"އެނިމަލް"ގެ ފުރަތަމަ ޕޯސްޓާގައި ރަންބީރު މުޅީން ތަފާތުގޮތަކަށް

އެކްޓަރު ރަންބީރު ކަޕޫރުގެ ކުރިއަށްއޮތް ފިލްމު "އެނިމަލް"ގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމުގައި ރަންބީރު ފެންނާނެގޮތް ބެލުންތެރިންނަށް ތަޞައްވަރުކުރެވިއްޖެއެވެ.

ބަތަލާ ރަޝްމިކާ މަންދަންނާއާއެކު ލީޑް ރޯލްއިން ރަންބީރު ފެންނަ މިފިލްމުގެ ޕޯސްޓަރުން ރަންބީރު ދައްކުވައިދެނީ 'ވަޔޮލެންޓް' މީހެއްގެގޮތުގައެވެ. އާއަހަރާ ދިމާކޮށް ފިލްމުގެ ޕޯސްޓަރު ދައްކާލިއިރު މިއީ ރަންބީރުގެ ފިލްމީ ކެރިއަރުގައި އެކްޓަރު ފެންނާނެ އެންމެ ތަފާތު އަދި ޖެހިލުންކުޑަކަމާއެކު ނުރައްކަލުގެތެރެއަށް ވެއްޓޭ މަންޒަރު ފެންނާނެ ފުރަތަމަ ފިލްމެވެ.

ޕްރޮޑިއުސަރު ސަންދީޕް ރެޑީގެ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 11ވަނަ ދުވަހުއެވެ.

ސަންދީޕްގެ އަމިއްލަ ޓްވިޓާ އެކައުންޓްގައި ފިލްމުގެ ޕޯސްޓަރު ރިލީޒްކުރުމާއެކު ރަންބީރު ފިލްމުގައި ފެންނާނީ މީގެކުރިން އެކްޓަރު ނުފެންނަފަދަ ރޯލަކުންކަމަށްބުނެ ބޮލީވުޑްގެ ގިނަ ފަންނާނުންވަނީ ބުނެފައެވެ. އެގޮތުން އެކްޓަރު އަނިލް ކަޕޫރު ބުނެފައިވަނީ މިއީ 'ކިލާ ޕޯސްޓާ"އެއްކަމަށް ސިފަކޮށް ފިލްމު ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރާކަމަށް ބުނެފައެވެ.

އަނިލް ކަޕޫރުގެ އިތުރުން އެކްޓަރު ބޮބީ ޑިއޯލްވެސް ފެންނަ މިފިލްމުގެ ޚާއްޞަ ރޯލަކުން ބަތަލާ ތްރިޕްތީ ދިމްރީވެސް ފެންނާނެއެވެ. މިފިލްމުގެ ބޮޑު ބައެއް އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ޝޫޓްކޮށްފައިވާއިރު އެކްޓަރު ސައިފް ޢަލީ ޚާންގެ ޢާއިލާއަށް ނިސްބަތްވާ ޕަތައުޑީ ޕެލެސްގައި ފިލްމުގެ ބައެއް މަންޒަރުތައްވަނީ ނަގާފައެވެ.

ރަންބީރް ކަޕޫރު އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒްވި އަޔާން މުކަރްޖީގެ ފިލްމު "ބްރައްމަސްތްރާ"އިންނެވެ. މީގެއިތުރުން މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޝަމްޝޭރާ"އަކީވެސް ރަންބީރް ތަފާތުގޮތަކަށް ފެނުނު ފިލްމެކެވެ. ފިލްމު "އެނިމަލް" ރިލީޒްވުމުގެކުރިން ބަތަލާ ޝްރަދާ ކަޕޫރާއެކު ރަންބީރު ކުޅޭ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ރިލީޒްވާނެއެވެ. ލަވްރަންޖަންގެ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހުއެވެ.

comment ކޮމެންޓް