އާ އަހަރާއެކު ލުނބޯ ކިލޯއެއްގެ އަގު ދެގުނައަށް!

އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މާރުކޭޓުގައި ލުނބޮލުގެ އަގު ދެގުނަ ބޮޑުވެއްޖެއެވެ.

ކުރިން ލުނބޯ ކިލޯ އެއް 25 ނުވަތަ 30 ރުފިޔާއަށް ލިބޭއިރު، މިހާރު ލުނބޯ ކިލޯއެއް ލިބެނީ 45 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އެއީ ކުރީގެ އަގާ އަޅާ ބަލާއިރު ދެ ގުނައިގެ ބޮޑު ވުމެކެވެ.

މާރުކޭޓުން "ސަން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނި ގޮތުގައި ލުނބޯގެ އަގު އެހާ ބޮޑުވީ ލުނބޯ ލިބުމުގައި ދަތިކަމެއް އުޅޭތީއެވެ.

ލުނބޯ ކިލޯއެއްގެ އަގު ބޮޑު ވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި ގިނަ ވިޔަފާރިވެރިން ބުނީ އެމީހުންނަށް ލިބޭ ލުނބޯ ކޭސްތަކުގެ އަގު ބޮޑު ވުމެވެ. އެގޮތުން ކުރިން 170 ރުފިޔާއަށް ލިބޭ ކޭހެއް، މިހާރު 350 އަށް ލިބުމަކީ އޭގެ އެންމެ ބޮޑު އެއް ސަބަބެވެ.

"ލުނބޯ ކޭހެއްގައި އިންނަނީ 8 ކިލޯވަރު. 350 ރުފިޔާއަށް ލިބޭ ލުނބޯ ކޭހަކުން ބަލާނަމަ އެއީ ކިލޯއަކަށް ގާތްގަޑަކަށް 43 ރުފިޔާ. އެހެންވީމަ 45 އަށް ނޫނީ 50 އަށް ވިއްކަނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ބައެއް ފިހާރަތަކުން ބުނީ ލުނބޯގެ އަގު ބޮޑުވީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމުން ކަމަށެވެ. ނަމަވެސް ލުނބޯ ފަދަ މޭވާގެ ބާވަތްތަކަކީ ޖީއެސްޓީ ނެގޭނެ ބާވަތެއް ނޫނެވެ.

ލުނބޯގެ އިތުރުން ކެރެޓުގެ އަގުވެސް މާކެޓުގައި ބޮޑެވެ. އެގޮތުން ކެރެޓު ކިލޯއެއް ކުރިން 20 އަށް އުޅޭ އިރު، މިހާރު ކެރެޓު ކިލޯއެއް އުޅެނީ 35 ރުފިޔާއަށެވެ. އެ ނޫން ހުރިހާ ތަކެއްޗެއްގެ އަގުތައް އާންމުކޮށް މާރުކޭޓުގައި ކުޑައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު