އިޒްރޭލުގެ މިނިސްޓަރަކު އަޤްސާ މިސްކިތަށް، އެކަން ކޮށްވެރިކޮށް އދގައި ކުރާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވެއްޖެ

މަސްޖިދުލް އަގްސާ--- ފޮޓޯ

އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު، އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަނުމާ ގުޅިގެން، އެކަން ކުށްވެރިކޮށް، އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ދަނީ ބައިވެރިވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މި މަހުގެ ތިންވަނަ ދުވަހު އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު އަޤްސާ މިސްކިތަށް ވަނުމަކީ, ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފުކަމެއްކަމެއް ކަމަށެވެ. އަދި އެ ޢަމަލުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުސަތު އޮތުމާއެކު، އެކަން ކުށްވެރިކޮށް، އޯއައިސީން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުންދާ ކަމަށެވެ.

އޯއައިސީންނާ އދ ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އިސްނެގުމުގެ މަތީން އިއްޔެ، ސަލާމަތީ މަޖިލީހުގެ އެމާޖަންސީ ބައްދަލުވުމެއް ބާއްވާފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އޯއައިސީގެ ސްޓޭޓްމަންޓެއް ވެސް އެ ބައްދަލުވުމުގައި ދީފައިވެއެވެ.

އޭގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހު މެދު އިރުމަތީގެ ހާލަތާ ބެހޭގޮތުން ބަހުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެެވެ. އެ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ވާހަކަދައްކާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް