ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު މ. ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެރަށު ރައްޔިތުންގެ ކެކުޅުންތަކާއި އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވައިފިއެވެ.
ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ހާދިސާއާ ގުޅިގެން ފާހަގަކުރާ އެއްބައިވަންތަ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ކޮޅުފުއްޓަށް އުފަން އިމްރާން ވިދާޅުވީ ސުނާމީގެ ކުރިން އެރަށަކީ އެ އަތޮޅުގައި އޮތް އެންމެ ތަރައްގީވެފައިވާ އެއް ރަށް ކަމަށެވެ. އެކަމަކު، ސުނާމީއަށް ފަހުގައި އެރަށުގެ ހާލަތު މާ ފަހަތަށް ސޮއްސައިލައިގެން ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުގައި އެ މުނާސަބަތު ފާހަގަކުރަން ނިންމަމުން ދިޔައިރުގައި ވެސް އެފަދަ ބޮޑު ހަފުލާއެއް އެރަށުގައި ބޭއްވިދާނެ ކަމާމެދު ވެސް ސުވާލު އުފެދުނު ކަމަށެވެ.
"ބޯހިޔާވަހި ކަމެއް، މީހަކު ހިތްހަމަ ޖައްސާލެވޭނެ ގޮތެއް، ވަޑައިގަންނަވާ މެހެމާނުންނަށް މެހެމާންދާރީ އަދާކޮށްލެވޭނެ ގޮތެއް، އާދައިގެ ބަހުރުވަ އަކުން ދަންނަވާނަމަ، ވަދެލާނެ ފާހަނައެއް ނެތޭ ބުނުމަކީ ވެސް އެކަށިގެންވާ ކަމެއް" އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ހާލަތެއް އޮތް ނަމަވެސް އެރަށުގައި މިއަދުގެ ޖަލްސާ ބާއްވަން ނިންމީ، ސަރުކާރުގެ ވެރިންނަށް އެހާލަތު ލޮލުން ދެކި، އެ ނިކަމެތިކަން ބަދަލުކުރުމުގެ ހާލަތު އުފެއްދުމުގެ ނިޔަތުގައި ކަމަށެވެ.
އޭނާ ވަނީ އެރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރިކޮށްދިނުމަށާއި އަދި، ރަށް ކައިރިން ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް ރައީސްގެ އަރިހުން އެދިލައްވައިފައެވެ.
"އައި އިރުވެސް އަޅުގަނޑު އިހުސާސް ނުކުރަން، ކައުންސިލްގެ ބޭފުޅުންނާއި ހުރިހާ ރައްޔިތުން، ކުދި ބޮޑު އެންމެން އެކުވެގެން މިވަރަށް މަސައްކަތްކޮށް، މިހާ ވަރަށް ވެސް ފައި ޖައްސާލެވޭނެ ވަރަށް މިތަނުގެ ކަންކަން ގެނެވިދާނެ ކަމަށް އަޅުގަނޑު ހީނުކުރަން" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުޅި ރަށުގައި އެންމެން ނުކުމެ، ފުރިހަމަ ޖަލްސާއެއް ބޭއްވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
ހާލަތު ބަދަލުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާ އޭނާ ވަނީ ރަށުގެ ތަރައްގީއަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.