ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅަނީ

ދ. ކުޑަހުވަދޫ --- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މި ހައުސިން ޔުނިޓްތައް އިމާރާތް ކުރަން ނިންމާފައިވަނީ ޑިޒައިން އެންޑް ބިލްޓް އުސޫލުންނެވެ.

ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިބްރާހީމް ފިކުރީ މިއަދު "ސަން"އަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ތެރެއިން އެރަށުން ގޯތި ދޫކުރުމަކީ ރައްޔިތުން މިހާރު އެދޭ އެންމެ ބޮޑު އެދުން ކަމަށެވެ.

"ރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރެވޭތޯ ކައުންސިލުން މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ދެން ސަރުކާރުން 50 ހައުސިން ޔުނިޓް ރަށުގައި އަޅާދިނުމަކީ އެކަމަށް ލިބޭނެ އިތުރު ކުރިއެރުމެއް،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، ކުޑަހުވަދޫގެ ރައްޔިތުންގެ ޑިމާންޑާ އަޅާބަލާއިރު 50 ހައުސިން ޔުނިޓަކީ އެ ރަށަށް އެންމެ އެކަށޭނެ އަދަދު ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 260،000 ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. ބިޑުތައް ހުޅުވުން އޮންނާނީ ފެބްރުއަރީ 14ވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޏ. ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަދި ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް