"އަހަރެން ނާޒިލް ދެކެ ވަރަށް.... ވަރަށް ލޯބިވޭ...."

ގިސްލެވޭވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ މިޝްޔާ ހާމަކޮށްލި ވާހަކައާއެކު، މާކިންގެ ހިތުގައި ދައުރުވީ އިތުރު ސުވާލުތަކެކެވެ. މިޝްޔާ ލޯބިވާކަން އެނގުމުން ނާޒިލް އެކަމާ ދެކޮޅު ހެދީހެއްޔެވެ؟ މިޝްޔާ އެހާވަރަށް ރޮމުންދާ ސަބަބަކީ އެއީ ހެއްޔެވެ؟ މިޝްޔާ އެހާ ހިތްދަތިވެފައި ރޮމުން ދަނިކޮށް މީގެ ކުރިން އޭނާއަށް ފެނިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ މަންމަ ނިޔާވިއިރުއެވެ. އޭގެފަހުން އެގޮތަށް މިޝްޔާ ރޮއިފައިވާތަނެއް ދުވަހަކުވެސް މާކިންއަށް ފެނިފައެއް ނުވެއެވެ. އެކަމުން އެކަނިވެސް މިޝްޔާގެ ހިތަށް ކޮށްފައިވާ އަސަރާ އެ ހިތް ހަލާކުވެފައިވާ މިންވަރު މާކިންއަށް އަންދާޒާކޮށްލެވުނެވެ.

"ދޮންބޭ.... އަހަރެން ވަރަށް.... ބޮޑަށް..." މިޝްޔާ އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"އައި ނޯ... އައި ނޯ... ދެން ހުއްޓާލާ... ނާޒިލް އެއްޗެކޭ ބުނީތަ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ. މިޝްޔާ އެއްޗެއް ނުބުނެ ރޮމުން ދިޔައީ މާކިންއަށް ނާޒިލް އަކީ ކާކުކަން ކިޔައިދޭނެހާ ހިތްވަރު އޭނާގެ ގައިގައި ނެތީތިއެވެ.

"ދޮންބެ ނާޒިލްއާ ވާހަކަ ދައްކަންވީތަ؟ މިޝޫ ބުނެފިއްޔާ ވާހަކަ ދައްކަފާނަމޭ..." މާކިން ހީކުރީ ނާޒިލް މިޝްޔާއާ ދެކޮޅު ކަމުގައެވެ. އަދި އެއީ އޭނާ އެގުޅުމާ މެދު ހީކޮށްފާނެ އެއްޗަކަށް ބެލުމަށްފަހު، ނާޒިލް ނިންމި ނިންމުމެއް ކަމުގައެވެ. އެކަމަކު ނާޒިލް އެގޮތަށް ވިސްނަން ވީ ކީއްވެހެއްޔެވެ؟ ނާޒިލްފަދަ ޙަޔާތުގެ ބައިވެރިއެއް މިޝްޔާއަށް ލިބޭކަމުގައި ވާނަމަ އޭނަ ވާނީ އުފަލެއް ނޫންހެއްޔެވެ؟ ނާޒިލްއަކީ ކިޔަވައިގެން ހުރި ހަރުދަނާ ރަނގަޅު ޒުވާނެކެވެ. ތަނަވަސް އާއިލާއަކުން އައިސްފައި ހުރި ޒުވާނެކެވެ.

"ނޫން." މާކިންގެ އެ ސުވާލަށް ނޫނެކޭ ބުނެ މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން ހުއްޓާލާ... ހިނގާ ގެއަށް ދާން... މިހާރު ނައިރާވެސް އެ ގުޅީ ލަސްވެގެން..." މާކިން ފޯނެއް އައުމާއެކު، ބަލައިލިއެވެ. ގުޅަނީ ނައިރާއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއިރު ވެސް އޭނާ އިނީ މިޝްޔާ ގަޔާ ކައިރިކޮށްލައިގެން އެއްއަތުން މިޝްޔާގެ ބުރަކަށީގައި ހިފައްޓައިލައިގެންނެވެ.

"މިޝޫ ފެނިއްޖެ؟" ނައިރާގެ އަޑުގައި ވަނީ ހާސްކަމެވެ.

"އާނ...މި ދަނީ އިރުކޮޅަކުން ގެެއަށް." މާކިން އެހެން ބުނެފައި ފޯނުބޭއްވިއެވެ.

"މިޝޫ... ހިނގާ ދާން..." މާކިން މިޝްޔާ ގަޔާ ކައިރިކޮށްލައިގެން ހުރެ ތެދުކޮށްލިއެވެ. މާކިންގެ އެހީތެރިކަމާއެކު ތެދުވި މިޝްޔާ، ނުރޯން މަސައްކަތް ކުރިނަމަވެސް، ތާޒާ ކަރުނަތައް އޭނާގެ ލޮލުގެ އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު، ތިރިއަށް އޮހޮރެމުން ދިޔައެވެ. ހަނދާނނަށް އަންނަނީ ހާޝިމްގެ ވާހަކަތަކެވެ. ނާޒިލްގެ މޫނުމަތިން އޭނާއަށް ފެނުނު ވޭނެއެވެ. އެ ދެލޮލުން އޭނާއަށްޓަކައި ފެނުނު އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެ ލޯތްބަށް އޭނާ ފުރަގަސްދީފައި އެއައީ ހާޝިމްގެ ސަބަބުންނެވެ. އެކަމުގައި ނާޒިލްގެ އޮތީ ކޮން ކުށެއްތޯ އޭނާގެ ހިތް އޭނާގެ ކައިރީގައި ސުވާލުކޮށްލާ ކޮންމެ ފަހަރަކު އެ ހިތުގެ ވިންދު ހިތާ ވަކިވަމުންދިޔަ ފަދަ އިޙްސާސްއެއް މިޝްޔާއަށް ކުރުވަމުން ދިޔައެވެ. ނާޒިލްއަކީ ހާޝިމްގެ ދަރިއަކަށް ވާންވީ ކީއްވެހެއްޔެވެ؟ އެހާ ދުވަސްފަހުން އޭނާއަށް ލިބުނު އުފާވެރިކަން ވެސް ތަޤުދީރުގެ އަތުން ނިގުޅައިގަންނަނީހެއްޔެވެ؟ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ ހިތުގެ ގޮވުމަށް ފުރަގަސްދީފައި ނާޒިލްއާ ދުރުގައި ހުންނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންނަމަވެސް، އެއީ ޙާޝިމްގެ ދަރިއެއްކަން އެނގުމަށްފަހު، ނާޒިލްއާ އެކު އުޅުމުގެ ހުވަފެން އޭނާއަށް ދެކެވިދާނެހެއްޔެވެ؟ އޭނާގެ ހުރިހާ ހަޤީގަތެއް މިހުރިހާ ދުވަހު އޭނާއަށް ހާމަކުރެވުނީ ހާޝިމްއާ ގުޅުން ހުރި މީހެއްގެ ގާތުގައެވެ. ނޫނެކެވެ. ގުޅުން އެކަންޏެއް ނޫނެވެ. އެއީ ހާޝިމްގެ ލެއެވެ. ހާޝިމް އުޅެނީ ނާޒިލްއާ ވަކިންކަމުގައި މިޝްޔާއަށް ޔަޤީން ކުރެވުނު ނަމަވެސް، އެ ހުރިހާކަމެއް ސިކުނޑިއަށް ނަގައިގަންނާނެގޮތެއް އޭނާއަކަށް ނޭނގުނެވެ. ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ.

މާކިންއާ އެކުގައި ކާރަށް އެެރުރުމަށްފަހު، ލޯ ފުހެލަމުން މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތްވަރުކުރަން މަސައްކަތް ކުރިނަމަވެސް، މޭގައި އުފެދިފައިވާ ތޫނު ރިހުމުގެ ސަބަބުން އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ. ގިސްލުން މަޑުވެލިކަމުގައި ވީނަމަވެސް، ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ.

މިޝްޔާއަށް ބަލައިލުމަށްފަހު، މާކިން ކާރު ސްޓާރޓްކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. ގުޅަނީ ނާޒިލްއެވެ. މިޝްޔާއަށް ބަލައިލުމަށްފަހު، މާކިން ފޯނު ނެގިއެވެ.

"ހަލޯ..."

"މާކް. މިޝްޔާ ފެނިއްޖެތަ؟" ނާޒިލްގެ އަޑުގައި ވަނީ ހާސްކަމެވެ.

"ނާޒިލް! ކިއްކޮށްގެންތަ ތިއުޅެނީ؟ މިޝޫ އާ ދިމާލަށް ކީކޭ ކިޔައިގެންތަ؟" މާކިންގެ އަޑުގައި ހުރި ނުރުހުމުގެ އަސަރު މިޝްޔާއަށް ވެސް ފަހުމްވިއެވެ.

"މާކް ޕްލިޒް... މިޝްޔާ ފެނިއްޖެތަ؟ އަހަރެން ވަރަށް ކަންބޮޑުވެފައޭ މިހިރީ...." ނާޒިލްގެ އަޑުގައިހުރި ހާސްކަން މާކިންއަށް އެނގުނުނަމަވެސް، މިޝްޔާ އެ އިން ޙާލު ފެނި އޭނާއަށް ވާހަކަ ދެއްކުނީ ކުޑަކޮށް ހަރުކަަށިކޮށެވެ.

"ކީއްކުރަން މިހާރު މިޝްޔާ ވީތަނެއް ބަލަން ތިގުޅަނީ...؟" މާކިން ބުނެލިއެވެ. މިޝްޔާ މާކިންގެ އަތުން ފޯނު އަތުލުމަށްފަހު، ސްޕީކަރަށް ލިޔެވެ.

"މާކް. ޕްލީޒް. އަހަރެން ހުރިހާ ވާހަކައެއްވެސް ފަހުން ކިޔައިދޭނަމޭ... މިޝޫ ފެނިއްޖެތަ؟ އެޓްލީސްޓް، އެވަރު އަހަރެން ގާތު ބުނެފީބަލަ! އައި އެމް ސޮރީ ފޯ އެވްރީތިންގް." ނާޒިލް އެހެން ބުނެލީ އާދޭހުގެ ރާގެއްގައެވެ. މިޝްޔާގެ ކަންފަތުގައި ނާޒިލްގެ އަޑު ޖެހުމާއެކު، އޭނާ ދެރަވެފައި ހުރިވަރު އިޙްސާސްކޮށްލެވުނެވެ. އޭނާ ބޯ ޖަހައިލަމުން، މާކިންއަށް އިޝާރާތްކޮށްލީ ނާޒިލްއަށް ޖަވާބު ދިނުމަށެވެ.

"މިޝޫ ފެނިއްޖެ." އެހެން ބުނެލާފައި އިތުރު އެއްޗެއް ނުބުނެ މާކިން ފޯނު ކަނޑައިލިއެވެ. މިޝްޔާގެ ރުއިން ބާރުވީ ދެނެވެ.

***

މާކިން ފޯނު ކަނޑައިލުމާއެކު، ނާޒިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގެ އެތިކޮޅުތައް އެކިދިމަދިމާލަށް ބުރައިގެން ދިޔަ ފަދަ އިޙްސާސްއެއް ނާޒިލްއަށް ކުރެވުނެވެ. މާކިންގެ ވާހަކަތައް ހުރި ގޮތުން މިޝްޔާގެ ޙާލަތު އޭނާއަށް އަންދާޒާކޮށްލެވުނެވެ. އެނާ އެންމެ ލޯބިވާ އަންހެން ކުއްޖާއަށް ނޭނގި ނަމަވެސް އެ ދެވުނީ ހާދަ ބޮޑު އަނިޔާއެކެވެ. އެހިތުގެ އިޙްސާސްތައް ފޮރުވައިގެން ހުރިނަމަ މިދުވަސް ކުރިމަތި ނުވީހެވެ. އެކަމާ ހިތާމަކޮށް ރޮއިހަދާކަށް މިޝްޔާއަކަށް ނުޖެހުނީހެވެ. އެފަދަ ނުބައި އިންސާނެއްގެ ދަރިއަކަށް އޭނާވީ ކީއްވެހެއްޔެވެ؟ ތަޤުދީރާ މެދު އެތައް ހާސް ޝަކުވާއެއް އޭނާއަށް ކުރެވެމުން ދިޔައެވެ. މަންމަ ހާޝިމްގެ ކިބައިން ވަރިވުމަށްފަހު، އޭނާ ހީކުރީ ދެން ޙާޝިމްގެ އުނދަގޫ އެމީހުންގެ ދިރިއުޅުމަށް ނުޖެހޭނެކަމުހައެވެ. ހާޝިމްގެ ބާބު ނިމުނީ ކަމުގައެވެ. އޭނާގެ ހިޔަނި އެމީހުންގެ ދިރިއުޅުމަށް ނޭޅޭނޭކަމުގައެވެ. އެހެންނަމަވެސް، ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އަނބުރާ އައިސް ހުއްޓެން މަޖުބޫރުވީ، އޭނާގެ މާޒީގެ ކުރިމަތީގައެވެ.

ނާޒިލްއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ. އެވާހަކަތައް ހިއްސާކުރާނީވެސް ކާކާ ހެއްޔެވެ؟ މިޝްޔާއެކޭ އެއްގޮތަށް އެންމެ ގާތް އެކުވެރިޔާވެސް ގެއްލިއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އިސްޖަހައިލި ނާޒިލް އޭނާގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. ދުނިޔެއަކީވެސް ހާދަ އެެހެން ކަހަލަ ތަނެކެވެ. މީގެ ކުރިން އޭނާއަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާއެވެ. އެހެންމީހުންނަށް އެހީތެރިވާ މީހާއެވެ. އެހެންނަމަވެސް، މިއަދު އޭނާ އެވަނީ އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އެހެން މީހެއްގެ އޯގާތެރިކަމަށް ބޭނުންވެފައެވެ. ބޭނުންވަނީ ގެއަށް ގޮސް މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ ހިތުގެ އުދާސްތައް ބޭރު ކޮށްލާށެވެ. އެެހެންނަމަވެސް، އެ ފުރުސަތުވެސް އޭނާއަކަށް ނެތެވެ. އެވާހަކަތައް ހިއްސާކޮށްފިނަމަ މަންމައަށް ވާނެ ގޮތް އޭނާއަށް އަންދާޒާކޮށްލެވެއެވެ. އެއީ އޭނާއަށް އޮތް ގޮތްބާއޭ ނާޒިލްގެ ހިތަށް އަރަމުން ދިޔައެވެ. ހަމައެކަނި އޮތް ގޮތަކީ ހިތުގެ އިޙްސާސްތައް ހިތުތެރޭގައި އޮއްބާލުންހެއްޔެވެ؟ އޭނާގެ ލޯތްބާ ދުރަށް ދިޔުން ހެއްޔެވެ؟ މިޝްޔާމަތިން ހަނދާން ނައްތައިލުންހެއްޔެވެ؟ ނޫނެވެ. އެއީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ މިޝްޔާދެކެ ލޯބިވެއެވެ. ހަދާނެ ގޮތް ހުސްވެ ނާޒިލްއަށް މޭޒުގައި ގޮށްމުށްކަވާފައި ޖަހައިލެވުނެވެ.

***

ކާރުގައި އިންއިރުވެސް މިޝްޔާ އިނީ ލޯގަނޑުން ބޭރު ބަލަހައްޓާލައިގެންނެވެ. ގެއާ ހިސާބަށް އާދެވެން ދެންވެސް މިޝްޔާ ކެނޑި ނޭޅި ރޮމުން ދިޔައެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. ދެކޯތާފަތާއި ނޭފަތްވަނީ ރަތްވެފައެވެ. ގިސްލެވެމުން ދިޔައިރު، އޭނާގެ މޭގައި ވެސް ރިއްސަމުން ދިޔައެވެ. ގޭޓުން ކާރު ވައްދައިލުމަށްފަހު، ޕާކުކޮށްލާފައި މާކިން، ކާރުން ފައިބައިގެން ގޮސް މިޝްޔާ އިން ދިމާ ދޮރު ހުޅުވައިލިއެވެ. މިޝްޔާ ކާރުން ފޭބުމުން މާކިން މިޝްޔާގެ ކޮނޑުގައި ހިފައްޓާލައިގެން ހުރެ، ގެއަށް ވަންނަން ހިނގައިގަތެވެ.

މިޝްޔާ ގޮވައިގެން ގެއަށް ގޮސް ވަތްއިރު ފޯނެއްގައި ހުރި ރިފްއަތު ފަހަތަށް އެނބުރިލީ މިޝްޔާގެ ގިސްލުމުގެ އަޑަށެވެ. އޭނާއަށް ފަހުން ގުޅާނަންކަމަށް ބުނެ ފޯނު ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ގިސްލާ ރޮމުން ދިޔަ މިޝްޔާފެނި އޭނާގެ މޭގައި ރިއްސައިލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ މީގެ ފަސް އަހަރު ކުރިން އޭނާއަށް ފެނުނު މިޝްޔާއެކެވެ. އެފަދަ އަސަރުތައް މިޝްޔާގެ ފަރާތުން ފެނުނީ އޭނާގެ އަންހެނުން ޒިޔާނާ ނިޔާވިއިރުއެވެ. ރިފްއަތު ލޮލުން މާކިންއަށް އިޝާރާތް ކޮށްލިނަމަވެސް، މާކިންގެ ބުނެލީ ފަހުންކަމުގައެވެ. އެވަގުތަކީ ނައިރާވެސް ސިޑިން ތިރިއަށް ފޭބި ވަގުތެވެ. މާކިންގެ ކައިރީގައި ހުރި މިޝްޔާ ގިސްލަގިސްލާފައި ރޮމުން ދިޔަތަން ފެނުމާއެކު އޭނާ ވެސް ފިޔަވަޅުތައް އަވަސްކޮށްލަމުން އަިސް މިޝްޔާގެ ކައިރީގައި ހުއްޓުނެވެ. މާކިންއަށް ބަލައިލުމަށްފަހު، އޭނާ މިޝްޔާ ގޮވައިގެން ގޮސް ސޯފާގައި ބެއިންދިނެވެ. އެއަށްފަހު، ޖެސިކާއަށް ގޮވައިލަމުން ފެންތައްޓެއް ގެނެސްދިނުމަށް އެދުނެވެ. ޖެސިކާ ގެނައި ފެންތަށިން އެތިފޮދެއް ނައިރާގެ އެހީތެރިކަމާއެކު މިޝްޔާ ބޮއިލިއެވެ.

"މިޝޫ... ހުއްޓާލަބަލަ!" މިޝްޔާ ރޯވަރުން ނައިރާވެސް ކަންބޮޑުވިއެވެ. މިޝްޔާ އިސްއުފުލައިލުމަށްފަހު، ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ރިފްއަތާ މިޝްޔާގެ ހަތަރު ކަޅި ހަމަވީ އެންމެ ދެތިން ސިކުންތައް ނަމަވެސް، މިޝްޔާގެ އެ ދެލޮލުން ފެނުނު އަސަރުތަކުން ރިފްއަތުގެ ހިތަށް އަސަރުކުރިއެވެ. މީގެ ކުރިން އޭނާއަށް ނުކުރެވޭ އިޙްސާސްއެއް ކުރެވުނެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ނިދާފައިވާ ކުލުނާ އޯގާތެރިކަން މިޝްޔާއަށްޓަކައި އޭނާގެ ހިތުގައި ހޭލައިގަތީ ހެންނެވެ.

މިޝްޔާ ދުވެފައި ގޮސް ސިޑިން މައްޗަށް އަރަން ފެށުމުން މާކިންއާއި ނައިރާވެސް އެދިމާލަށް ދުއްވައިގަތެވެ. އެ ދެމީހުން ދިޔަ މަންޒަރު ބަލަން ހުރި ރިފްއަތުގެ ހަނދާންނަށް އައީ ޒިޔާނާގެ އެންމެ ފަހުގެ ބަސްތަކެވެ.

"އަހަރެން ނެތަސް އަހަރެންގެ ދެ ދަރިންނަށް ރަނގަޅަށް ބަލައްޗޭ!" އެބަސްތައް ރިފްއަތުގެ ކަންފަތުގައި ގުގުމަން ފެށިއެވެ. މާކިންއާ މިޝްޔާއާ ތަފާތުކުރެވުނު ވަރު، އޭނާއަށް އިޙްސާސްވުމާއެކެ، ޒިޔާނާގެ އެ ވަސިއްޔަތަށް، މިޝްޔާއާ މެދު އިހުމާލުވެއްޖެކަމުގައި އޭނާއަށް އިޙްސާސް، ވެއްޖެއެވެ. އެ ދަރިފުޅު އެކަނިކޮށްލެވުނުވަރު އޭނާއަށް އަންދާޒާކޮށްލެވުމާއެކު، އަމިއްލަ ނަފްސު ކުށްވެރިކުރެވިގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި ޒުވާބު ކުރިނަމަވެސް، ހަޤީގަތުގައި މިޝްޔާއަކީ އަދިވެސް ކުރީގެ ނާޒުކު މިޝްޔާއެވެ. ދެބަސްވެ އަރާރުންވުމަކީ އެ ހިތުގެ ރިހުން ފޮރުވަން މިޝްޔާ ބޭނުންކުރި އުކުޅެއްހެޔެވެ؟ ރިފްއަތުގެ އެ ހަރު ހިލަ ހިތް މިޝްޔާގެ ކަރުނަތަކުގެ ސަބަބުން ވިރެމުން ދިޔައެވެ.

ސިޑިއާ ދިމާލަށް ފިޔަވަޅު އެޅެން ފެށުނީ ބޭއިޚްތިޔާރުގައެވެ. ހިތް އެދި ގޮވަމުން ދިޔައީ އޭނާގެ އަތުގެ ހިމާޔަތް އެ ދަރިފުޅަށް ދިނުމަށެވެ. ސިިޑިން އަރައިގެން ދިޔަ އިރުވެސް، އޭނާއަށް މިޝްޔާ ދޭތެރޭ ކަންތައްކުރެވުނު ކޮންމެ ދުވަހެއްގެ ވަކި ވަކި ވަކި މަންޒަރުތައް ހަނދާންނަށް އަންނަމުން ދިޔައެވެ. އޭނާ ގޮސް ހުއްޓިލީ މިޝްޔާގެ ކޮޓަރީގެ ދޮރުގެ އެއްފަރާތުގައެވެ. އޭރުވެސް މިޝްޔާގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. އެތެރެއަށް ވަންނާނެހާ ހިތްވަރު ނުލިބި އޭނާއަށް ހުރެވުނެވެ.

ހިތްވަރުކޮށްފައި ރިފްއަތު މިޝްޔާގެ ކޮޓަރިއަށް ވަނެވެ. އޭރު މިޝްޔާ އިނީ އެނދުގައި އިށިނދެލައިގެން މޫނުގައި އަތް އަޅާލައިގެން އިސްޖަހާލައިގެންނެވެ. މާކިންއާ ނައިރާއާ ދެފަރާތުގައި ތިއްބެވެ. ރިފްއަތު ފެނުމާއެކު، މާކިން މާޔޫސްކަމާއެކު، ރިފއަތަށް ބަލައިލިއެވެ.

"މިޝް... މިޝްޔާ... ދަރިފުޅާ!" ރިފްއަތު ގޮވައިލުމާއެކު. މިޝްޔާއަށް އޭނާގެ އަތް މަޑުމަޑުން ދުރުކޮށްލާ ރިފްއަތަށް ބަލަިއލެވުނެވެ. ރިފްއަތުގެ ދުލުން ބޭރުކޮށްލި 'ދަރިފުޅު' އެ ލަފްޒަކީ އޭނާ އެ ލަފްޒެއް އަޑުއެހުމަށްޓަކައި ހާދަ ދުވަހަކު އިންތިޒާރުކޮށްގެން ހުރި ކަމެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު