މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސާފު ދުވަހެއްގައި 10 ކިލޯމީޓަށް ވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ޚާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް އެ މިންވަރު ހުރީ އެވްރެޖު ގޮތެއްގައި ހަތަރު ކިލޯމީޓަރަށް ދަށް ވެފައި ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ދުރުފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި، ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ފާއިތުވި ޑިސެމްބަރު މަހު ވެސް އުތުރަށް، ޚާއްސަކޮށް ކުޅުދުއްފުށީގެ ވައި ވަނީ ނުރައްކާވާ މިންވަރަށް ނުސާފުވެފައެވެ. އެހެންވެ މާސްކް އަޅައިގެން އުޅުމަށް ޑޮކްޓަރުން ލަފާދިނެވެ.
އެދުވަސްވަރު ވައި ނުސާފުވުމާ ގުޅިގެން ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ، ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ބޭރުގައި އުޅޭ ވަގުތު މަދުކުރުން މުހިންމު ކަމަށެވެ.
މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތު މާސްކު ބޭނުންކުރުމާއި، ކޮޓަރި ތަކުގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ"އިން ރާއްޖޭގައި ވެސް އޭރަކު ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.