ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ ސައްޙަކަން ކަށަވަރުކޮށް ނިންމަނީ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

މާލޭ ސިޓީގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދިނުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް އަންނަ މަހުގެ ނިޔަލަށް ނިމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، ޖުމްލަ 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 15،164 ފޯމާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމުގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ހުށަހަޅާފައިވާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އަންނަ ފެބްރުއަރީ މަހުތެރޭ މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ދެ ސްކީމްގެ މަސައްކަތް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ވައުދުފުޅާ އެއްގޮތުގެ މަތީން ކުރިއަށް ދާނެ،" އަކުރަމް ކަމާލުއްދީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މާލޭގެ މެންބަރުންނާއި ކެމްޕޭން ޓީމުތަކާއެކު ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވީ ގޯތި ދިނުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށާއި އެކަން ވީހާވެސް ރަނގަޅަކަށް ކުރުމަށްފަހުގައި މިއަހަރު ތެރޭގައި ގޯތި ދޫކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ދެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އެޕޯލޯ ހައުސިން މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އެޅުމަށް ހަމަ ޖެހިފައިވާ ކައުންސިލް ހައުސިން ޔުނިޓްގެ 120 ޔުނިޓާއި އެފޯޑަބަލުން ހައުސިން ޔުނިޓްގެ 220 ޔުނިޓާއި މިޑްރޭންޖުގެ 660 ޔުނިޓްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެޕޯލޯގެ އަމާޒަކީ އަންނަ މެއި މަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލު ކުރުމެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވުނެވެ. އެކަމަކު ގޯތި ދެނީ ހަމައެކަނި މާލޭ މީހުންނަށެވެ.

comment ކޮމެންޓް