މި އަހަރު ރާއްޖެއަށް ފުރަތަމަ ފަތުރުވެރިޔާ ޒިޔާރަތް ކުރީ ރަޝިޔާއިން

ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާ ---

މި އަހަރު ރާއްޖެއަށް ފުރަތަމަ ފަތުރުވެރިޔާ ޒިޔާރަތް ކުރީ ރަޝިޔާއިން ކަމަށް، އެމްއެމްޕީއާރުސީއިން ބުނެފިއެވެ.

ރާއްޖެއަށް މި އަހަރު އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފްލާއެއް އެއާޕޯޓްގައި މިއަދު ބޭއްވިއެވެ. އެ ފަތުރުވެރިޔާ ރާއްޖެއައީ މިއަދު ހެނދުނު، އެތިހާޑްގެ ފްލައިޓެއްގައެވެ. އެއީ ނިކޮލައި ސްޓްރަޓިޗުކް ކިޔާ މީހެކެވެ.

ނިކޮލައި ރާއްޖެއަށް އައީ އޭނާގެ ޢާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެއައި ފުރަތަމަ ފަހަރެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ނިންމާފައި ވަނީ ރީތި ފަރު ރިސޯޓުގައެވެ.

މިއަދުގެ މި ޙަފްލާގައި ނިކޮލައިއަށް މަރްޙަބާ ދެންނެވީ އެމްއެމްޕީއާރްސީ، އެމްއޭސީއެލް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރްސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ ފާއިތުވި އަހަރަކީ ރާއްޖެއަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، ނިމިދިޔަ އަހަރު ރާއްޖެއިން އެވޯޑަކަށް ފަހު އެވޯޑެއް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެން މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރްޙަބާ މި ދަންނަވަނީ ހިނިތުންވުމަކާ އެކު، ނިމިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރަކީ ކާމިޔާބު އަހަރަކަށް ވުމުގެ ޢަޒުމުގައި،" ތޮއްޔިބް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަހަރު އެއަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ ޢަމާޒެކެވެ. އެގޮތުން ޗައިނާގެ މާކެޓަށް ރާއްޖެ ހުޅުވާލުމުން ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް މީގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރަޝިޔާގެ ފަތުރުވެރިއެއް ވީއިރު، ރަޝިޔާއަކީ ނިމިދިޔަ އަހަރު ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކުރީ އިންޑިއާގެ ފަތުރުވެރިންނެވެ.

comment ކޮމެންޓް