އުލިގަމު ބޮޑު ބާބަކިއު: 600އަށްވުރެ ގިނަ މަސް ފިހެ، އެކުވެރިކަމުގެ އީދެއް

އުލިގަމުގެ "ދަ ގްރޭޓު ބާބަކިއު"

ގާތްގަނޑަކަށް މީގެ 43 އަހަރު ކުރިން، 1980ގެ އަހަރުތަކުގެ ތެރޭ އެ ރަށަށް ޗުއްޓީއަށް ދިޔަ ޒުވާނުންތަކެއް ހެދި ބާބަކިއުއަކީ މިއަދު އެ ރަށުގައި ކޮންމެ އަހަރަކު ބާއްވާ ބޮޑު ބާބަކިއުގެ ފެށުމަށް ވާނޭ އެއްވެސް މީހަކު ހިތަށް ނާރައެެވެ.

އާދައިގެ، ކުޑަކުޑަ ގޮތަކަށް އެ ޒުވާނުންގެ އެކުވެރިންގެ ގްރޫޕު އެއްވެލައިގެން ފެށި މި ކަމަކީ މިއަދު 553 މީހުންގެ އާބާދީއެއް އޮތް ހއ. އުލިގަމުގެ ހުރިހާ ރައްޔިތުން އެކުވެރިކޮށް، އެއްބައިވަންތަކޮށްދިނުމުގެ އެންމެ ބޮޑު އިވެންޓެވެ.

އުލިގަމަށް ޚާއްސަ "ދަ ގްރޭޓު ބާބަކިއު" މި އަހަރު އޮތީ ރޭގައެވެ. މި ބާބަކިއުއަކީ، އެ ކަމުގައި ބައިވެރިވުމަށް، އެ ރަށުން ބޭރުން އެންމެ ގިނަ މެހެމާނުން އައި އިވެންޓެވެ. ހަމައެއާއެކު 660އަށްވުރެ ގިނަ މަސް މި ފަހަރުގެ ބާބަކިއުގައި ފިހެފައިވެއެވެ.

އިޖްތިމާއީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ބޭނުންވާ ހުރިހާ ކަމެއް ކުރަނީ ދުރާލައި ރާވައިގެންނެވެ.

މަހަށް ދިޔަ ޓީމެއް މަހުން ލެފުން -- ފޮޓޯ: އުލިގަމު މަސް ފިހުން

އެގޮތުން މަސްވެރިކަމަށް ދާނެ ޓީމުތަކެއް ބާހައިލައެވެ. މި ފަހަރު އެ ކަން ކުރީ ތިން ގްރޫޕަކުންނެވެ. އެއީ ފީނައިގެން މަސް ހިފާ ގްރޫޕަކާއި އެން އަޅައިގެން މަސްވެރިކަން ކުރާ ޓީމެއްގެ އިތުރުން އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރާ ޓީމެކެވެ. އެންމެ ކާމިޔާބުކޮށް މަސް ހިފުމުގެ ކަންކަން ކުރީ، ފީނައިގެން މަސްވެރިކަން ކުރި ޓީމެވެ.

ބާބަކިއުގައި ފިހުނު މަހާއެކު ކެއުމަށް ބޭނުންކުރާ ރޮއްޓާއި، ބާބަކިއުއަށް ޚާއްސަ ތިން ވައްތަރުގެ ބޮނޑިބަތް ތައްޔާރުކުރުމަށް ޓަކައި މަސައްކަތްކުރަނީ ރަށުގެ އަންހެނުންގެ ޓީމުތަކެވެ.

ހަތަރު ގްރޫޕަކަށް ބަހައިލައިގެން މި ކަން ކުރި ނަމަވެސް މިއީ ވެސް އެންމެން އެއް ތަނަކަށް އެއްވެ، އެކުވެރިކަމުގެ ރޫހުގައި ކުރާ ކަމެކެވެ.

މަސް ފިހަން ތައްޔާރުކުރުމަށް ޓަކައި ލޮނު މިރުސް ލަނީ --

ކޮންމެ އަހަރަކު ވެސް މުޅި ރަށުގެ އެއްބާރުލުން މި ކަމުގައި ލިބެއެވެ. ނަމަވެސް އެ ރަށު ކައުންސިލް ރައީސް އަހްމަދު މުއާޒު މުހައްމަދު މިއަދު "ސަން'އަށް ވިދާޅުވި ގޮތުގައި މި އަހަރު އެ ރަށު ޒުވާނުންގެ ބައިވެރިވުން ހިތްހަމަޖެހޭ މިންވަރަށް ލިބުނެވެ.

އެގޮތުން ސްކޫލްތައް ނިމި، ނޫކަށި ފުރައިގެ ޒުވާނުންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސް ފިހަން ލާނެ އޫ ތައްޔާރުކުރަނީ --

"ވަރަށް ޔަންގް ޖެނެރޭޝަނެއްގެ އެހީތެރިކަން މިފަހަރު އަޅުގަނޑުމެންނަށް ލިބުނު. ޒުވާނުންގެ ބައިވެރިވުން ވެސް ލިބޭ. އެކަމަކު ސީދާ ޒުވާނުންނެއް ނޫން. ސްކޫލު ނިންމައިފައި އަދި ވަޒީފާއަކަށް ނުދާ މި އުމުރުފުރައިގެ ކުދިން ވެސް ހަމަ މިފަހަރު އަޅުގަނޑުމެންނާ ޖޮއިންވެގެން މި ކަން ކުރުމަކީ ލިބުނު ހިތްވަރެއް. ޚާއްސަކޮށް ޅަފުރައިގެ ޒުވާނުން މި ކަމުގައި ބައިވެރިކޮށް އެ ކުދިންގެ ޚިޔާލާއެކު މި ކަން ތަރައްގީކުރުމަކީ އަޅުގަނޑުމެންގެ ބޭނުން،" މުއާޒު ވިދާޅުވިއެވެ.

މަސް ފިހަން ތައްޔާރުކުރުން -- ފޮޓޯ: އުލިގަމު މަސް ފިހުން

މުއާޒު ވިދާޅުވީ ސިޔާސީ ފިކުރުތަކާއެކު ކުދި މުޖުތަމައުތަކުގައި ވެސް ހަމަނުޖެހުމާއި ބައިބައިވުން އުފެދުން އާންމުވެފައިވާކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުން އުލިގަމު ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް އެކުވެރިކަމުގެ ރޫހު ދެމެހެއްޓުމަކީ އިސްކަން ދޭ ކަމެއް ކަމަށް މުއާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މި ކަމުގެ ތެރެއިން، އަޅުގަނޑުމެންގެ ތެރޭގައި މި ހުރި ސިޔާސީ ކަންތައްތަކާއި، މި ކަންކަން އަޅުގަނޑުމެންގެ ހަނދާނުން ފޮހެލަން އެބަ ފުރުސަތެއް ލިބޭ،" މުއާޒު ވިދާޅުވިއެވެ.

މަސް ފިހަން ތައްޔާރުކޮށްފައި -- ފޮޓޯ: އުލިގަމު ކައުންސިލް

ދެހާސް އެގާރައިގައި ކައުންސިލްތައް އުފެދުމަށްފަހު، އެ ރަށު ކައުންސިލުން ވެސް މި ހަރަކާތުގައި އަންނަނީ ބައިވެރިވަމުންނެވެ. އަދި މިއީ ކައުންސިލްގެ ބޮޑު ހަރަކާތެއްގެ ގޮތުގައި ހިމަނައި، ކައުންސިލުން އަންނަނީ މި ކަން ކުރަމުންނެވެ.

"އަޅުގަނޑުމެންގެ މަސައްކަތު ތާވަލުގައި އެބަ ބަޖެޓުކުރަން. މި ހަރަކާތް ބާއްވައި ފާހަގަކުރުމަށް ޓަކައި އެ ކަމަށް ބަޖެޓު ވެސް އެބަ ޚާއްސަކުރަން،" މުއާޒު ވިދާޅުވިއެވެ.

ފޮނި ކާތަކެތި ތައްޔާރުކުރުމުގެ މަސައްކަތުގައި އަންހެނުން ހަރަކާތްތެރިވަނީ -- ފޮޓޯ: އުލިގަމު ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގެ މި ހަރަކާތަކީ އެ ރަށަށް ޒިޔާރާތްކުރާ މެހެމާނުންނަށް ވެސް ހުޅުވައިލައިގެން ކުރާ ކަމެކެވެ. އަދި މުޅި ރަށުގެ އެކުވެރި ރޫހާއި އާދަކާދަ ރާއްޖެއަށް ދައްކާލުމަކިީ ވެސް މި ކަމުގެ ބޭނުމެކެވެ. މި ހަރަކާތް އަބަދުވެސް ކުރިއަށް ގެންގޮސް ދިރުވާނެކަމަށް އެ ރަށުން ބުނެއެވެ.

comment ކޮމެންޓް