މާފުށީ ހިއްކި ބިމުން 312 ގޯތި ދޫކުރަނީ

ކ. މާފުށީ ހިއްކި ބިން --- ފޮޓޯ/ މާފުށީ ކައުންސިލް

މާލެ އަތޮޅު މާފުށީގައި ހިއްކާފައިވާ ސަރަހައްދުން 312 ގޯތި ދޫކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް އެެރަށު ކައުންސިލުން ބުނެފިއެވެ

'ސަން' އާ ވާހަކަދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވީ މާފުށީގައި ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރުމަށް އަންނަ މަހު ހުޅުވާލައި، އިއުލާންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން 312 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި އޭގެ ތެރެއިން ރައްޔިތުންނަށް ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ 306 ގޯތި ކަމަށް އޭނާ ވިދާޅުވިއެވެ. ބާކީ ހަ ގޯއްޗަކީ ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް ގޯތި ދިނުމުގެ އުސޫލު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ބާއްވާ ރައްޔިތުންގެ ބައްދަލުވުމަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އަލަށް ހިއްކި ބަޔާއި މާފުއްޓާ ބްރިޖަކުން ގުޅާލުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

"މިމަހުގެ ތެރޭގައި އެމްޓީސީސީން އެ ބިމުގެ މަސައްކަތް ފެށުމަށްވެސް ވަނީ ހަމަޖެހިފަ،" ޞަލާހް ވިދާޅުވިއެވެ.

މާފުއްޓަކީ ޒަމާނުއްސުރެވެސް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑު ރަށެކެވެ. މާފުށީގައި އެންމެ ފަހުންވެސް ގޯއްޗެއް ދޫކޮށްފައި ވަނީ މީގެ 20 އަހަރު ކުރިންނެވެ. މާފުއްޓަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގަ ހިންގާ ރަށެކެވެ. އަދި އެކި ރަށްރަށުން މީހުން އައިސް ދިރިއުޅޭ އާބާދީގެ ނިސްބަތުން ބޮޑު އެއް ރަށެވެ.

"މާފުށީ ރައްޔިތުން ވަރަށް މަދުވާނެ މާފުށިން ބޭރު އެހެން ރަށްރަށުގަ އުޅޭލެއް. އެހެންވީމަ ބޯހިޔާވަހިކަމަކީ ވަރަށް ބޮޑަށް ރަށު ރައްޔިތުންނަށް ބޭނުންވާ ކަމެއް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ މާފުށި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ކައުންސިލްގެ އެންމެ ބޮޑު އެއް މަގްސަދަކީ އެ ވައުދު ފުއްދުން ކަމުގައި ފާހަގަކުރިއެވެ.

މާފުށީގައި ގޯތި ދޫކުރުމަށް އޮތް ހިއްކި ސަރަހައްދަކީ މީގެ އަހަރެއް ކުރިން މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފަ އޮތް ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި 25 ހެކްޓަރުގެ ހުންނާނެއެވެ.

comment ކޮމެންޓް