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފަ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި ހަ މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުޒުކުރަމުންދިޔަ ގައިދީއެކެވެ. އޭނާ މިމަހުގެ އަށް ވަނަ ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫން ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އޭނާ މަރުވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އަންގާފައި ކަމަށް އެ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް