މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް އައު ދެ ބޯޓު ގެނެސްފި

މޯލްޑިވިއަނުން މިއަދު ގެނައި 2 ބޯޓުގެ ތެރެއިން އެއް ބޯޓު. ފްރާންސްގެ ޓްލޫސްއިން ރާއްޖެ އައުމަށް ނައްޓާލަނީ--- ފޮޓޯ/އެއާވޭޒް މެގަޒިން

އައިލެންޑް އޭވިއޭޝަނުންގެ މޯލްޑިވިއަންއިން އެ އެއާލައިންގެ އެތެރޭގެއުދުހުންތަކުގައި ބޭނުންކުރުމަށް ގެނައުމަށް ނިންމި ދެ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެނައި އޭޓީއާރު 600-72 މަރުކާގެ މި ދެބޯޓް ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭޓީއާރު 600-72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ދެ ވައްތަރުގެ ބޯޓަކީ ވެސް މޯލްޑިވިއަންއިން އެތެރޭގެ ދަތުރުތަކުގައި ބޭނުންކުރާ ޒާތުގެ ދެ ބޯޓެވެ.

މި ދެ ބޯޓު ރާއްޖެ އައިސްފައިވަނީ ފްރާންސްގެ ޓްލޫސްއިން ފުރައިގެންނެވެ.

މޯލްޑިވިއަނުން މިއަދު ގެނައި އޭޓީއާރު 600-72 ގެ ބޯޓު ރާއްޖެއައުމަށް ފުރުމުގެ ކުރިން ޓްލޫސްގައި--- ފޮޓޯ/މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަނުން ދެކޭގޮތުގައި އަލަށް މި ގެނައި ބޯޓުތަކުގެ ސަބަބުން މިހާރު ދިމާވާ ޓެކްނިކަލް ޑިލޭތައް ހުއްޓޭނެއެވެ. މި ބޯޓުތަކަކީ އާ ބޯޓުތަކެއްކަމުން މެއިންޓަނަންސްއަށް މިހާރު ކުރަމުން އަންނަ ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ، އޭޓީއާރު 600-72 ދެ ބޯޓުގެ އިތުރުން، އޭޓީއާރު 600-42 މަރުކާގެ ބޯޓެއް ގެނައުމަށްވެސް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ބުނެފައެވެ. އައިލެންޑް އޭވިއޭޝަނުން މީގެކުރިން ބުނެފައިވަނީ މި ތިން ބޯޓުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަގު 863.5 މިލިއަން ރުފިޔާއަށް (56 މިލިއަން އެމެރިކާ ޑޮލަރަށް) އަރާކަމަށެވެ.

މޯލްޑިވިއަނުން މިއަދު ގެނައި އޭޓީއާރު 600-72 ގެ ބޯޓު ރާއްޖެއައުމަށް ފުރުމުގެ ކުރިން ޓްލޫސްގައި--- ފޮޓޯ/މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް ދެ ބޯޓު ބޭނުންކުރާއިރު، އެތެރޭގެ އުދުހުންތަކުގައި މިހާރުވެސް 10 ބޯޓު ބޭނުންކުރެއެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން އަލަށް ގެންނަ ބޯޓުތަކުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަންނަ ފަތުރުވެރިން, އަތޮޅުތަކުގެ އެއާޕޯޓަށް އުފުލުމަށް އިތުރު ފަސޭހަ ކަމެއް ލިބިގެންދާނޭކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

comment ކޮމެންޓް