އަމީނީމަގުގެ މަސައްކަތެއް ނުހުއްޓޭ: ޕްލޭނިން މިނިސްޓްރީ

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ވެހިކަލް ތަކެއް ޕާކު ކޮށްފައި --- ސަން ފޮޓޯ

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި މިހާރު ވެސް މަސައްކަތް ދަނީ ކުރިއަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ބަންދު ކުރި ފުރަތަމަ ސެގްމެންޓްގައި ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު މިހާރު ވަނީ އާއްމުންނަށް ހުޅުވާލައިފައެވެ.

އެ މަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއާ ހިސާބަށް މަގު މިހާރު ވަނީ ބަންދުކޮށްފައެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން"އަށް ވިދާޅުވީ ސެގްމެންޓްތަކަށް ބަހާލައިގެން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ މަސައްކަތް ނުހުއްޓޭ ކަމަށެވެ. އަދި އެ މަގުގައި ތާރު އަޅާނީ ބިލަބޮންގް ސްކޫލާ ހަމައަށް ބަންދުކުރުމަށް ފަހު، އެ ސްކޫލާ ހަމައަށް ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ، ބޮޑު ތަކުރުފާނު މަގާ ގުޅޭ ހިސާބުން މޫނިމާ ހިނގުމާ ހަމައަށް ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު އެތަން ވަނީ ހުޅުވާލައިފައެވެ. އެހެންވެ، އެތަނުގައި އާންމުން ދަނީ އެއްގަމު އުޅަނދުތައް ދުއްވާ، ޕާކުކޮށް ހަދަމުންނެވެ.

"ކާނުގަނޑު ނެގުމާއި ހޮޅި އެއްޗެހި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އެ މަސައްކަތެއް ނުހުއްޓޭ. މިހާރު ބަންދުކޮށްފައިވާ ހިސާބުވެސް އާއްމުންނަށް ހުޅުވާލާނެ ތާރުއެޅުން ފިޔަވާ މިހާރު ކުރާ އެހެން މަސައްކަތް ކުރުމަށްފަހު،" އޭނާ ވިދާޅުވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަކްރަމް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ މަގުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް ކުރުމަށް ބަންދުކުރި ހިސާބު މިހާރު އާއްމުންނަށް ހުޅުވާލައިފައިވަނީ އާއްމުންނަށް ފަސޭހައަކަށެވެ. އަދި އެންމެ ކުރިންވެސް މަސައްކަތް ކުރުމަށް ނިންމައިފައިވާ ގޮތުގެ މަތިން ބިލަބޮންގް ސްކޫލާ ހަމައަށް މަގުގައި ތާރުއެޅުން ފިޔަވައި އެހެން މަސައްކަތްތައް ކޮށް ނިމުމުން ތާރުއެޅުމުގެ މަސައްކަތް ކުރާނެއެވެ.

އަޕްގްރޭޑްގެ ކަންކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުން ލަސްވެގެން އަމީނީމަގު ހެދުމުގެ މަސައްކަތް މީގެ މަހެއް ކުރިން ވެސް ވަނީ މެދުކަނޑާލައިފައެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރަން ނިންމީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ. އެ މަސައްކަތް މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން އުޅުނު އަގަށްވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ.

ނަމަވެސް އަމީނީމަގު ތަރައްގީކުރަން ފެށިތާ ފަސް މަސް ދުވަސް ވާން ގާތްވެފައިވާއިރު، މިހާތަނަށް އެމަގުގެ އެއްވެސް ހިސާބެއްގައި ތާރު އެޅިފައެއް ނުވެއެވެ.

comment ކޮމެންޓް