ކުޅިވަރުތަކަށް ޒުވާން ކުޅުންތެރިން ތަމުރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށީ "އަރުތަ" ޕްރޮގްރާމުގައި ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ނަން ހިމަނައިފިއެވެ.
މިއަދު ޔޫތު މިނިސްޓްރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ ދަށުން ރާއްޖޭން ބޭރުގައި ހަދާ ތަމްރީނުތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދީ، ޓީޓީ މުބާރާތްތަކަށް ދިއުމަށް ދީމާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށެވެ.
ދިމާގެ ނަން އަރުތަ ޕްރޮގްރާމްގެ ލިސްޓަށް އިތުރުކުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އީން އައްބާސް ޝަރީފާއި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)އާއި، ކުރިއަރަމުން އަންނަ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމްގެ އިތުރުން އުމުރުން 14 އަހަރުގެ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް ވެސް ވަނީ އެ ލިސްޓުގައި ހިމަނައިފައެވެ.
އަރުތަ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމެވެ.
އެ މަސައްކަތުގެ ތެރެއިން، އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު "އަރުތަ" ސްކޮލަޝިޕް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ތިބެގެން ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ފަހިކުރެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
އަރުތަ ޕްރޮގްރާމް ލޯންޗުކުރުމުގެ ކުރިންވެސް ސަރުކާރުގެ އެހީގައި ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އައީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ.