ރާއްޖޭގެ އިގްތިސާދު ދެމިއޮތީ ބީއެމްއެލްގެ ސަބަބުން: ރައީސް ޞާލިހު

ރައީސް ސާލިހު ވާހަކަދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އިގްތިސާދު ދެމިއޮތީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއިލް)ގެ ސަބަބުންކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ކްރޮސް ރޯޑުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ދިރުމެއް ބީއެމްއެލްއިން ގެނެސްދީފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ވީއިރު، އެ ދެ ތަނބުގެ މަތީގައި އިގްތިސާދު ހިފެހެއްޓި މި އޮންނަނީ ވެސް ބީއެމްއެލްގެ ހަކަތައާއި ފަންވަރުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިންގެ އަމިއްލަ ބޭއްކެއް އުފެދި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް މި ބޭންކުން ފަހުކޮށްދިނުމާއެކު، ދިވެހި މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ކުރިއަރައިގެން ހިނގައްޖެ" ރައީސް ޞާލިހް ވިދާޅުވިއެވެ.

އެގޮތުން އެ ކުންފުނިން ދޫކުރި ލުއި ލޯނުތަކުގެ ސަބަބުން މަސްވެރިކަން އިތުރަށް ފުޅާވެ ކުރިއަރައިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ލޯނުތަކުގެ ސަބަބުން ފަތުރުވެރިމަށް ވެސް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލްގެ ސަބަބުން އުމްރާނީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކުންފުނީގެ އުމުރުން ފާއިތުވެގެން މިދިޔަ 40 އަހަރުގެ ތެރޭގައި، އެބޭންކުން ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.

"މީގެ 40 އަހަރު ކުރިން ރާއްޖޭގައި މި ބޭންކު ހުޅުވިއިރު މި މާލޭގައި ވެސް ބުރިބުރިއަށް ނަގައިފައި ގެތައް ވަރަށް މަދު. އެއީ ވެސް ދެބުރި ނުވަތަ އެންމެ އުސްވެގެންވެސް ތިނެއް ނުވަތަ ހަތަރު ބުރިއަށް ރާނައިފައި ހުރި އިމާރާތްތައް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން މާލޭގެ އިމާރާތްތައް ބުރިބުރިއަށް ނަގައި ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ، ވިޔަފާރީގެ ދޮރުތައް ހުޅުވުނީ ބީއެމްއެލްއިން ފޯރުކޮށްދިން މާލީ އެހީތެރިކަމުގެ ސަބަބުންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ބީއެމްއެލް ވުޖޫދުވުމުގެ ކުރިން ތިން ބޭންކެއް ރާއްޖޭގެ ހިންގަމުންއައި ނަމަވެސް ދިވެހިންނަށް ލިބެންޖެހޭ ފުރިހަމަ މަންފާ ލިބެންފެށީ ބީއެމްއެލް ވުޖޫދަށް އައުމުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް