ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ބާޒާރަށް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ، ފީ ކުޑަ ކުރުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ނިންމައިފިއެވެ.
މި ފީ ކުޑަ ކުރަން އެމްޕީއެލުން ނިންމީ މި އަންނަ އަހަރުން ފެށިގެންނެވެ.
މި ބަދަލާއެކު އެމްޕީއެލުން މިހާރު ނަގަމުންދާ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާގެ އަގުތައް 75 އިންސައްތައަށް ކުޑަ ވާނެއެވެ.
އެގޮތުން ބަލާއިރު، 20 ފޫޓުގެ ކޮންޓެއިނަރަކުން މިހާރު 4،419 ރުފިޔާ ނަގާއިރު، މި އަންނަ އަހަރުން ފެށިގެން ނަގާނީ 1،132 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓެރިނަރަކުން ކުރިން 8،767 ރުފިޔާ ނަގާއިރު މި އަންނަ އަހަރުން ފެށިގެން ނަގާނީ 2،264 ރުފިޔާއެވެ.
މި އަގުތަކަށް ގެނައި ބަދަލުތަކާ އެކީ އެމްޕީއެލްއިން ވަނީ ރާއްޖެއިން ބޭރަށް ކަނޑު މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާ ވެސް މިއަދު ބައްދަލުކޮށްފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެކްސްޕޯޓް ކޮންޓެެއިނާ ޓްރާންސްފާ ކުރުމަށް ނަގާ އަގުތަށް ކުޑަ ކުރީ އެކްސްޕޯޓަރުން އަގުތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުން ކަމަށެވެ.
އެމްޕީއެލްއިން ބުނީ މި ބަދަލަކީ ރާއްޖެއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ފަހިކޮށްދިނުމާއެކު، ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރި އަރުވައި، އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.