ފުވައްމުލަކު ސިޓީގެ އަނބުން މާލޭގެ ބާޒާރު ތިޔާގިވެއްޖެއެވެ. މިއީ އަނބު ސީޒަނަށް ވުމުން މިއަދު މުޅި ބާޒާރުގައި އަދި ބާޒާރުގެ ބޭރުގައި ވެސް ފުވައްމުލަކު ސިޓީއިން ގެނައި އަނބު ދަނީ ވިއްކަމުންނެވެ.
ބާޒާރުމަތިން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ މުޅި ބާޒާރުގައި ވެސް އޮތީ ފުވައްމުލަކު އަނބު ކަމަށެވެ. އަދި އެއަށް ބޮޑު ޑިމާންޑެއް ވެސް އޮންނަ ކަމުގައި އޭނާ ބުންޏެވެ.
އަނބު ވިއްކާ އަގުތަކަށް ބަލާއިރު، ވަކިން އަނބެއް ވިއްކަނީ ފަސް ރުފިޔާއަށް އަދި ހަ ރުފިޔާއަށެވެ. މީގެ ކުރިން އަނބުތައް ވިއްކަމުން އައީ އަށް ރުފިޔާއަށް ނުވަތަ ނުވަ ރުފިޔާއަށް އަނބެއްގެ ރޭޓުންނެވެ.
ބާޒާރުން ބޭރުގައި ވެސް އަނބު ތިޔާގިކޮށް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އަނބު ތިޔާގި ވުމާއެކު، ކިލޯއެއްގެ ގޮތުގައި އަނބު ވިއްކާ އަގު ވެސް ބޮޑުތަނުން ވަނީ ހެޔޮ ވެފައެވެ. އެގޮތުން ކުރިން 100 އަށް ނުވަތަ 110 އަށް ވިއްކާ އަނބުކިލޯއެއް މިހާރު މާކެޓުކައި ވިއްކަނީ 70 ރުފިޔާއަށެވެ. މިއީ 40 ރުފިޔާގެ އަގުހެޔޮވުމެކެވެ.
ފުވައްމުލަކު ސިޓީގެ އަނބުގެ އިތުރުން، ލާމުގެ އަނބުތައް މާކެޓަށް ވަރަށް އަވަހަށް އަންނާނެ ކަމަށްވެއެވެ. "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ، ލާމުގެ އަނބުތައް އައުމުން އަދި ވެސް އަނބުގެ އަގު ހެޔޮވާނެ ކަމުގައި ދެކޭ ކަމަށެވެ. އޭގެ ސަބަބުން އަނބު ކިލޯއެއްގެ އަގު 50 ރުފިޔާއަށް ނުވަތަ 60 ރުފިޔާއަށް ވެސް ހެޔޮ ވެދާނެ ކަމުގައި އޭނާ ދެކެއެވެ.
ކޮންމެ އަހަރެއްގެ ވެސް އަނބު ސީޒަނުގައި މުޅި މާރުކޭޓު އަނބުން އޮންނަނީ ފުރި ބަރާ ވެފައެވެ. އަނބުގެ ސަޕްލައިއާ އެއްވަރަށް، ބޮޑު ޑިމާންޑެއް ވެސް އޮވެއެވެ. އެހެންކަމުން މާރުކޭޓުގެ ގިނަ ގޮޅިތަކުން އަނބުތައް ރަނގަޅު އަގެއްގައި ވިކެއެވެ.