" އިންތިޒާރުކުރުމަކީ ފަސޭހަކަމަކަށް ނުވިޔަސް އުމުރު ހުސްވާންދެން އިންތިޒާރުގައި ހުންނާނަމެވެ. ސަބަބަކީ އިތުރު އެއްވެސް އިންސާނަކަށް ހިތުގައި ޖާގަ ނެތީމައެވެ."

***

"ފަހަރެއްގައި ކާއިނާތު މެންނަށް އެ ދުންތަރި 2061ވަނަ އަހަރު ހަމަލޮލަށް ފެނުމުގެ ނަސީބު ލިބިދާނެ........"

"މިހާރު އެދުންތަރި ކޮބައިތޯ؟ އެއްފަހަރު ފެނިފައި ގެއްލެނީ ކީއްވެ؟"ލައިކާ އެސްފިޔަ ޖަހައިލިއެވެ."75 އަހަރުން އެއްފަހަރު ފެންނަންވީ ސަބަބެއް ނުވިސްނޭ...."

ކާރު ދުއްވައިލަން އުޅެނިކޮށް ފޯނު ދިއްލެން ފެށުމުން ކާއިނާތު އަވަހަށް ދޮރު ހުޅުވައިލިގޮތުން ނުވެއްޓުނީވެސް ކިރިޔާއެވެ. ސައިރަސްގެ ފޯނެއް އައުމުން އޭނަ އިތުރު އެެހެން ބަޔަކާއިމެދު ވިސްނާކަށް ބޭނުމެއްނުވިއެވެ. ވަގުތުން އެކަހެރިވެ ޝަކުވާ ފުންޏެއް އޮއްސައިލަން ބޭނުންވެގެން އަވަސް އަރުވާލާފައި ދުއްވައިގަނެވުނެވެ. ވަކި ހިސާބަކުން ފޯނަށް ރޭންޖް ނުލިބުމުން ހާސްކަމާއެކު ފޯނަށް ބަލައިލިއިރު މެސެޖެއް އޮތެވެ.

"މިއުޅެނީ އާޖެންޓް ސިޗުއޭޝަނެއް ދިމާވެގެން ސްޕޭސް މިޝަންއެއްގައި ނައްޓާލަންވެގެން އިނގޭ. ދެރަ ނުވައްޗޭ. އައި ވިލް ބީ ބެކް އެންޑް ޓޭކް ޔޫ ޓު އެނަދާ ގެލެކްސީ. އިންތިޒާރުކުރާތި. ވަރަށް ލޯބިވޭ................."

ކާއިނާތުގެ ހިނިތުންވުން ފުޅާވެގެން ދިޔަތަނާހެން އައި ނައި ދިމާލެއް ނޭގި ސައިކަލެއްގައި އިން މީހަކު އޭނަގެ އަތުން ފޯނު ޖަހައިގެންފިއެވެ. އެ ސައިކަލް ރޭސްޖަހައިލިތަން ފެނި ކާއިނާތުގެ ހިނިތުންވުން ގެއްލި ހުއްޓުން އެރި ހިދުކޮޅެއް އައެވެ. އެ ވަގުކަލޭގެ ޖަހައިގެން ދިޔައީ އޭނަގެ ފޯނެއް ނޫނެވެ. އޭނަގެ އުފާވެރި ވަގުތުކޮޅެވެ. ހުރިހާ އުއްމީދުތަކަށް ގަނޑުފެން އަޅާލައިފިއެވެ. ހަދާނެގޮތް ހުސްވެ އެހީއަށް އެދޭނެ ގޮތެއް ނޭގި ލޯބޮޑުކޮށްގެން ހުއްޓާ ކައުނު ނޫހުގެ ވޭން މަޑުކޮށްލާފައި މިސްބާހު ބިއްލޫރި ތިރިކޮށްލިއެވެ.

"ކާއީ. ކިހިނެއްވެފަ ތިހިރީ؟"

"ސީރިޔަސްކޮށް؟"މިސްބާހު އެހާ އަވަހަށް ކާއިނާތުގެ ފޯނަށް ގުޅަން މަސައްކަތްކުރިއިރު އެ ފޯނު އޮތީ ނިވާލާފައެވެ. ކާއިނާތުއަށް އެކަން އެނގުމުން ހިތް ފަޅައިގެންދާވަރުވިއެވެ. ސައިރަސްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފުރައިގެން ދިޔުމަށްވުރެ ހިތަށް ތަދުވާނެ އެހެން ކަމެއް އެވަގުތަކު ނުފެނުނެވެ.

"ސައިރަސް ސްޕޭސް ޓްރިޕެއްގައި ނައްޓައިލަމުން ގުޅީ. އެކަމަކު ނަސީބުދެރަކަމުން ފޯނުގަނޑުގެ ރޭންޖްވެސް ދިޔައީ. މެސެޖް ފެނުނީ ކިރިޔާ ވަގުކަލޭގެ ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިފައިކަން ނޭގޭ ހުރީ. މިއަދު ފޯނުތައް ކާލަ ދުވަހެއްހެން ހީވަނީ....."ކާއިނާތު މިސްބާހުގެ ފޯނު ޖަހައިގަތެވެ. އަދި ވޭނުގެ ފަހަތު ސީޓުގައި ހަމަޖެހިލިއެވެ."ސައިރަސްމެން ނައްޓާލާ މަންޒަރު ލައިވްކޮށް ދައްކާނެ. ކޮންމެހެންވެސް ބަލަން ޖެހޭނެ....."

"ރޮކެޓް ގޮވައިފިއްޔާ...." ބިލާލް އެއްލޯ މަރައިލިއެވެ.

"ތިކަހަލަ އެއްޗެހި ނުކިޔާ. ކާއިނާތުގެ ލޮލުން ބަލައިލިޔަސް ބިލާލްގެ އަނގަވެސް ގޮއްވާލަފާނެ..ދޯ....ކާއީއަކީ ގަދަ ކުއްޖެކޭ........"މިސްބާހު އަބަދުވެސް ކާއިނާތުއަށް ހިތްވަރުދޭނެއެވެ. ޖީލަންހެން އަބަދު ރުޅިމޫނު ދައްކާލައިގެން އިނުމުގެ ބަދަލުގައި ހިނިތުންވުމަކީ މިސްބާހުގެ އެންމެ ކަމުދާ ސިފައެވެ.

"ބިލާލް ޖޭވެގެން ކިޔާ އެއްޗެހިވީމަ މާފުކޮށްފިން. ބައެއްފަހަރު ބިލާލްގެ ބައިޕޯލާ މައްސަލައިގެ ސަބަބުން އެހުރިހާ އެއްޗެއް ބްރެއިންގައި އެނބުރޭނެ...ބައިޕޯލާ ބިލާލް........................................"ކާއިނާތު ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ."ތަންކޮޅެއް ބާރަށް ދުއްވަބަލަ. އަހަރެން ބޭނުން އޮފީހަށްގޮސް އެތާ އިނދެގެން ރީތިކޮށް މަންޒަރު ބަލައިލަން. ޓީވީއިން ސާފުކޮށް ފެންނާނެ. ކޮން ޗެނެލްއަކުން ލައިވްކޮށް ދައްކާނީ؟ އެކަމަކު ހާދަ ދެރައޭ. އަހަރެން ނުގެންގޮސް އަނެއްކާ ސައިރަސް ތި ފުރީ. ކީއްވެ ތިހެން ހަދަނީ؟"

"ސައިރަސް މިތާގައި އިނީތަ؟ މަށަށް ބައެއްފަހަރު އެއީ އިންސާނެއް ނޫންހެންވެސް ހީވޭ. ހީވަނީ މިތާއިން މީހަކާއިހެން ކާއީ ވާހަކަދައްކަނީ؟ އެވެސް އެހާ ރޮމެންޓިކްކޮށް....................."

"އެއީ އިންސާނެއް. ސަބަބަކީ" ކާއިނާތުގެ ޖުމްލަ ކުއްލިއަކަށް މެދު ކެނޑުނެވެ. ކުޑަދޮރު ކައިރިން ހިޔަންޏެއް ފެނުނުހެން ހީވުމާއެކު ކޮންމެވެސް ވަރެއްގެ ހޫނުކަމެއްގެ އަސަރުކުރިއެވެ. ބަލައިލިއިރު އަތުން ހުރީ ހީބިހިނަގާފައެވެ.

އޮފީހަށްވަދެފައި އަވަހަށް ޓީވީ ހުޅުވާލިއިރު އެންމެ ކުރިންވެސް ފެނުނީ ސައިރަސްގެ ފުރިހަމަ ރީތިކަމެވެ. ދެވަނައެއްނެތް ރީތިކަމެއް އޭނައަށް ދެއްވާފައިވެއެވެ. އެސްޓްރޮނޯޓުން ފްލައިޓްގެ ކުރިން ރޭގަނޑުގެ ކެއުން ނިންމާލާފައި ގޮސް ލޯންޗްޕެޑަށް ދާން އެސްޓްރޯވޭނަށް އެރިއެވެ. ނާސާގެ ނަން ބޭރުގައި ލިޔެވިފައިވިއެވެ. އެމީހުން އެރި ލިފްޓުން ފެށިގެން ހުރިހާ ތަނެއްގައިވެސް ނާސާގެ ނަން ބޮޑު އަކުރުން ޖަހާލާފައިވަނީ ފަޚުރުވެރިކަމާއެކުގައެވެ. ކެމެރާތަކަށް ރީތި ފޮޓޯތަކެއް ހަދިޔާކުރުމަށްފަހު އެމީހުން ޖައްވީ ހެދުން ފުރިހަމަކުރިއެވެ. ހުދުކުލައިގެ ޖައްވީ ހެދުމުގައި ހުރިއިރު ސައިރަސް ރީތިކަމުން ކާއިނާތުއަށް ރޮވޭގޮތްވިއެވެ.

"މޭﷲ ޕްރޮޓެކްޓް ޔޫ ފްރޮމް އީވިލް އައިސް......"

ސަތޭކަ އަށްޑިހަ ހަތަރު ފޫޓުގެ ދިގު ރޮކެޓްކައިރީ ތިބެ އެސްޓްރޮނޯޓުން އެކަކު އަނެކަކަށް ބައްދާލާ ސަލާމްކޮށް ބޮޑުވާ އިނގިލި އުފުލާލަމުން އެއްވެފައިވާ މީހުންނަށް ސަލާމްކޮށްލިއެވެ. ރޮކެޓްގެ އުޅަދަށް އަރާ ސައިރަސްގެ ސީޓުގައި ހަމަޖެހިލުމުންވެސް ކާއިނާތުއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭގެ ތެރޭގައި އެތިބެނީވެސް އެހާ އުދަގޫ ހާލަތެއްގައެވެ. ކާއިނާތުގެ ހިތް އަވަސްވެ ފިނިވާގޮތްވިއެވެ. ހިތަށް ބިރުވެރިކަން ވަދެ ނުރައްކަލުގެ އިންޒާރުގެ ރަގަަބީލު ބޮލުތެރޭގައި ޖެހިއެވެ. ސައިރަސްއަށް ގެއްލުމެއްވެދާނެކަމުގެ ޝައްކާއި ވަހުމުން ސިކުނޑި ފުރިބާރުވިއެވެ. އޭނައަށް އެ އުޅަދުގައި ދަތުރުކުރަން ކެރޭނެހެއްޔެވެ؟ އެއަށްވުރެ ޖިންނިއަކައިއެކު އުދުހިފައި ޖައްވަށްދާންވެސް ފަސޭހަވާނެއެވެ.

ކަޅުދެލިގަނޑެހެން ފެންނަމުންދިޔަ އުޑުމަތި ހުޅުދާންކޮށްލަމުން ޖައްވީ އުޅަދު ލޯންޗުޕެޑުން ނައްޓައިލިތަން ފެނުމާއެކު ކާއިނާތުގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ.

"ނޭވާނުލެވޭ...."

"ތިއީ ކާއީއަށް ވާވަރު. ތިވަރު ކުއްޖަކަށް ޖައްވަށް ދެވޭތަ؟"މިސްބާހު އަވަހަށް ކަރުދާސްކޮތަޅެއް ކާއިނާތުގެ އަތަށް ދިއްކޮށްލަމުން އޭގެ ތެރެއަށް ނޭވާލަން އެދުނެވެ.

"މިހާރު އޯކޭ."ވަށައިގެންވާ ލޯތައް އަމާޒުވެފައިވާތަން ފެނުމުން ކާއިނާތު ލަދުގަންނަގޮތްވިއެވެ. އެބުނާހެން ޖައްވީ ދަތުރުތަކަށް އަލްވަދާއުކިޔަން ޖެހިދާނެކަމަށް އޭނަގެ ޟަމީރުވެސް ގަބޫލުކުރިއެވެ. ކުރިން މިފަދަގޮތްތަކެއް ނުވާތީ އެއީ ބައްޔާއި ގުޅިފައިވާކަމެކޭވެސް ހިތަށް އެރިއެވެ. ކާއިނާތު ގަސްތުކުރީ ގްރޭވްސް ޑިޒީސްއާއި ބެހޭގޮތުން މައުލޫމާތުކޮޅެއް ހޯދުމަށެވެ. ޕެނިކް މައްސަލައިގެ ސަބަބުން އޭނަގެ ޖައްވީ މަޝްރޫއަށް އެއްވެސް ހިޔަނިއެއް އެޅުނަދީގެންނުވާނެއެވެ. ކޮންމެފަދަ ހާލަތެއްގައިވިޔަސް އޭނަގެ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހަދާނެއެވެ.

***

"އާޔާ. ކޮންތާކު ތިހިރީ؟" ކާއިނާތު ޓެރެސްގައި ހިޔާކޮށްފައި ހުރި ބައިގާ ހުރި ދިގުފިލާއެއްގެ މަތީގައި ކުޝަންތަކާއި ބާލީސްތައް ޖައްސާލައިގެން އަރާމުކޮށް ހަމަޖެހިލުމަށްފަހު ލެޕް ހުޅުވާލައިގެން ޗެޓްކުރަންފެށިއެވެ.

"ފްލައިޓް ނައްޓާލަން އުޅެނިކޮށް ކާއީ ތި ވާހަކަދެއްކީ. ޚަބަރެއްނުވެގެން ދެރަވެފައި މިހިރީ..ކިހިނެއް ހެދީ؟"

"ސޮރީ ލަވް...."ކާއިނާތު އޭނަގެ ފޯނު ވަގަށް ގެންދިޔަގޮތް ކިޔައިދިނެވެ."އެނީވޭސް ހޭވް އެ ބިއުޓިފުލް ހަނީމޫން. ވަރަަށް މިސްވާނެ އިނގޭ. އާޔާ އަންނަންވާއިރަށް މަށާއި ލައިކާ ސްޓްރެސްވެގެން ކަމުންގޮސް އާޔާގެ އައިސްކްރީމް ޕާލާ ހުރިގޮތަށް ކާލައިގެން ޅިސްޖެހިފައިކަން ނޭގޭ ތިބޭނީ. އަވަހަށް އަންނައްޗޭ...."

***

ސައިރަސްމެންގެ އުޅަދު ނައްޓައިލިތާ ދެވަނައަށް ވީދުވަހު ލިބުނު ޚަބަރުން ކާއިނާތު އަނބުރައިގަންނަގޮތްވިއެވެ. ޖައްވުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިރަސް ގެއްލުނީއެވެ. އެެސްޓްރޮނޯޓެއް އެގޮތަށް ގެއްލުމަކީ މިވީހާތަނަށް ނުވާކަމެއްކަމުގައިވެސް ޚަބަރުގައި ކިއެވެ. ޖައްވުގައި ހިނގާއިރު އެމީހުން ޖައްވުގައި ބެހިގެން ދިޔަނުދޭން ދިގު ކޭބްލް އަދިޖެޓްޕެކް ދެވިފައިވެއެވެ. ޔަގީނުންވެސް ސަލާމަތީ ފިޔަވަޅުތަކާއި ވަސީލަތްތައް ހުރުމާއެކު އޭގެ ބޭނުންނުކޮށް ދާނީ ގަސްތުގައި މަރުވުމަށެވެ. ނޫނީ ބޯހަމަނުޖެހޭ މީހެކެވެ. އަމިއްލައަށް މަރުވާންވިޔަސް އެއަށްވުރެ ރަގަޅު މަރަކުން މަރުވެދާނެ ނޫންހެއްޔެވެ؟ އެއޮތް އެކަނިވެރި ޖައްވުގައި އެކަނިމާއެކަނި ސައިރަސް އުޅޭނެ ހާލު ހިތަށް ގެންނަންވެސް ފަސޭހައެއްނޫނެވެ. ފަހަރެއްގައި އޮޅިގެން ނަމަވެސް އެ ކޭބްލްއާއި ނުލާ އެކަނި ޖައްވުގައި ހިގާލަންގޮސް މަގު އޮޅުނީ ނޫންބާވައެވެ.

ކާއިނާތު ޑެއިލީމެއިލް ހުޅުވިއެވެ. ކޮންމެ ނޫހެއްގައިވެސް ސައިރަސްގެ ހިތާމަވެރި ނިމުމުގެ ވާހަކަ ގެނެސްދީފައިވިއެވެ. އެކި ނޫސްތަކުގެ ލިންކުތައް ކިޔަމުން ދިޔަ ވަރަކަށް ހިތަށް ކުރި އަސަރު ބޮޑެވެ.

"އާޔާ....ސައިރަސް އިޒް ޑެޑް..." ކާއިނާތު މެސެޖްކޮށްލިއެވެ.

"މަރެއްނުވޭ. ލޮސްޓް އޭ ބުނީމަ ހީވަނީ އަނބުރާ އަންނާނެހެން. ކާއީ ދުޢާކުރޭ. ﷲސުބުހާނަހޫ ވަތައާލާ ހުރިހާކަމަކަށް ކުޅަދުންވަންތަ. ފަހަރެއްގައި ކޮންމެވެސްގޮތަކުން މީހުން ސްކައިޑައިވުން ސަލާމަތްވާހެން ޖައްވުން ޑައިވްކުރިޔަސް ސަލާމަތްވެދާނެއްނު................." އާޔާ މައުސޫމްކަމާއެކު ބުނެލިއެވެ.

"އާޔާއަށް އެ މައުލޫމާތު ނޭގޭތީ ތިހެން ބުނަނީ. ސްޕޭސްގައި ގެއްލިއްޖެއްޔާ ސަލާމަތްވުމަކީ އެކަށީގެންވާކަމެއްނޫން...."

"ސަބަބަކީ؟"އާޔާ ސުވާލުކުރިއެވެ.

"މިއީ ސްކައިޑައިވެއް ނޫން އާޔާ. ސްޕޭސްސްޓޭޝަނުން..ސްކައި ޑައިވްގައި އެވްރެޖް އުސްމިނަކީ ދިހަހާސް ފޫޓު. އެކަމަކު ޖައްވަކީ މުޅިން އެހެން ވާހަކައެއް އާޔާ. އެހިސާބުން ދުނިޔެއާއި ހަމަޔަށް އަންނައިރު..................."ކާއިނާތުއަށް ވާހަކަ ނުދެއްކުނެވެ. އޭނަ ފޯނު ބާއްވާފައި ހުރިތަނަށް ތިރިވިގޮތަށް ކަކުލުގައި ބޯ ޖައްސައިިލިއެވެ. ޚިޔާލަށް ގެންނަންވެސް އުދަގޫ ދަތި ހާލެއް މެދުވެރިވެފައިވާ ސައިރަސްއަށްޓަކާ އޭނަގެ ހިތާއި ފުރާނަވެސް ރޮމުން ދަނީއެވެ. އޭނަގެ ލޯބީގެ ފަސާނާ ރަގަޅަށް ނުފެށެނީސް ނިމުމަކަށް އައީއެވެ. ކާއިނާތުއަށް އަދިވެސް ނުވިސްނެނީ ދުނިޔޭގެ ހިތި ހަގީގަތެވެ. ވަކިކަމަކަށް ދެވިހިފާ ވަކިމީހެއްދެކެ ދީވާނާވެ ދިރިއުޅުން ފަނާކުރުމަށްވުރެ ﷲގެ ރުހިވޮޑިގަތުމާއި ލޯބިފުޅު ހޯދަން މަސައްކަތްކުރުމުން ދުނިޔޭގެ ހިތާމަތަކާއި މުސީބާތްތައް ކުޑަވާނެކަމެވެ. އަތުގެ އިނގިލިތަކުން ގުނާނުލެވޭހާ ރަހުމަތްތައް ގިނަކަމެވެ.

***

"ކާއިނާތު. ކިތައް ދުވަހު ބުނާނީ މަޣުރިބު ގަޑީގައި މުޅި ފަޒާ އޮންނާނީ ޖިންނިޝައިތޯނުން ފުރާލާފައޭ.ތިނޯހެއްގެ ތުނޑު ޖައްސާލާނެ ތަންކޮޅެއްވެސް ނީންނާނެ......" ކާއިނާތު ކަންނެތްގޮތަށް ލޯ ހުޅުވާލުމަށްފަހު މޯޅިއަކަށް ދެމިލުމާއިއެކު ހަނދާނަށް އައީ މަންމަ ތަކުރާރުކޮށް ބުނާ ޖުމްލަތަކެވެ. އޭނަ އޮށޮވެލައިގެން އޮތް ގޮނޑީގެ ކައިރީ ކޮފީ ދަޅަކާއި އައިސްކްރީމް ހުސްކުރި ތަށިގަނޑަކާއި ކަރުދާސްތަކާއި ޕެކެޓްތައް އުކާލެވިފައިވިއެވެ. ކޮފީ މަގާއި ހެދިކާ އަޅައިގެން ގެނައި ތަށީގައި ފައިން ޖެހުމުން ތަށިތައް ނެގިއެވެ.

އިރުއޮއްސި ރަތްވިލާ ދަތުރުކުރަމުން ދިޔަ އުދަރެހަށް ބަލައިލުމާއެކު ނަޒަރުގައި އަޅައިގަތީ ހަނދުފަޅިއެވެ. އެ ހަނދުފަޅި މަތިން ދިޔަ ވިލާކޮޅު މަޑުކޮށްލުމާއެކު ސައިރަސްގެ ސިފަ ޖެހެންފެށިގޮތަށް އެ ރީތި ދެލޮލާއި ލައިގެން ހުރި ހެދުންވެސް ފާހަގަވިއެވެ. ކާއިނާތުގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"ސައިރަސް. އަހަންނަށް ލޮލަށް ފެނުނީމަވެސް އެހެން މީހުން ގަބޫލެއްނުކުރާނެ. ސައިރަސް މަރެއްނުވޭ. އޭނަ ހަނާވެސް އެބަ އަޅާ...ހާދަ އުފާވެއްޖެއޭ..ސައިރަސް ސްޕޭސްގެ ކޮންމެވެސް ދިމާލެއްގައި އެބައުޅޭ. އެއީ އިންސާނެއް ނޫންކަން ހަދާން ނައްތައިލެވުނީ. އެހެން މީހުންނަށް ރޭކާނުލިޔަސް މަގޭ ލޯބިވެރިޔާއަކީ ޖިންނިއެއް............................"ދެވަނަ މިނިޓްގައި ލޯމަތިން އެ މަންޒަރު ފުސްވަމުންގޮސް ގެއްލުނަސް ކާއިނާތުގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ.

ކާއިނާތުގެ އިސްތަށިގަނޑުގައި ވައިރޯޅިއެއް ކުޅެލިއެވެ.

"އާހް...ޔަގީނޭ ސައިރަސް ސަމާސާއެއްކޮށްލީ...ސައިރަސް އެބަހުރިންތަ؟" ކާއިނާތު ވަށައިގެން ހޯދައިލަމުން މަޑުމަޑުން އަހައިލިއެވެ.

"لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ.އެކަނި އިނދެ ވާހަކަދައްކަނީ ކޯންޗަކާއިތަ؟ ޔަގީނުންވެސް މަންމައަކަށް އިންސާނެއްނުފެނޭ ވިއްޔަ. މަގޭ ދަރި ޖިންނި މޮޔަވީތަ؟"ކުއްލިއަކަށް ހާޖަރުގެ އަޑު އިވުމުން ކާއިނާތު ސިހިފައި ބަލައިލިއިރު ދާދިގާތުގައި އޭނަގެ މަންމަ ހުއްޓެވެ. ބިރެއް ފެނިގެން ބަލާހެން ގަނޑުވެފައެވެ. ހާޖަރު ކުރުސިއާއި ދުލަށް އައިހާ އެއްޗެއް ކިޔަވަންފެށިއެވެ.

"މަންމާ. ފޯނުންނޭ.."

"އަހަންނަކަށް ފޯނެއް ނުފެނޭ. ފޯނެއް އަދި ނުގަންނަމޭވެސް ބުނި މީގެ ގަޑިއެއްހާއިރު ކުރިން. އެފަހުން އަދި ޓެރެސްއިން ތިރިއަކަށް ނުފައިބާ ފޯނު ހޯދަނީ ކިހިނެއް. މަށަށް އޮޅުވާނުލާ. ތެދަށް ބުނޭ.......ކޯންޗެއް ފެނުނީ؟"

"ނިދަން އޮވެ ހުވަފެނުގައި ވާހަކަދެއްކުނީ ކަމަށްވާނީ....."

"ކާއިނާތު ނުލާހިކު ރީއްޗަށް ހުރެފައި ކުއްލިއަކަށް އިންސާނާގެ ކަށިގަނޑަކަށްވުމާއި ނިދަން އޮވެ ވާހަކަދެއްކުމާއި ހައްދެއްނެތް މިންވަރަށް ކެއުމަކީ ޖިންނި އަވަލީކަމުގެ ނިޝާނެއް. މަންމަ މިއުޅެނީ ރުގުޔާ ކުރަން މީހަކު ގެންނަން. ދެ ނަމާދު ދޭތެރޭގައި މި ގޮނޑީގައި އިންނަތަން ފެނިގެން ޖިންނިއެއްގެ އެސްފީނާ ޖެހުނީކަމަށްވާނީ. އެހެންނޫނަސް ކުޑައިރުއްސުރެ މިކަމެއް ލައިގެންފި. ރޭގަނޑެއްވިއްޔާ ތަރިތައް ގުނުން ނޫންކަމެއް ކާއިނާތު ނުކުރޭ..ތަރިތައް ދަސްވާވަރަށް ބެލިއްޖެ........."ހާޖަރު ކާއިނާތުގެ އަތުގައި ހިފާފައި ތިރިއަށް ގެންދަމުން އަނގަތެޅުން ހުއްޓައެއްނުލިއެވެ.

***

ނަފްސާނީ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ މުހައްމަދު ނާޒިމްގެ ބޯޑު ފެނުމުން ކާއިނާތު އެމީހަކާއި ބައްދަލުކުރާ ހިތްވިއެވެ. އޭނަގެ ބައްޕައަކީ ނާޒިމްއެއްކަމަށް މަންމަ ބުނި ދުވަހުން ފެށިގެން ރާއްޖެއިން އެ ނަން ކިޔާ މީހެއް ހުރިއްޔާ އެމީހަކު ދެކެން ބޭނުންވެއެވެ. ދެރައީ އެއްވެސް ނާޒިމެއްގެ މޫނުން އޭނަގެ ސިފަ ނުފެންނަކަމެވެ. މަންމަ އޭނަ އޮޅުވައިލަން ނުބައި ނަމެއް ބުނީ ނޫންބާވައޭވެސް ހިތަށް އަރައެވެ. ތެދަށް ބުންޏަސް ނާޒިމްއަކީ އާއްމު ނަމަކަށް ވުމުން އެ މީހަކު ހޯދުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. ކާއިނާތު ހޮސްޕިޓަލަށް އައީ އެހެން ބައްޔަކަށް ފަރުވާ ހޯދަން ކަމުގައިވިޔަސް މި ޑޮކްޓަރަށް ދައްކައިލަން ހަތަރުސަތޭކަ ރުފިޔާ ބޭކާރުކުރުމުގެ ޚިޔާލު ހިތުގައި އުފަންވިއެވެ.

ކާއިނާތު އެ ކޮޓަރިއަށް ވަނުމާއެކު ސިހުނެވެ.

"ޔޫ......."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު