އިލްމާއި އަޚުލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ޤުރުއާނުގެ މަންހަޖަށް ރުޖޫއަވެގެން: ޚުތުބާ

މީހަކު މިސްކިތުގައި ކީރިތި ގްރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލްމާއި އަޚުލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރުއާނުގެ މަންހަޖަށް ރުޖޫއަވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އިލްމީ އުއްމަތް ދުނިޔޭގެ އަލިކަން ދެކުންތާ މާ ގިނަ ދުވަސްތަކެއް ނުވެ ދުނިޔެ ސިއްސުވާލިފަދަ ހަރުދަނާ ލީޑަރުންނާއި ގަދަފަދަ ކޮމާންޑަރުންނާއި ބޮޑެތި އިލްމުވެރިން އުފެދުނު ކަމަށެވެ.

އެގޮތުން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި އޭރު ތިއްބެވި އިސްލާމީ އިލްމުވެރިން ވަނީ އެތައް އިލްމެއް ތަޖުރިބާކޮށް ކުރި ހޯދާފައި ކަމަށާއި އޭރު މުސްލިމުން ވަނީ އެ މީހުންނަށް ތަބާވެގެން ނޫނީ އެހެންބަޔަކަށް ކުރިއަށް ނުދެވޭ ވަރަށް ކުރިއަރާފައި ކަމަށް ޚުތުބާގައި ބުންޏެވެ.

"މި ކުރިއެރުން މުސްލިމުންނަށް ލިބުނީ ހަރުދަނާ އަގީދާއަކާއި ވަރުގަދަ އިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ބިނާ ކުރެވުމުންނެވެ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން މިހާރުވެސް އަދި ދެންވެސް އިސްލާމީ އަޚުލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރުއާނުގެ މަންހަޖަށް ރުޖޫއަވެގެން ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން އެ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖުކަމަށާއި ޤުރުއާނަށް ފުންކޮށް ނަޒަރު ހިންގުމުން މާތްﷲއަށް މަޢުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ ޤުރުއާންކަން ދޭހަވާކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނި ގޮތުގައި އިލްމާއި އަޚުލާގުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންވާނަމަ ޤުރުއާނުގައިވާ މަތިވެރި އަގީދާ އާއި އޭގައިވާ މަތިވެރި އިލްމު ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދޭން ޖެހެއެވެ. އަދި އެކަން ކޮށްނުދެވިއްޖެ ނަމަ ގައުމު ދާނީ އެއްދުވަހުން އަނެއް ދުވަހަށް ނިކަމެތިވެ ދަށު ދަރަޖައަކަށް ވެއްޓެމުން ކަމަށް ޚުތުބާގައި ބުންޏެވެ.

"ދަރީންގެ އުނގެނުމާއި ތަރުބިއްޔަތުގައި ހުރިހާ ދިމާއަކުންވެސް ޤުރުއާނުގެ މަންހަޖު ހިމަނަން ޖެހޭ. އޭގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވއިދިނުމުގެ ބަދަލުގައި އެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތްތަކާ ހަމައަށް ކިޔަވާކުދީންގެ ވިސްނުން ވާސިލްކޮށްދެން ޖެހޭ. އެ ހަގީގަތްތަކުގެ މަތީގައި އިމާންކަންމުގެ ބިންގާ ހަރުދަނާ ކޮށްދެން ޖެހޭ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޅަދަރީންނަށް ޤުރުއާނުގައިވާ ވާހަކަތަކުން އިބުރަތް ހާސިލުކޮށްދީ އޭގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ އާޔަތްތަކާއި ނަރަކައިގެ ބިރުވެރިކަމުގެ އާޔަތްތަކުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމާއި ރޫހާނީ ދުޅަހެޔޮކަމުގެ ތިލަފަތް ހަމަކޮށްދެންޖެހޭ ކަމަށެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ﷲމަޢުރިފާކޮށްދެވި ނުގުޑާފަދަ ޔައުހީދުގެ ބިންގަލެއްގެ މަތީގައި ޖީލެއް ބިނާކުރެވިއްޖެނަމަ އިސްލާމީ އުއްމަތް އޭގެ އަސްލު މަގާމަށް ރުޖޫއަވެގެން އަންނާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް