އިންޑިއާއަށް ފުރަތަމަ ފަހަރަށް ގޯލްޑެން ގްލޯބެއް

ފިލްމު އަދި ޝޯތަކުގެ ތެރޭގައި އެންމެ ވަރުގަދަ އުފެއްދުންތައް ފާހަގަކުރުމަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ލިސްޓުގައި ހިމެނޭ ގޯލްޑެން ގްލޯބް އެވޯޑެއް ފުރަތަމަ ފަހަރަށް އިންޑިއާގެ އުފެއްދުމަކުން ކާމިޔާބު ކޮށްފިއެވެ.

ދާދިފަހުން ބޭއްވި 80ވަނަ ގޯލްޑެން ގްލޯބްސް އިވެންޓުގައި އިންޑިއާއަށް ފުރަތަމަ އެވޯޑު ހޯދައިދީފައިވަނީ މިދިޔަ އަހަރު ނެރުނު ތެލެގޫ ފިލްމު "އާރުއާރުއާރު" އެވެ. މިއީ މިދިޔަ އަހަރު މުޅި އިންޑިއާގެ ބޮކްސް އޮފީހުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވައިގައި ހިފާފައިވާ ފިލްމެކެވެ.

އާރުއާރުއާރު އެވޯޑަށް ނޯމިނޭޓްވެފައިވަނީ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓަގަރީއިންނެވެ. ފިލްމުގައި ހިމެނޭ "ނާޓު ނާޓު" ލަވަ ވަނީ ގޯލްޑެން ގްލޯބްސް ކާމިޔާބުކޮށް އިންޑިއާއަށް ވަރުގަދަ ރެކޯޑެއް ހޯދައިދީފައެވެ.

މި އެވޯޑު ނާޓު ނާޓު ކާމިޔާބު ކުރި އިރު މި އެވޯޑަށް ވަނީ ހޮލީވުޑްގެ މަގުބޫލު ތަރިން ކަމަށްވާ ރިއާނާ އާއި ޓޭލާ ސްވިފްޓް އަދި ލޭޑީ ގާގާ ވެސް ނޮމިނޭޓް ވެފައެވެ.

https://www.youtube.com/watch?v=OsU0CGZoV8E

އެސްއެސް ރާޖްމޯލީ ލިޔެ ޑައިރެކްޓު ކުރި ފިލްމަށް އަންނަ އޮސްކާގައި ވެސް އެވޯޑު ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާއިން ނެރުނު ފިލްމުތަކުގެ ތެރޭގައި ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެވެ. އެގޮތުން މި ފިލްމަށް ވަނީ 155 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ނާޓު ނާޓުއަށް ލިބުނު ކާމިޔާބާއެކު އެތައް ބަޔަކު ވަނީ އެ ފިލްމުގެ ކާސްޓުންނާއި ކްރޫއިންނަށް މަރުހަބާ ކިޔާފައެވެ. މީގެތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު