58 އަހަރުގައި އިޓަލީގެ ކުރީގެ ފޯވާޑް ވިއައްލީ މަރުވެއްޖެ

ވިއައްލީ ޗެލްސީއާކު ހޯދި ކާމިޔާބީތަކާއެކު---

އުމުރުން 58 އަހަރުގައި އިޓަލީގެ ކުރީގެ އިތުބާރު ފޯވާޑް ގިއަލުންކާ ވިއައްލީ މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށެވެ. ވިއައްލީގެ ޗިސްމެއަށް ކެންސަރު ޖެހިފައިވާކަން ފުރަތަމަ ދެނެގަނެވުނީ 2017 ވަނަ އަހަރުއެވެ.

ދެހާސް ވިހި ވަނަ އަހަރު އޭނާ ކެންސަރު ރަނގަޅުވެފައިވާކަމަށް ބުނި ނަމަވެސް 2021 ވަނަ އަހަރު އަނެއްކާ އޭނާ ކެންސަރަށް ފަރުވާ ހޯދަން ފެށިއެވެ.

ވިއައްލީ އަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެފައިވާ މޮޅު ފޯވަޑެކެވެ. ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު އިޓަލީގެ ކްރެމޮނީސް އިން ޕްރޮފެޝަނަލް ކެރިއަރު ފެށި ވިއައްލީ ވަނީ ހަތަރު އަހަރު އެ ޓީމަށް ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި ކްރެމޮނީސްއަށް 113 މެޗު ކުޅެ 25 ގޯލު ވިއައްލީ ވަނީ ޖަހައިދީފައެވެ.

އޭގެ ފަހުން 1984 ވަނަ އަހަރު އޭނާ ބަދަލުވީ އިޓަލީގެ ސެމްޑޯރިއާއަށެވެ. އެ ޓީމުގައި ހޭދަކުރި އަށް އަހަރު އޭނާ ވަނީ އެ ޓީމަށް 328 މެޗު ކުޅެ 141 ގޯލު ޖަހައިދީފައެވެ. އެ ޓީމާއެކު ވިއައްލީ ވަނީ 91-1990 ވަނަ އަހަރު އިޓާލިއަން ލީގު ފުލާލައި ތިން ފަހަރެއްގެ މަތިން ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ. އަދި 1991 ވަނަ އަހަރު އިޓާލިއަން ސުޕް ކަޕް ވެސް އޭނާ އުފުލާލިއެވެ.

ވިއައްލީ---

ސެމްޑޯރިއާ ދޫކޮށްލުމަށްފަހު 1992 ވަނަ އަހަރު ވިއައްލީ ވަނީ ޔުވެންޓަސްއަށް ސޮއި ކޮށްފައެވެ. ޔުވެންޓަސްގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 145 މެޗު ކުޅެދީ 53 ގޯލު ޖަހައިފައެވެ. މީގެ އިތުރުން ވިއައްލީ ވަނީ ޔުވެންޓަސްއާއެކު 96-1995 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު އުފުލާލައިފައެވެ. އަދި 95-1994 ވަނަ އަހަރުގެ އިޓާލިއަން ލީގާއި އެ އަހަރުގެ ކޮޕާ އިޓާލިއާގެ އިތުރުން 1995 ވަނަ އަހަރުގެ އިޓާލިއަން ސުޕަ ކަޕް ވިއައްލީ ކާމިޔާބު ކުރިއެވެ.

އެއަށްފަހު 1996 ވަނަ އަހަރު ވިއައްލީ ބަދަލުވީ އިނގިރޭސި ކުލަބު ޗެލްސީއަށެވެ. ނުވަދިހަ ނުވަ ވަނަ އަހަރާހަމައަށް ޗެލްސީއަށް އޭނާ ވަނީ ކުޅެފައެވެ. އެ މުއްދަތުގައި ޗެލްސީއަށް 88 މެޗު ކުޅެ ވިއްލީ ވަނީ 40 ގޯލު އެ ޓީމަށް ޖަހައިދީފައެވެ. ޗެލްސީއާއެކު އޭނާ ވަނީ 97-1996 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ޖެހިގެން އައިއަހަރު އޭނާ ވަނީ އިނގިރޭސި ލީގު ކަޕް ވެސް އުފުލާލައިފައެވެ.

އިޓާލީ ގައުމީ ޓީމަށް ވިއައްލީ ވަނީ 59 މެޗު ކުޅެދީ 16 ގޯލު ޖަހައިދީފައެވެ. އަދި 1990 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިން ވަނަ އިޓަލީން ހޯދިއިރު އޭނާ ވަނީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފުޓުބޯޅަ ކުޅުމުން ރިޓެއާވުމަށްފަހު އޭނާ ވަނީ ޓީމުތަކަށް ކޯޗިން ކެރިއާ ފަށައިފައެވެ. ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު އޭނާ ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ޗެލްސީއަށް ވަނީ އެފްއޭކަޕް، ލީގު ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑްގެ އިތުރުން ޔޫއެފާ ސުޕްކަޕް ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ 2001 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ވަޓްފޯޑްގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް