ވިޔަފާރިތަކުން މީރާއަށް ރަސީދު ހުށަހަޅައިގެން އަގުހުރި އިނާމް ހޯދުމުގެ ފުރުސަތު

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ރޭޓުތަކަށް އައިސްފައިވާ ބަދަލާގުޅިގެން، ވިޔަފާރިތަކުން ރަސީދު ތައްޔާރު ކުރަމުން ދަނީ ރަނގަޅަށްތޯ ބެލުމަށް، "ކޮބާ ރަސީދު" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕޭނެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފިއެވެ.

މި ކެމްޕެއިންގައި އެކި ފައިސާގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ކެމްޕޭންގައި ބައިވެރިވެގެން ޖުމުލަ 36,000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމަހުގެ 15 އިން ފެށިގެން މުދާ ވިއްކާ ފިހާރަތަކުންނާއި ޚިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދައި، ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބާ ނަމްބަރު 7291415 އަށް ފޮނުވުމުން ކޮންމެ ފަރާތަކަށް ވެސް މި ކެމްޕޭންގައި ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، މި މުބާރާތް ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ތަންތަނުން އެންމެ ގިނަ އަދަދަކަށް ރަސީދު ހުށަހަޅަފައިވާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕޭނާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

comment ކޮމެންޓް