ބ. ގޮއިދޫގައި ތަރައްގީކުރާ ސްކޭޓް ޕާކު ނިމުމާ ގާތްވެފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮއިދޫގައި ތަރައްގީކުރާ ސްކޭޓް ޕާކު ނިމެންގާތްވެފައިވާތަން ފެނުމަކީ އުފާވެރި މަންޒަރެއްކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މ. މުއްޔާއި ގދ. ވާދޫގައި ސްކޭޓް ޕާކު އަޅާ ނިއްމާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ސްކޭޓް ޕާކެއް ހެދުމުގެ މަސައްކަތް ފަށާނެކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ފަރާތުން ވަނީ 2018 ވަނަ އަހަރު ބ. ގޮއިދޫގައި ސްކޭޓް ޕާކެއް އަޅަން ނިންމައިފައެވެ.
ގޮއިދޫގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ގޮއިދޫގެ ރައްޔިތުންނަށް ސްކޭޓް ޕާކެއް ހަދިޔާކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެ ޖަލްސާއަށް ފަހު އެ ކޮމިޓީން ވަނީ އެ ރަށުގެ ބަނދަރުމަތީގައި ޕާކް އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ޕާކުގެ ބިންގާ ވެސް އަޅާފައެވެ.
ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ފަރާތުން އެ ރަށުގައި ސްކޭޓު ޕާކެއް އުޅުމަށް ނިންމައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރަދާސް މޯލްޑްވިސްއާ އެ މަސައްކަތް ހަވާލުކޮށްފައެވެ.
އެ ކުންފުންޏާ ސްކޭޓް ޕާކު ތަރައްގީކުރުމަށް ހަވާލުކުރީ 1.4 މިލިއަން ރުފިޔާގެ އަގަކަށް 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.