މެދުއިރުމަތީގައި ރާއްޖެ ޕްރޮމޯޓުކުރަން އެމްއެމްޕީއާރްސީގެ ކެމްޕޭނެއް

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

ގަތަރާއި މެދުއިރުމަތީގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް, މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ކޮޒްމޯ ޓްރެވަލާއެކު އާއެކު ހައިބްރިޑް މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.

މާޗު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން ކޮޒްމޯ ޓްރެވަލްއާއެކު ކުރިއަށް ގެންދާ މި ކެމްޕޭންގައި އޮންލައިންކޮށް އަދި އޮފްލައިންކޮށް ވެސް މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް މާކެޓު ކުރުން ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖެއާ ގުޅުން ހުރި އިޝްތިހާރާއި ޕޯސްޓްތައް ކޮޒްމޯ ޓްރެވަލްސްގެ ވެބްސައިޓާއި ގޫގުލް ޑިސްޕްލޭ ނެޓްވޯކް އަދި ޔޫޓިއުބް މެދުވެރިކޮށް ގަތަރާއި މެދުއިރުމަތީގެ މާކެޓުގައި ދައުރު ކުރާނެއެވެ.

އަދި ކޮޒްމޯ ޓްރެވަލްގެ ޑާޓާބޭސްގައި ހިމެނޭ ފަރާތްތަކަށް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދީ، ގަތަރާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހުންނަ އެ ކުންފުނީގެ ރީޓެއިލް އައުޓްލެޓްތަކުގައި ވެސް ރާއްޖޭގެ އިޝްތިހާރުތައް ބަހައްޓާނެއެވެ.

މި ކެމްޕޭނަށް 1.1 މިލިއަން އިމްޕްރެޝަންސް ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

ކޮޒްމޯ ޓްރެވަލަކީ މިނިވަން އަދި ކޯޕަރޭޓް ދަތުރުވެރިންނަށް ރެޑީ-މޭޑް އަދި ކަސްޓަމައިޒްޑް ޓްރެވަލް ޕެކޭޖުތައް ވިއްކާ ޓްރެވަލް މެނޭޖްމަންޓް ކުންފުންޏެކެވެ.

ކޮޒްމޯ ޓްރެވަލްއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޓިކެޓް ވިއްކުމާއި، އިންބައުންޑް އަދި އައުޓްބައުންޑް ހޮޓަލް ބުކިން ހަދައިދިނުމާއި، ވިސާ ޕްރޮސެސް ކުރުމާއި، މަންޒިލްތަކުގައި އެކްޓިވިޓީ ޕްރޮގްރާމްތައް އިންތިޒާމް ކުރުން ހިމެނެއެވެ. ކޮޒްމޯ ޓްރެވަލްގެ 73 އަށް ވުރެ ގިނަ ގޮފި މުޅި މެދުއިރުމައްޗާއި އިންޑިއާގައި ހުރެއެވެ.

މިދިޔަ އަހަރު މެދުއިރުމަތިން ރާއްޖެއަށް 100،494 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މުއްދަތުގައި ގަތަރުން ރާއްޖެއަށް އައިސްފައިވަނީ 6،060 ފަތުރުވެރިންނެވެ.

އެހެންވެ މި މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް