އަލިފާން ކޮކާލެއްގެ ލޯބި 24

"ހަގީގީ ލޯތްބަކީ ﷲއަށްޓަކާ ވެވޭ މަތިވެރި ލޯތްބެވެ. އޭރުން ތިބާގެ ހިތް ހަލާކުވުމަކީ އިންސާނަކަށް ކުރެވޭނެކަމެއް ނޫނެވެ."

***

ސިޑި ގިރާކޮށް ތިރިއަށް އަންނަނިކޮށް ދާނިޔާގެ ފޯނެއް އައުމުން ނެގިއެވެ. "އަދާ..މީހުންގެ ވާހަކަ ދައްކާހިތެއްނެތް. އެއްކަލަ ރޫޒާ އެނގެއެއްނު. އިސްޕިރީނުހެން ހީވާ ބުޅި އިސްތަށިގަނޑެއްލާފައި ހުންނަ ލަވަކިޔާ މަޝްހޫރުކުއްޖާ. އެދެމީހުން އުޅެނީ ރައްޓެހިވެގެން...ރޭގައިވެސް އެކީގައި އުޅުނީ. ހިތަށް އަރަނީ ހެއްދެވި ފަރާތަށް ބިރެއްވެސް ނުގަންނަނީހެއްޔޭ، ފާފަތަކަށް އަރައިގަންނައިރު މާދަންވެސް ދުނިޔެއަށް ނޭވާލާނެކަމެއް ނޭގޭ. އެކަމަކު........."

"ދާނީއަށް ޔަގީންވީ ކިހިނެއްތަ؟"

"ޔަގީންވީމަ ދޯ އެވަރުގެ ވާހަކައެއް ބުނާނީ......"ދާނިޔާ ފިނިވެފައިވާ ދެއަތްތިލަ މޮޑެންފެށިއެވެ."އަހަރެންގެ ބޭބެ ދާއޫދު މެރީކުރަން އުޅެނީ ރޫޒާގެ ކަޒިންއަކާއި. އެހެންވެ ރޫޒާއާއި އޭނަ ވަރަށް އެކުވެރި. އޭނައަށް ރޫޒާ އެފޮޓޯތައް ވައިބާ ކުރީމަ އަހަންނަށް ފޯވާޑްކުރީ. ވަރަށް ގާތްކޮށް ނަގާފައި ހުރީ. މީހުންގެ ސިއްރުތައް ފަޅާ އެރުވުމަކީ ފާފައެއް އެކަމަކުވެސް އަދާއަށް މިފޮޓޯ ދައްކަނީ އަދާ ދެން އޭނަގެ މަތިން ހަނދާން ނައްތާލާފައި ތައުބާވެ އާރިސްއާއި އެކީ ރަގަޅު ހަޔާތެއް ފަށާނެ ކަމަށް އުއްމީދުކުރާތީ. މި ފޮޓޯގައި ރާ ފުޅިއެއް ތުނބުގައި ޖަހައިގެން މިިހިރީ. ހުރިހާ ފާފަތަކަށް އަރައިގަންނަނީ އެއްވެސް ބިރެއްނެތި..."

ހުސާމްއާއި ރޫޒާގެ ގައިގޯޅި ފޮޓޯތައް ފެނުމުން އަދާރާގެ ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. އަމިއްލަ ނަފުސާއި ހަގުރާމަކުރާނެ ހިތްވަރެއްވެސް ނުލިބި ބައެއްފަހަރު ހުސާމްގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހެނީ ހަމަ ލޯބީގެ އަޖައިބެއްފަދަ ބާރުގެ ސަބަބުންނެވެ. މިފަހަރުވެސް ހިތަށް ތަދުވީވަރުން ކަރުނަ އޮހިގަތީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ.

"ރޫޒާގެ މަންމައަކީ އިނގިރޭސިއަކަށްވެފައި ބައްޕަ ދިވެއްސަކަށްވީމަ އެހާ ރީތި ކުލައެއް ހުރެފައި މުށިކުލައިގެ އިސްތަށިގަނޑެއް އެއޮތީ. ހުސާމްއާއިއެކީ އުޅޭ އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ޗާމްއިން އަސަރުނުކޮށް ނުދަނީކަން ނޭގޭ. އަމިއްލަ ނަފުސް ކޮންޓްރޯލްކުރަން ދަސްނުކުރަންޏާ ފެންނަ ކޮންމެ ބޯއިއަކަށް ފޯލްވެދާނެ ހަމަ..އަދާ ދެރަނުވޭ. ކުޑަކޮށް ވިސްނާލަބަލަ. އޭނަ ހަމަ ތިޔަ ކަރުނަ އޮހޮރަން ލާއިގުތަ؟"

"ދާނީ އޭނަ ބުނި އެއްޗެއް އެނގޭތަ؟ އޭނަ ބުނީ ޖުއާނާއަށް ހަގީގަތް ކިޔާދޭށޯ. އޭރުން ޖުއާނާ އަމިއްލައަށް ދުރަށް ގޮސްދާނެކަމަށް ހުސާމް ގަބޫލުކުރަނީ. އޭރުން އަހަންނާއި ކައިވެނިކޮށްފާނަމޭ......" އަދާރާ ޓިޝޫއަކުން ކޯތާފަތް ފޮހެލިއެވެ.

"އަމިއްލަ ކޮއްކޮގެ އަންހެނުންނާއިހެދި..."

"އާރިސްއާއި ލޭގެ ގޮތުން ގުޅުމެއްނެތެއްނު.."

"ހޫމް އެހެން އެކަން އޮތީ. އެކަމަކު ދުނިޔޭގެ ނަޒަރުގައި ދެބެން. ދެން އާރިސްގާތުން ޑިވޯސްވެގެން ހުސާމްއާއި މެރީކުރީމަވެސް އެހާ ރީއްޗެއްނޫން. އެހެންނޫނަސް އަދާއަށް އޭނަގެ އުޅުން އޯކޭތަ؟ ލޯބީގެ ދަޅައިގާ ޖެހި އެފަދަ ބޭވަފާތެރިއެއްގެ ގާތަށް ތިދަނީ؟ އެހެން އަންހެންކުދިންނާއި ގުޅުން ބޭއްވިޔަސް އަދާއަށް އޯކޭއީތަ؟ އައި ތޯޓް މިފަހަރު އަދާ މުޅިން ފޫހިވާނެކަމަށް. ރާ ބޮއި މިއުޒިކް ކުޅުނަސް ހަމަ މައްސަލައެއް ނެތް؟"ދާނިޔާ ފޯނު އެއްފަރާތުގައި ބޭއްވިއެވެ. ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ."އަލްހަމްދުލިﷲ....އަހަންނަށް ދުވަހަކު މިފަދަކަމަކާއި ދިމާނުވިއްޔާ ރަގަޅު. ބޯއިސްގެ މައްސަލަތައް. ދެން އާއްމުކޮށް ރީތިކުދިންނަށް ކަން ނޭގޭ މިމައްސަލަ ބޮޑަށް ޖެހޭނީ ހެހެ..............."

"ޔޫ އާ ދަ ކިއުޓެސްޓް.."އަދާރާ ރޮމުން ހުނެވެ." ދާނީއަށް އަމިއްލަ ސިފަ ނޭގެނީ. އަސްލު ތިހާ ކުޑަކޮށް ހުރީމަ ވަރަށް ލޯބި އަދި އިނޮސެންޓް ލުކްސް. އެހާ ޕްރެޝަސް.....ޖެމްއެއް ހަމަ....."

"ސުބުހާނަﷲ. ތިހާ މޮޅުނުކުރޭ."

"ދާނީ. އަހަންނަށްވެސް ހުސާމްގެ އެ ގޯސް އަމަލުތައް އޯކޭއެއްނޫން. ލޯތްބަކީ ކަނު އެއްޗެއް ރުހުމުގެ ލޮލަކަށް އައިބެއްވެސް ނުފެންނާނެ.ހުސާމް ބޭވަފާތެރިވެ އެހާ ބޮޑު ލަނޑެއްދީފައި ނިކަމެތިކޮށްލުމުންވެސް ހިތް ކިހާ މޮޔަ. ހަމަ އޭނަގެ ފަހަތުން ދުވެވެނީ. ކިހާ ބޮޑު މޮޔަކަމެއް. އަހަރެން ނޫން އެހެން އަންހެންކުއްޖެއްނަމަ ބަލާވެސް ނުލާނެ ދޯ. އޭނަ އެއްޗެކޭ ބުނާއިރަށް ހިތް ވިރޭ. ހަދަންވީގޮތެއްވެސް ނޭގޭ. ޖުއާނާ ކައިރީ ބުނަންވީ ތޯ ނުވަތަ ނޫންތޯ. އަނެއްކާ ޖުއާނާ ފުރަނީ ސްޕެޝަލައިޒްވާންށޯވެސް ބުނި. ހުސާމްވެސް އޭނަގެ މިއުޒިކް ކެރިއާއިން ކުރިއަށް ދާންވެގެން ބޭރަށް އެފުރަނީ. ދެމީހުންގެ ދިރިއުޅުން ޕްލޭންކޮށްފައި އޮތްވާ އެދޭތެރެއަށް ވަދެ މުޅި އާއިލާއެއްގެ ހަމަޖެހުން ނަގައިލަންވާނެހެއްޔޭ ހިތަށް އަރާ..އައްޔާޝް ނޫނީ އެގޭގައި ދީނީ މީހެއްނެތް.މުއްސަދިވީމަ ވާގޮތް ދޯ...."

އައްޔާޝްގެ ނަން ބުނުމުން ދާނިޔާގެ ތުންފަތުގައި ވި ހިނިތުންވުން ކޮންމެވެސް ވަރަކަށް މިިލައިގެން ދިޔައެވެ.

"އައްޔާޝްވެސް އެމީހުންނާއެކު ޔޫކޭއަށް ބަދަލުވަނީތަ؟"ދާނިޔާ އަހައިލިއެވެ.

"އަދިވެސް ހަމަ އޭނަ އުޅޭގޮތް ބަލަން ދާނީވެސް ތިއުޅެނީ ....."އަދާރާ ނޭފަތް ދަމައިލިއެވެ."ދާނީ ވަރަށް ކޫލް..."

"އެހެނެއްނޫން. ތަވައްކުލް ކުރަން ދަސްކުރީ. ކުރިން އަހަރެންގެވެސް އެންގްޒައިޓީ މައްސަލަތައް ވަރަށްބޮޑު. ފަހުން ﷲއަށް އިތުބާރުކޮށް ތަވައްކަލު ކުރަން ފެށީ. އޭޒް އެ މުސްލިމް ފެއިތް ހުންނަންޖެހޭނެ ދޯ. އިރާދައިގާ ވާކަމެއް ހިނގާނެ. އަހަރެމެން އެދުނަސް ނޭދުނަސް ހަޔާތުގެ ވަރަށް ގިނަކަންތައް ތަދްބީރުކުރާގޮތަށް ނުވެ ހިނގައިދޭ. އެކަމުގެ ހިކުމަތް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް. ހީޒް އަވާ ކްރިއޭޓާ....ހީ ނޯސް ވަޓްސް ބެސްޓް ފޯ އަސް...ކިތަންމެ ވަރަށް މީހަކާއި ހެދި އުޅުނަސް އެމީހާގެ ފަރާތުން ފަހުން ހިތާމައެއް ލިބެން އޮތިއްޔާ އެކަމުން ސަލާމަތްކުރައްވަފާނެ. އެއަށްވުރެ ރަގަޅު މީހަކު ހަޔާތަށް އައުމަށްވެސް މެދުވެރިކުރައްވަފާނެ. އެހެންނޫނަސް ވައި ކެއާ؟ މިއީ ވަގުތީ ފާލަމެއް. އަހަރެމެންގެ ދާއިމީ ގޯތްޗަށް ދަމުން މިތާ މަޑުކޮށްލީ..ފަސޭހަވާނެކަން ނެގޭ އެހާ އެޓޭޗް ނުވެ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރިއްޔާ. ލޯންލީވެސް ނުވާނެ. އައި ޓޯކް ޓު ހިމް އެވްރީ ނައިޓް.....އެވްރީ ޓައިމް ކަމަކާ ދެރަވިޔަސް.....ހިތަށް ހަމަޖެހުން ލިބޭ..އެހެންވެ މިގޮތަށް ވިސްނުން އަނބުރައިލީ. އެފަހުން އެހެން އިންސާނުންނަށް ބޭނުން ނުޖެހި ކޮންމެ ކަމެއްގައި ހަމަ ﷲއަށް ދުޢާކޮށް ކަންތައްތަކަށް އެދެވެނީ....."ދާނިޔާގެ ވާހަކަތަކުން އަދާރާއަށް އަސަރުކުރިއެވެ. އެފަދަ ރަގަޅު އެކުވެރިއަކު ދެއްވިކަމަށްޓަކާ ހަމްދުކުރިއެވެ.

ދެރައީ މާގިނައިރެއްނުވެ އަނެއްކާ އެފަދަ ހެޔޮ ނަސޭހަތްތައް މަތިން ހަނދާންނެތި ދުނިޔޭގެ އުފާތަކަށް ހެއްލޭކަމެވެ.އެއީ އިންސާނުންގެ ތަބީއަތުގައިވާ ކަމެކެވެ. ޖަންނަތަށް ވާސިލުވާން ބޮޑު ގުރުބާނީއެއްވެ ދުނިޔޭގެ ޝައިތާނީ ވަސީލަތްތަކާއި ހަގުރާމަކުރަން ޖެހޭނެއެވެ. ސޯޝަލްމީޑިއާއާއިހެދި އެއީ ފަސޭހަކަމެއްވެސް ނޫނެވެ.

***

ދާނިޔާއާއެކު ހޮސްޕިޓަލަށް އަދާރާވެސް ދިޔައެވެ. ދާއޫދު ހުދުކުލައިގެ ކޯޓެއްލައިގެން ހުރުމުން ސުވާލު އުފެދުނުތަނާހެން ޖަވާބުވެސް ލިބުނެވެ. އޭނައަކީ ޑޮކްޓަރެއްކަން އެދުވަހު އެނގުމުން އަދާރާއަށް ޝޮކެއްލިބުނެވެ. މިހުރިހާ ދުވަހު އޭނަ ހީކުރީ ދާއޫދުއަކީ ޝޭޚެއްކަމަށެވެ. ދާނިޔާ ބުނީ މެޑިކަލް ޑޮކްޓަރެއްކަމަށާއި އެކަމަކު ދީނީ އިލްމުވެސް ކިޔަވައިގެން ހުރުމުން ދެ ލަގަބުވެސް އޭނައަށް ހައްގުކަމުގައެވެ. ދާއޫދުވެސް ކޮރެއަން ކުއްޖެއްފަދައެވެ. ފަންފަން އިސްތަށިކޮޅަކާއި މޮނޮލިޑް ލޮލެކެވެ. ތުނބުޅިވެސް ފަޅާފައި ހުރީ ނިކަން ލޯލިކޮށެވެ. އެހާ ލޯބި ސިފަތައް ލިބިފައިވާއިރު އަންހެންކުއްޖެއްހާ ލަދުވެތިއެވެ. ނޫނީ ތަގުވާވެރިކަމުން ނަޒަރު ތިރިކުރީއެވެ. އަދާރާއާއި ދިމާލަށް ބަލާވެސް ނުލާ ދާނިޔާއަށް ސަލާމް ގޮވާލާފައި ދާއޫދު ކުޑަކޮށް ވާހަކަދެއްކިއެވެ. އެއަށްފަހު އެކުދިންނާއިއެކު ޕްރޮސީޖާ ރޫމާއި ހަމަޔަށް ދިޔައެވެ.

"ޔޯ ބްރަދާ އިޒް ކިއުޓް.."

"އެހެންވެ ފަހަރިއަކަށް ހަދަން ބޭނުންވީ. އެކަމަކު އަދާ ސިންގަލް ނޫންކަން އެނގުނީމަ ކުރާނެކަމެއް ނެތްތާ.."

"ޔަޕް މައި ހާޓް...މައި ކްރޭޒީ ސްޓަބްން ހާޓް...ހިތަށް ވެފައި އޮތްގޮތެއްވެސް ނޭގޭ. ހުސާމްއަކީ ސިހުރުވެރިއަކަށްވާނީ. އޭނަ އެހާ ވިޔާނުދާކޮށް އުޅޭއިރުވެސް ކިހާ ކާމިޔާބު. އެންމެން ފަހަތުން ވިއްޔަ އެއުޅެނީ. ތިބުނާ ރޫޒާއަކަށްވެސް އޭނަ މެރީޑްކަން އެނގޭނެ އެކަމަކު އެއުޅެނީނު އެކީ. މަވެސް ހަމަ އަދިވެސް ކިޔޫގައި. މީހަކު އަތުގައި ހިފީމަވެސް ދުރަށް ދާކަށް ނޭގުނު. މިއަށް ކިޔަނީ ކޯންޗެއްކަމެއް ނޭގޭ......."

"މޮޑަން ކުދިން ދީނީއެއްނުވާނެ. އަހަރެމެން ދީނީވީމަ ބުނަނީ އަފްގާނިސްތާނަށް ދާށޭ. ނޫނީ ބެކްވާޑް މީހުންނޭ. ސާދަ ގަރުނެއްނޫނޭ މިއީ. އެހެންވީމަ ހުރިހާ ފާފައެއްކޮށް ހަމަ ވީހާވެސް ޒަމާނީކޮށް ހުޅަގު ސްޓައިލަށް އުޅެން ޖެހޭކަމަށް ގަބޫލުކުރެވެނީ. ގިނަ ކުދިން ދީންވެސް ގަބޫލުނުކުރޭ. އެހެންވީމަ ޕޭރެންޓުންގެ އިހުމާލްވެސް ބޮޑީ...."

"ދާނީއާއިއެކު ހޭދަވާ ކޮންމެ ވަގުތެއްގައި އިންސްޕަޔާވޭ. އިސްލާހުވާން ބޭނުންވޭ. ހިތް ބަދަލުވަނީ ޗެރީވުޑް ޕެލެސްގެ މާހައުލަށް ދެވުނީމަ....އަދިވެސް އަތަށް ތަދުވޭތަ؟" އަދާރާ އެހިއެވެ."ދާނީ ގެ އަތް ސްޓިޗްކުރިއިރު ﷲ އަކްބަރުއޭ ކިޔަކިޔާ އޮތީމަ ވަރަށް ސްވީޓް. ޑޮކްޓަރވެސް ވަރަށް ލައިކްވެފައި ހުރީ."

ބޭސް އަޅާ ނިމުމުން ދެކުދިން އެކީގައި ނުކުތެވެ. އޭރު ހިމަފޮދު ވާރޭ ވެހެން ފެށުމާއެކު ފަޒާ އަނދިރިވެލައިފިއެވެ. އަދާރާ ދެކުނުގޮތުން އޭނަގެ ހިތާމައިގާ ދުނިޔެވެސް ބައިވެރިވީއެވެ. އޭނަގެ ހަޔާތުގެ ސަފުހާތަކާއި މި އަނދިރިކަން ގުޅެއެވެ. އަދާރާއާއި ދާނިޔާ އަތުގައި ހިފާލައިގެން ޕޭވްމެންޓްމަތިން ހިނގާލާފައި ދަމުން މިސްކިތާއި އަރާ ހަމަވީއިރު ވާރޭ ބޯކޮށްލުމުން ގޮސް ވަދެވުނީ މިސްކިތުގެ ފެންޑާއަށެވެ. އޭރު އަދި އިރުއޮއްސެން ބައިގަޑިއެއްހާއިރު އޮތެވެ. ދާނިޔާ މިސްކިތުގެ ތެރެއަށް ނަޒަރު ހިންގައިލުމާއެކު ލޮލުގައި އަޅައިގަތީ އެތާތެރޭ އިން އެންމެ ޒުވާނެކެވެ. އެއީ އައްޔާޝް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ގުރުއާން ކިޔަވަން ގެއްލިފައިއިން ވަރުން އެހެން ބަޔަކު ތިބިކަމެއް ވާރޭ ބޯކޮށްލިކަމެއްވެސް ރޭކާނުލައެވެ. ދާނިޔާގެ ހިތަށް އެތައް އިހުސާސެއް ކުރެވުނު ވަގުތުކޮޅެކެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަ ބޭނުންވަނީ އެފަދަ ޒުވާނެކެވެ. ދުނިޔެއަށްވުރެ އާޚިރަތަށް އިސްކަންދޭ އަޅުވެރި ތަގުވާވެރި ބައިވެރިއެކެވެ. އަދާވެސް ދާނިޔާގެ ފަހަތުގައި ހުރެފައި ބޯދިއްކޮށްލިއެވެ.

"ސުބުހާނަﷲ. ދާނީ...އަޔާ ގުރުއާން ކިޔަވަން އެއިނީ...ކިހާ ލޯބި...." އަދާރާ ފަހަތުގައި ހުރެފައި ދާނިޔާ އައްޔާޝްއަށް ބަލަން ހުއްޓާ އަންގާވެސް ނުލާ ދެތިން ފޮޓޯނެގިއެވެ.

***

އަދާރާއަށް ދާނިޔާ ގެނެސްދިން ގޯލްޑިއަން މުނިޔާ ޖޯޑު ފެނުމުން އަދާރާގެ ހިތުގައި އެ ގުރާތަކަށް ވަގުތުން ލޯބިޖެހުނެވެ. ގުރާކޮށި ހިފައިގެން ގެނެސް ކާކޮޓަރިއާއި ދިމާލުން ނުކުމެވޭ ދިމާލުގައި ހުރި ގަހުގައި އަޅުވާލުމަށްފަހު ފިންޗް މިކްސް ޕެކެޓުން ކޮށީގައި ހުރި ޕްލާސްޓިކް ގޮށްޓަށް ކާނާ އާއި ފެން އެޅިއެވެ. އެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް މިނަލް އެތަނަށް ނުކުމެފައިި އެގުރާތައް ރީތިވެގެން ކުޅެންފެށިއެވެ. އެކަމަކު އެހެން ގުރާތަކާއި ޚިލާފަށް މުނިޔާތައް އޮޅުނޫންކަމުން މިނަލްއަށް އޭގައި އަތްލުންވެސް ފަސޭހަކަމަކަށްނުވިއެވެ.

"އެންމެން ފުރީމަ އެކަނިވެރިވާނެތީ ދާނީ ގެނެސްދިން މުނިޔާތައް. ސްޓްރެސް ފިލާނެޔޯ ބުނީ........."

"އާނ. ދެން ވަރުގަދަ ކަންތައްގަނޑަކާއި ޖެހުނީމަ ފުރަން ޖެހުނީނު.."މިނަލް ގަހުގެ ބުޑުމަތީގައި އިށީދެ ދެފައި ދަމައިލިއެވެ. ހުރަސްރޮގު ދެމި ޓޮޕްކޮޅަކާއި ޓައިޓެއްލައިގެން ހުރިއިރު އަތް ހިއްލައިލިޔަސް ބަނޑު ހާމަވެއެވެ.

"ޖުއާނާ ސްޕެޝަލައިޒްވާން ދަނީކަމަށް ހީކުރީ..."

"ސިއްރެއް ބުނަންތަ؟ އައި ތިންކް އަދާއަށް ޓްރަސްޓްކުރެވިދާނެއޭ. އެހެންވެ ބުނެފާނަން....މިވާހަކަ އެނގިއްޖެއްޔާ މަމް އެނޑް ޑޭޑް ހާޓްއެޓޭކެއް ޖެހޭނެ...ބުނެފާނަން..."މިނަލް އަޑު ކުރިއަށްވުރެ މަޑުކޮށްލަމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ."އައިމް ޕްރެގްނެންޓް................."

"ވަޓް؟" އަދާރާ ސިހުނެވެ.

"އެހާ ހައިރާންވާވަރުގެ ކަމެއްނޫނެއްނު..އައިމް ފިފްޓީން.."މިނަލް ވާހަކަދައްކަނީ ހަރު މުސްކުޅިއެއްހެންނެވެ."އެހެންވެ މަންމަމެން ބޭރަށް ގެންދަނީ އެކަން ސިއްރުކުރަން. ދެން ބޭބީ އެޑޮޕްޓްކުރަން ދޭނީކަން ނޭގޭ. ވަރަށް ވޮރީވޭ...ސޭމް ބުނި އެބޯޓްކުރާށޭ. އެކަމަކު ބޭނުމެއްނުވި. ސަބަބަކީ ސޭމްދެކެ ވަރަށް ލޯބިވާތީ..މަންމަ ވަރަށް ޕްރެޝާ އެބަކުރޭ އެބޯޓްކުރަން...އެކަމަކު އެކަމަށް އެއްބަސްވާކަށް ނެތިން...."

އަދާރާގެ ގައިގެ ހަކަތައެއް ހުސްވެ އަނބުރައިގެންފާނެހެން ހީވި ވަގުތުކޮޅެކެވެ. އޭނަ ހަނދާނަށް އައީ ވިއްސާރަ ރެއެކެވެ. ވިއްސާރަ ތޫފާނީ ރެއެއްގައި ހުސާމްއާއި މިނަލް އެކީގައި ތިބި މަންޒަރެވެ. ނަމަވެސް ހުސާމް އެހާ ލަދުކުޑަކޮށްލާފައި ކޮއްކޮއެއްފަދައިން އަބަދު ދެކެމުން އައި އަންހެންކުއްޖަކާއި އެފަދަ ގުޅުމެއް ބާއްވަފާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. އަދި އެވެސް ފަނަރަ އަހަރުގެ ކުއްޖަކާއެވެ ނުވީތާކަށް މިއިވުނީ އޭނަގެ ޚިޔާލަށްވެސް ނާންނަފަދަ ވާހަކައެކެވެ. ހަށިގަނޑު ފިނިވެ ހިތަށް ކުރެވުނީ ބަޔާންކުރަން ދަތި ނުބައި އިހުސާސެކެވެ. އަތްވެސް ތުރުތުރުލައިގަތެވެ.

"މިނޫ...އެކަމަ....މިބުނީ ޔޯ ބޯއިފްރެންޑް.....ލިއަމް.."އަދާރާ ހީވީ ކަރުގައި އެއްޗެއް އަޅައިގަނެގެން އުޅޭހެންނެވެ.

"ލިއަމް ބޮލުގައި އަޅުވަން ފަސޭހަވީ...ލައިކް އައި ސެޑް ސޭމް އޭ ބުނެފިއްޔާ ޑިޒާސްޓާއަކަށްވާނީ. އެހެންވެ މަންމަމެން ކައިރީ ދަރިފުޅުގެ ހަގީގީ ބައްޕައަކީ ކާކުކަން ނުބުނާށޭ މިބުނީ. އެތައް ބަޔެއްގެ ލައިފް ހަލާކުވާނެ. އެހެންވެ ސޭމްއާއި އަޅުގަނޑު ނިންމީ އެހެން ނުވެސް ކިޔަން. އެކަމަކު ދެން ސިއްރަކަށް މިހެން ބުނީ. ސޭމްވެސް ލޯބިވޭ. އެކަމަކު ގާނޫނީގޮތުން ގުޅެން ފަސޭހަނުވާނެތީ މިހާރު ސިއްރުން ރައްޓެހިވެގެން އުޅެނީ. އެނީވޭސް ބޭރަށް ދިޔައީމަ ވީކެން ސްޕެންޑް ޓައިމް ޓުގެދާ...." މިނަލް މަޑުމަޑުން ކިޔާދެމުން ދިޔަ ވާހަކަތަކުން އަދާރާގެ ހިތަށް އަރަމުން ދިޔަ ލޮޅުމެއް މިނަލްއަކަށް ނޭގުނެވެ. އެނގުނަސް އޭނަ ފަރުވާ ބަހައްޓަންވީ ސަބަބެއްނެތެވެ. އަދާރާގެ ސިކުނޑީގައި ހިގަމުން ދިޔައީ އެކި މަންޒަރުތަކެވެ. މިނަލް މޫދަށް ފުންމައިލި މަންޒަރެވެ. ހުސާމް ދިން ބޮޑު "ބެއާ"އެވެ. އެ ހިފައިގެން ސޯފާގައި އޮންނަތަން ފެނުމުން އަދާރާއަށް އުދަގޫވެއެވެ. މިހާރު ސަބަބު ޔަގީންވީއެވެ. ޝުވޭކާރު އެހާ ގަދަޔަށް ރުއި ސަބަބަކީވެސް އެއީތާއެވެ.

"ބައްޕަމެންނަށް އެނގިލެއްވުމުން ރިއެކްޓްކުރެއްވީ ކިހިނެއް؟" އަދާއަށް އަހައިލެވުނެވެ.

"ޝޮކެއްލިބުނީ. މަންމަ ކިރިޔާ އަޅުގަނޑުގެ މޫނުގައި ނުޖެހީ..ބަވައިގަތީމަ ބައްޕަ މަންމައަށް ހުއްޓަން އެންގެވީ.."މިނަލް ވާހަކަދައްކަމުންގޮސް ލޮލުން ކަރުނަ ތިކިތަޅަންފެށިއެވެ."ބައްޕައަށް އަބަދުވެސް މިނޫ ވަރަށް ސްޕެޝަލް. އަބަދު ބައްޕަގެ ޕްރިންސެސް ލިޓްލް ގާލް އެކަމަކު އެދުވަސްފަހުން ބައްޕަ ވަރަށް ޗޭންޖްވެއްޖެ. ބައްޕައާއި މަންމައަށް ވަރަށް ޕެއިން ދެވިއްޖެހެން ހީވޭ. ލިއަމްވެސް މިގެއަށް ވަނުން މަނާ.. މަންމަ ބުނީ ލިއަމް ގާތުވެސް ޕްރެގްވާހަކަ ބުނާނެ ކަމެއްނެތޭ. އެންމެން ގާތު ބުނީ ލިއަމްއޭ. ހަގީގަތް އެނގޭނީ ހުސާމްއާއި އަދާރާއަށް......................."

އަދާރާ މިނަލް ގެ ގާތަށް ކަކޫމައްޗަށް ތިރިވެ މިނަލް ގެނެސް މޭގައި ޖައްސައިލިއެވެ."ނުރޮއި މިނޫ. މިނޫއަށްވުރެ ބޮޑަށް ކުށްވެރިޔަކީ އޭނަ. މިނޫ އޭނަދެކެ ލޯބިވިޔަސް އޭނަގެ ފާފަ ފޮރުވާނެކަމެއްނެތް. މިބުނީ ދުނިޔެއަށް އިއުލާން ނުކުރިޔަސް މަންމައާއި ބައްޕަ ގާތު ބުނެދީ. ލިއަމް އިނޮސެންޓްއިރު އެކުއްޖާގެ ބޮލުގައި ނާޅުވާ. އިޓްސް ސޯ އަންފެއާ....ކުށްވެރިޔާ ޕްރޮޓެކްޓް ތިކުރަނީ........."

"އައި ޑޯ ނޯ....." މިނަލްގެ ރުއިން އިތުރުވިއެވެ.

"ދެވަނަ ފަހަރަށް ވިސްނައިލުމުން ހިތަށް އަރަނީ އެވާހަކަ ބުނުމުން އިތުރަށް ފެމިލީ ތެރޭގައި މައްސަލަ ޖެހި އެންމެންގެ ހާޓްބްރޭކް ވުން ނޫންކަމެއް ނުވާނެއޭ. އެކަމަކު ހުސާމް ކައިރީ ބުނަންވާނެ އިތުރު އަންހެންކުއްޖަކަށް ލަނޑު ނުދޭށޭ. ތައުބާވާށޭ.." އަދާރާގެ ހިތް ކުދިކުދިންވަމުން ދިޔަ ވަރަކަށް އޭނަގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. ދެކުދިންނަށް އެގޮތަށް ހިފަހައްޓާލައިގެން އިރުކޮޅެއްވާންދެން ތިބެވުނެވެ.

***

އެރޭ އަދާރާ ލޮލު އެސްފިޔަޖަހާނުލައެވެ. އެތައް ފަހަރު ރޮވުނެވެ. ރޮމުންގޮސް ލޯ ދުޅަވެ ފާރުވާ ހިސާބަށްދިޔައެވެ. އޭނަގެ ލޯބިވެރިޔާ ހުސާމް ވީ އޭނަ ހީނުކުރާވަރުގެ ވިޔާނުދާ ގޮތްކުޑަ އިންސާނަކަށެވެ. އަންހެންކުދިންގެ ފަހަތުން އުޅުނަސް ކޮއްކޮއެއްގެ މުސްތަގުބަލް ވީރާނާކޮށްލާނެކަމަކަށް ހިޔެއްނުކުރެއެވެ. ހުސާމްގެ ސިކުނޑި ފުދޭވަރަކަށް ރަގަޅެވެ. ލިއަމްގެ ބޮލުގައި އެޅުވުމުގައި ކާމިޔާބުކޮށްފިއެވެ. މިނަލްގެ އާއިލާގެ އެންމެން ކުށްވެރިކުރާނީ ލިއަމްއެވެ. ހަގީގީ ކުށްވެރިޔާގެ ޗާލާކުކަން މާ ބޮޑެވެ. އޭނައަށް ހަގީގަތް އެނގުނުކަން އެ ހުސާމްއަށް އަންގަންވީއެވެ. ނޫނެކެވެ. މިނަލް އޭނައަށް ކުރި އިތުބާރު ކެނޑޭފަދަ އަމަލެއް އޭނަ ނުހިންގާނެއެވެ. ކެތްކުރާނީއެވެ.

"ހިތްހަމަޖެހުން ލިބޭނީ ނަމާދުކުރުމުން"

"ހަމަކަށަވަރުން އުދަގޫކަމާއެކު ފަސޭހަކަން ވެއެވެ." ގުރުއާނުގައި މިފަދައިން ވަހީކުރައްވާފައިވާހިދު އޭނަ ކަރުނަ އޮއްސާ ފިޑިވާންވީ ސަބަބެއްނެތެވެ. އެރިއިރާއެކު އަދާރާ ތެދުވެގެން ކާކޮޓަރިއާއިދިމާލަށް ގޮސް ދޮރު ހުޅުވައިލިއިރު މައިމޫން ކޮފީތަށްޓެއް ހިފައިގެން އެކަނިމާއެކަނި ގަހުގެ ގޮފިގަނޑެއްގައި އަތް އަޅުވާލައިގެން ބުދެއްހާ ހިމޭނުން ހުރިތަން ފެނުމުން އަދާރާގެ ހިތަށް އަސަރުކުރިއެވެ. ބައްޕައެއްގެ ހައިސިއްޔަތުން އެހިތަށް ވާނެ ތަދު ރޭކާލިއެވެ. މައިމޫންއާއި ޝުވޭކާރުގެ ފަރާތުންވެސް ކުރިން ނުފެންނަފަދަ ހިމޭންކަމާއި ހިނިތުންވުމެއްނެތް ސީރިޔަސްކަމެއް ފެންނަ ސަބަބަކީ މިނަލްއެވެ.

***

މައިމޫންއާއި ޝުވޭކާރުގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިން އެދެމަފިރިންގެ ދަރިފުޅު އައްޔާޝްއަކީ ބީރައްޓެއްސެކޭ ތަފާތެއްނެތެވެ. އެހާވެސް ބަދަލުވެއްޖެއެވެ. ނަމަވެސް ލޮލުން އުފާވެރިކަން ފެންނަކަމަށް އެމީހުންނަށް ގަބޫލުކުރަން ޖެހުނެވެ. އިސްތަށިގަނޑާއި ތުނބުޅިކުރިއަށްވުރެ ދިގުވެ ޖިންސްގެ ފައިކުރި އޮޅާލާފައެވެ.

"އަޔާ....ވަޓްސް ރޯންގް ވިތް ޔޫ؟ ދަރިފުޅަކީ ކުރިން ބައްޕައާއި ދެކޮޅަށް ދުވަހަކުވެސް އެއްޗެއް ބުނި ކުއްޖެއްނޫން...ބައްޕައަށް ގަދަރުނުކުރަން ދީނުގައި އޮވޭތަ؟" ޝުވޭކާރުގެ އަޑުގައި ހަރުކަށިކަމެއް އެކުލެވުނެވެ. އޭނަގެ އާއިލާއަށް އެސްފީނާއެއް ޖެހުނީހެއްޔެވެ؟ އެތައް އަހަރެއްވާންދެން ބިނާކުރި އުފާވެރި އާއިލާއަށް ކޮންމެވެސް މީހެއްގެ ސުންޕާކަމުގެ ހިޔަނި އެޅިއްޖެއެވެ.

"ސިމްޕަލް ކަމަކަށް އަޅުގަނޑު ރިކުއެސްޓްކުރީ. އެންމެ ކަމަކަށް...."

"ދެޓްސް ނޮޓް ޕޮސިބްލް އައްޔާޝް........."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު