ޔާމީން މައްސަލައިގެ ތަފުސީލީ ރިޕޯޓު މިއަދަކުވެސް ނުލިބުނު

އިދިކޮޅުން މިއަދު ކްރިމިނަލް ކޯޓުގައި --- ފޮޓޯ/ ޕީޕީއެމް

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މިއަދުވެސް ނުދޭ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މަހު 25ގައެވެ. އެކަމަކު، އެ މައްސަލައިގެ ތަފުސީލީ ރިޕޯޓާއި މަހުޟަރު ބަޔާންތައް ލިބުން ލަސްވާތީ އިސްތިއުނާފުގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އެހެންވެ، ތަފުސީލީ ރިޕޯޓު ހޯދަން އިދިކޮޅު ޕީޕީއެމުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ގޮސްފައެވެ. ނަމަވެސް، މިއަދުވެސް ތަފުސީލީ ރިޕޯޓު ދޫކޮށްފައެއް ނުވެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު މިއަދު "ސަން"އަށް ވިދާޅުވީ ޔާމީން މައްސަލައިގެ ތަފުސީލީ ރިޕޯޓު ލިބުން ލަސްވުމުން ކްރިމިނަލް ކޯޓުގެ ރަޖިސްޓަރާއާ ބައްދަލުކުރަން މިއަދު އިދިކޮޅުން އެދިފައިވާނެ ކަމަށެވެ. އެކަމަކު، ރަޖިސްޓަރާއާ ބައްދަލުވެފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ތަފުސީލީ ރިޕޯޓު ލަސްވާތީ ކޯޓުގެ ރަޖިސްޓަރާއާ ބައްދަލުކުރަން. އެކަމަކު ކޯޓުން ބުނީ ރަޖިސްޓަރާއާ ބައްދަލުވާނީ ހަމައެކަނި ވަކީލުންނަށް ކަމަށް" އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު މީގެ ކުރިން ވިދާޅުވީ ހުކުމްކުރި ދުވަހުން ފެށިގެން ރަސްމީ 14 ދުވަސް ތެރޭގައި އެ ބަޔާންތައް ދިފާއީ ވަކީލުންނަށް ދޫކުރާނެ ކަމަށެވެ. އެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

ދަށު ކޯޓުން މައްސަލަ ނިންމާ ދުވަހުން ފެށިގެން ހައިކޯޓުގައި އިސްތުއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބެއެވެ. އެ މުއްދަތް ހަމަވާން އަދި ކައިރި ނުވި ނަމަވެސް އިސްތިއުނާފު ލަސްވުމުން، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެ ކަމުގެ ކަންބޮޑުވުން ބޮޑެވެ.

comment ކޮމެންޓް