ކޮންޖަރިންގެ ހަތަރު ވަނަ ބަޔަކީ އެންމެ ފަހު ބަޔަށް ވެދާނެ

މިހާތަނަށް މި ފަހުގެ ތާރީހެއްގައި އެޅުވި އެންމެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒްގެ ހަތަރު ވަނަ ބަޔަކީ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮޑިއުސަރު ޖޭމްސް ވާން ބުނެފިއެވެ.

އެމެރިކާގެ ސުޕަނެޗުރަލް އެކްސްޕާޓުން ކަމަށްވާ އެޑް އަދި ލޮރޭން ވޯރެން ދެމަފިރިންގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރާ ކޮންޖަރިން ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ކޮންޖަރިންގެ ފުރަތަމަ ފިލްމުން ފެށިގެން އޭގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ ރޯލު އަދާކުރަމުން އަންނަނީ ބިރުވެރި ފިލްމުތައް އުފެއްދުމަށް މަގުބޫލު ޑައިރެކްޓަރު ޖޭމްސް ވާންއެވެ.

މިހާތަނަށް މި ފްރެންޗައިޒްގެ ތިން ފިލްމެއް ނެރެފައިވާއިރު އެންމެ ފަހުން ފިލްމެއް ނެރުނީ 2021 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު ފިލްމަށް ކިޔަނީ "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ހާދިސާއަކަށް ބިނާކޮށް ތައްޔާރު ކުރި ފިލްމެކެވެ. މި ފިލްމުގެ ހާދިސާތަކަކީ އެމެރިކާގައި ފުރަތަމަ ފަހަރަށް ރޫހާނީ ބާރުތަކާ ގުޅޭ މައްސަލައަކާ ގުޅިގެން ކޯޓެއްގައި އެކަމަށް އާ އިއްވުމެއް ކަނޑައެޅުމާ ގުޅިގެން އެކަމަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ.

ދެން ކުރިއަށް އޮތީ ކޮންޖަރިންގެ ހަތަރު ވަނަ ބައެވެ. ފިލްމުގެ ހަތަރު ވަނަ ބައެއް ނެރޭނެކަން އޮތީ ކުރީން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ވާން ދާން ފަހުން "ކޮލައިޑާ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ފިލްމަކީ ފްރެންޗައިޒްގެ ފަހު ފިލްމަށް ވުން އެކަށީގެންވާ ކަމަށެވެ.

އެގޮތުން ކޮންޖަރިންގެ ވާހަކައަކީ އޭނާ އާ ވަރަށް ގާތް ވާހަކަތަކަށް ވެފައި ހަތަރު ވަނަ ފިލްމަށް ވެސް އިތުރު އަޅާލުމެއް ދޭނެ ކަމަށް ވާން ބުންޏެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ހަތަރު ވަނަ ފިލްމުން ވާހަކައަށް ރަނގަޅު ނިމުމެއް ގެނައުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

އެހެން ވީމާ މި ފިލްމު ތައްޔާރުކުރުމަށްޓަކައި ވަގުތު ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ޕެޓްރިކް ވިލްސަން އާއި ވެރާ ފާމިގާ ހަތަރު ވަނަ ފިލްމުގައި ވެސް ލީޑުން ފެންނާނެއެވެ. ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް