ބީއެމްއެލްއިން މޮޓޮރައިޒްޑް ވީލްޗެއާތަކެއް ހަދިޔާ ކުރަނީ

ބީއެމްއެލް އިން ދެ ފަރާތަކަށް ވީލް ޗެއާ ހަވާލު ކުރުމުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 33 މޮޓޮރައިޒްޑް ވީލް ޗެއާ ބީއެމްއެލްއިން ހަދިޔާކުރަން ނިންމައިފިއެވެ.

އެގޮތުން ބީއެމްއެލްއިން މި ވީލް ޗެއާތައް ހަދިޔާ ކުރަން ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ވަކި ވަކި މީހުންނަށެވެ.

މިކަމާ މެދު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

އަދި މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް ބޭންކުން އަދާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ދެ ފަރާތަކަށް ވީލް ޗެއާ ހަވާލު ކުރުމުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް..

"މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ކާލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްއިން ހަދިޔާ ކުރި މޮޓޮރައިޒްޑް ޗެއާ ލިބުނު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކުން ބުނިގޮތުގައި އެފަދަ ފަރާތްތަކަކީ މުޖްތަމައު ތެރޭގައި ކުރިން ބާކީ ކޮށްފައި ތިބި ބައެއް ކަމުގައި ވީ ނަމަވެސް، ބީއެމްއެލް އާއި އެނޫން ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި، މުޖްތަމައު ތެރޭގައި އެފަދަ ފަރާތްތަކަށް ފަސޭހަ ކަމާއެކު އުޅެވުމުގެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ.

އަދި މި ވީލް ޗެއާ ތަކުގެ ސަބަބުން ގޭތެރޭގެ އިތުރުން ބޭރު ތެރޭގައި ވެސް ކަންކަން ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް އެފަރާތުން ފާހަގަ ކުރިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވީލް ޗެއާ އެންމެ ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިން މިދަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތަށް އެހީތެރިވަމުން. އެހެން ކަމުން އަޅުގަނޑުމެން ފަދަ ފަރާތްތަކަށް މުޖްތަމައުއަށް ނުކުމެ، އެހެން މީހުންނެކޭ އެއް ފަދައިން، އެއް ހަމައެއްގައި އުޅުމުގެ ފުރުސަތު ދިން ކަމަށްޓަކައި ބީއެމްއެލްގެ ސީއެސްއާރް، އަދި ހަމަ އެއާ އެކީގައި ބީއެމްއެލްގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އޭނާ ބުންޏެވެ.

ބީއެމްއެލް އިން މިފަހަރު ހަދިޔާ ކުރަން ނިންމާފައިވާ ވީލްޗެއާ ތަކާއެކު، 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް އެކި ގޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ. މިގޮތުން ބޭންކުން ވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކުރުމާއެކު މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ.

އަދި މިއަހަރު ކުރީކޮޅު ބޭންކުން ވަނީ ޑެފް އެސޯސިއޭޝަނުން ތައްޔާރުކުރަމުން އަންނަ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސަބިލިޓީސް އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް