ޕޯސްޓުން ރާއްޖެއަށް ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި, ބަރުދަނުގައި އެއް ކިލޯ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި: ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ -- ފޮޓޯ/ ފުލުހުން

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި އެއް ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ޕޯސްޓް މެދުވެރިކޮށް ބެލްޖިއަމްއިން ރާއްޖެ އެތެރެކުރި ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓެއް ފެނިފައިވާއިރު އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.010 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓްމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ އިތުރުން ތުހުމަތުވާ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މި މަސްތުވާތަކެތި އަތުލައިގަތުމުގެ އެއް ދުވަސް ކުރިން ވެސް ކަސްޓަމްސްއިން ވަނީ ހަމަ މި ބާވަތުގެ އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެތަކެތީގެ މަގުމަތީގެ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސްއިން އޭރު ވަނީ ބުނެފައެވެ.

މިފަހުން ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން މީގެ ކުރިން "ސަން"އަށް ބުނިގޮތުގައި މަސްތުވާތަކެތީގެ ބާރުގަދަ ބާވަތްތައް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ ޕޯސްޓް މެދުވެރިކޮށެވެ.

comment ކޮމެންޓް