ޓައިޓޭނިކަށް 25 އަހަރުވުން ސިނަމާއިން

މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ލޯބީގެ އެއް ފިލްމު ކަމަށްވާ "ޓައިޓޭނިކް" ފުރަތަމަ އެޅުވިތާ 25 އަހަރު ވުން ފާހަގަކުރުމަށް އަލުން ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ލިއަނާޑޯ ޑިކެޕްރިއޯ އާއި ކޭޓް ވިންސްލެޓް ފެނިގެންދާ މި ފިލްމަކީ ޓައިޓޭނިކް ބޯޓުގެ ހަގީގީ ހާދިސާގެ ތެރެއަށް ހިޔާލީ ކެރެކްޓަރުންތަކެއް ލައިގެން އުފައްދާފައިވާ ހިޔާލީ ލޯބީގެ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދާނީ އާންމު އަދި ފަގީރު ދިރިއުޅުމެއްގެ ޖެކް އާއި މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ރޯސްގެ ވާހަކައެވެ. ދެމީހުން ދިމާވެ އެމީހުންގެ މެދުގައި ލޯބި އުފެދިގެެންދާ ވާހަކަ މި ފިލްމުން ފެންނާނެއެވެ.

ސިނަމާތަކުގައި ފިލްމު އެޅުވުމަށްފަހު އެތައް އަހަރެއް ވަންދެއް އެ ފިލްމު އޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ. ޖޭމްސް ކެމެރަން ޑައިރެކްޓް ކުރި މި ފިލްމު، ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ 2.2 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުގައެވެ. އަދި މި ރެކޯޑު އެންމެ ފަހުން 2009ވަނަ އަހަރުގައި މުގުރާލާފައިވަނީ ހަމަ އޭނާގެ ސައިފައި ފިލްމު "އެވެޓާ" އިންނެވެ. މި ފިލްމުގެ އާމްދަނީ ތިން ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.

ކެމެރަންގެ ޓައިޓޭނިކް ވަނީ 1998ވަނަ އަހަރުގެ އޮސްކާ އެވޯޑުގައި 14 އެވޯޑަކަށް ނޯމިނޭޓްވެ 11 އެވޯޑެއް ކާމިޔާބު ކޮށްފައެވެ.

ތިން ގަޑިއިރަށްވުރެ ދިގު މި ފިލްމު އަލުން ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10ވަނަ ދުވަހުން ފެށިގެންނެވެ.

މިއީ ޓައިޓޭނިކް ރިލީޒްކުރުމަށްފަހު ސިނަމާތަކަށް އަލުން ގެނެސްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މި ފިލްމު ތުރީ-ޑީއަށް ބަދަލުކޮށްގެން 2012ވަނަ އަހަރު ވެސް ވަނީ ނެރެފައެވެ. މި ފަހަރު ވެސް ފިލްމު ނެރޭނީ އޭގެ ކޮލިޓީ އިތުރަށް ރަނގަޅު ކޮށް ރީމާސްޓާ ކުރުމަށްފަހުގައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު