ސިނގިރޭޓުގެ އަގު 10 ޕަސެންޓް ބޮޑުވެއްޖެ

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެއްވެސް ފައިދާއެއް ނެތް ނުރައްކާތެރި ކަމެއް

ޖީއެސްޓީ ރޭޓް މަތިކުރުމާއެކު، ރާއްޖޭގައި ވިއްކަމުންދާ ސިނގިރޭޓުގެ އެކި ބާވަތްތަކުގެ އަގު 10 ޕަސެންޓް ބޮޑު ވެއްޖެއެވެ.

އިއްޔެއިން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު ސިނގިރޭޓް ފޮއްޓަކުން ފަސް ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަަދަދެއް މިހާރު ވަނީ ބޮޑުވެފައެވެ.

"ސަން"އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ސިނގިރޭޓުގެ އަގު އެހާ މައްޗަށް ދިޔައީ ޖީއެސްޓީ ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި ސިނގިރޭޓު ސަޕްލައިކުރާ ކުންފުނިތަކުން ވެސް އޭގެ އަގުތައް ބޮޑު ކުރީ ޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ރާއްޖޭގައި ވިއްކަމުން ދާ އެކި ބާވަތްތަކުގެ ސިނގިރޭޓު ފޮއްޓެއްގެ އަގު ކުރިން ހުރީ 100 ރުފިޔާ އާއި 105 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަވެ. ނަމަވެސް މިހާރު އޭގެ އަގުތައް އުޅެނީ 110 އާއި 120 އާ ދެމެދުއެވެ. އަދި ކާޑުން ފައިސާ ދައްކާ ނަމަ ބައެއް ފިހާރަތަކުން މިއަށްވުރެ ވެސް އޭގެ އަގު ބޮޑުކުރެއެވެ.

ވަކި ސިނގިރޭޓެއްގެ ރޭޓުން ބަލާނަމަ މިއީ 1 ރުފިޔާއާ 3 ރުފިޔާގެ ދެމެދުގެ ބޮޑުވުމެކެވެ. ވަކިން ސިނގިރޭޓް ވިއްކުމަކީ ޤާނޫނުގައި މަނާކަމެކެވެ.

މިއާއެކު ސިނިގރޭޓު ކާޓޮން ތަކުގެ އަގުވެސް މި ވަނީ ބޮޑު ވެފައެވެ. ކުރިން 945 އާއި 1000 ގެ ދެމެދުގައި ހުރި ކާޓޮންތަކުގެ އަގު މިހާރު ވަނީ 990 އާ 1100 އާ ދެމެދުގެ އަގުތަކަށް ބޮޑުވެފައެވެ.

ޖީއެސްޓީ ބޮޑު ކުރުމާއެކު ޢާންމުކޮށް ވެސް ހުރިހާ ބާވަތެއްގެ އަގުތައް އުފުލޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް