ޖެޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި

ވެލާނާ އެއާޕޯޓުގައި ޖޭޓެއް -- ފޮޓޯ/ޗަމްޕްމޭން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރި ޕްރައިވެޓް ޖެޓެއްގެ ކެބިންއަކުން ދުން އަރާތީ އެމަޖެންސީގައި އަނބުރާ އެ އެއާޕޯޓަށް ޖައްސައިފިއެވެ.

ރޭ ދަންވަރު "ބޮމްބާޑިއާ ގްލޯބަލް 6000" ޕްރައިވެޓް ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިއިރު އޭގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަ ވެފައެއް ނެތެވެ. ނަމަވެސް އެ ޖެޓު 5000 މީޓަރު މައްޗަށް އެރި ފަހުން ކެބިން އިން ދުން އަރަން ފެށިއެވެ.

އެހެންވެ، އެމަޖެންސީކޮށް އެ ޖެޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަނބުރާ ޖައްސާފައެވެ.

މި ޖެޓުން ދުން އަރަން މެދުވެރިވި ސަބަބުން އަދި އެނގިފައިނުވާތީ އެ ޖެޓު އަދިވެސް އޮތީ ވީއައިއޭގައެވެ.

މި ޖެޓަކީ ވިސްޓާޖެޓް މަލްޓާގެ ޕްރައިވެޓް ޖެޓެކެވެ. ވިސްޓާޖެޓް މަލްޓާ އަކީ ޕްރައިވެޓް ޖެޓްތައް ޗާޓަރު ކޮށްދޭ ކުންފުންޏެކެވެ. އެގޮތުން 2004 ގައި އުފެދުނު އެ ކުންފުނީގައި މިހާރު 73 ޕްރައިވެޓް ޖެޓު އޮވެއެވެ.

މި އަހަރުގެ މި ދުވަސްވަރަކީ ވެލާނާ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަސްވަރެކެވެ. އެގޮތުން އެވްރެޖްކޮސް ދުވާލެއްގެ މައްޗަށް 200 އެއްހާ އެއާ ޓްރެފިކް މޫވްމެންޓްސް އެއާޕޯޓުގައި ހިނގައެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޖެޓުތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް