"ޓްރަޔަލް ފަޔާ"ގައި ކުޅުނީ ފަސޭހަ ރޯލެއް ނޫން: އަބޭ ޑިއޯލް

ނެޓްފްލިކްސްއިން މިމަހުގެ 13ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޓްރަޔަލް ފަޔާ"އަކީ ފިލްމީ ކެރިއަރުގެ އެންމެ އުނދަގޫ އަދި ޗެލެންޖިންގް ފިލްމުކަމަށް އެކްޓަރު އަބޭ ޑިއޯލް ބުނެފިއެވެ.

ހަގީގީ ޙާދިސާއެގެ މައްޗަށް އުފައްދާފައިވާ މިފިލްމުގައި އަބޭ ޑިއޯލް ފެނިގެންދާނީ 1997ވަނަ އަހަރު ދިއްލީގެ އުޕްހާރް ސިނަމާގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި މަރުވި ދެކުދިންގެ ބައްޕަގެ ރޯލުންނެވެ. އޭނާ ބުނެފައިވަނީ، މީގެ ކުރިން ވެސް ހަގީގީ ޙާދިސާތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމުތައް ކުޅެފައިވީނަމަވެސް މިޙާދިސާ ދިމާވި ކްރިޝްނަމޫރްތީގެ ރޯލަކީ ވަރަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ރޯލެއްކަމުގައެވެ.

ޝޭކަރް ކްރިޝްނަމޫރްތީގެ އިތުރުން ޙާދިސާގައި ސިނަމާގައި ތާށިވެ މަރުވި ދެކުދިންގެ މަންމަ ނީލަމްވަނީ ދެ ޤަރުނުވަންދެން އެޢާއިލާއަށް އިންސާފު ހޯދުމަށް ގިނަ މަރުޙަލާތަކެއް ކަޑައްތުކޮށްފައެވެ. ފިލްމުގައި ނީލަމްގެ ރޯލްއިން ފެންނާނީ ފިލްމު "ތަލާޝް" އަދި "ދަ ސްކައި އިޒް ޕިންކް"އިން ފެނިގެންދިޔަ ބަތަލާ ރާޖްޝްރީ ދޭޝްޕާންޑޭއެވެ.

އަބޭއާއި ރާޖޭޝްގެ އިތުރުން ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެތެރޭގައި، އަނޫޕަމް ޚޭރް، ރަތްނާ ޕަތަކް އަދި އަޝިޝް ވިދްޔާތްރީ ހިމެނެއެވެ.

"ޓްރަޔަލް ފަޔާ"ގެ ނަމުގައި ޝޭކަރްއާއި ނީލަމްވަނީ ޢާއިލާގެ ދެ ކުދިންނަށް އިންސާފު ހޯދުމަށް ކުރި ތަޖުރިބާތަކާއެކު ބަޔޮގްރަފީއެއްވެސް ލިޔެފައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން އެދުވަހު މެންދުރުފަހު ތިނެއް ޖަހާކަށްހާއިރު އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވީ އުޕްހާރް ސިނަމާގައި ހުރި ޓްރާންސްފޯމަރަކަށް ދިމާވި ކަރަންޓު މައްސަލައަކާއި ގުޅިގެންނެވެ. މިޙާދިސާގައި ގިނަބައެއްގެ ފުރާނަ ގެއްލުނުއިރު އެމަޖެންސީ ޙާލަތަށް ސިނަމާ ތައްޔާރުވެފައިނެތުމާއެކު ސިނަމާގެ މައި ދޮރުވެސްވަނީ ތަޅުލެވި އާއްމުންނަށް ބޭރަށް ނިކުމެވޭނެ އެއްވެސްގޮތެއް ނެތްކަމަށް އިންޑިއާގެ ނޫސްތަކުގައިވަނީ ބުނެފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު