އެން ދަމަން ފޭބި މީހަކު މަރުވެއްޖެ

ދާ ޖަހައިގެން އެން ނަގަނީ: ރާއްޖޭގައި އެންމެ ގިނައިން މީހުން ޑީކޯ ވަނީ އެން ނަގަން ޑައިވް ކުރުމުގެ ތެރޭގައި -- ސަން ފޮޓޯ

ގއ. ދެއްވަދޫން މަހަށް ގޮސް، އެން ދަމަން ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި ވަނީ ގއ. ދެއްވަދޫ އަށް އުފަން 56 އަހަރުގެ މުހައްމަދު ރަޝީދެވެ.

އެރަށު ކައުންސިލްގެ މެންބަރު އައިޝަތު ތަމްހީދާ "ސަން" އަށް ވިދާޅުވީ އެން ދަމަން މޫދަށް ފޭބި މުހައްމަދު ރަޝީދު ނެތްކަން ދޯނީގައި ތިބި މީހުންނަށް އެނގުނީ އެން ދަމާ ނިންމާފައި، ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އަދި، އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ ވަރަށް ދުރުން، އޮޔާ ދަނިކޮށް ކަމަށާއި އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން، އޭނާ ގެއްލިފައިވާ ކަމަށް މިއަދު ހެނދުނު 8:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި، އޭނާ ފެނިފައިވަނީ ދެއްވަދޫއާ މޭލެއްހާ ދުރުން ކަނޑުމަތިން ކަމަށެވެ.

"ސިއްހީ މަރުކަޒަށް މީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.

ނަމަވެސް، އޭނާ މަރުވާން މެދުވުރިވި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް