ކޮޅިގަނޑުގެ ސަބަބުން މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުގަދައިރު ދަތުރު ކުރަނީ ---

ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑެއް ރާއްޖޭގެ އިތުރުން އަރަބި ކަނޑަށް ދަތުރު ކުރާނެ ކަމަށް ބެލެވޭތީ މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓު އޮފީހުން މިއަދު ބުނީ ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑެއް އިއްޔެ ވަނީ ސްރީ ލަންކާ ހުރަސްކޮށްފައި ކަމަށެވެ. އަދި އެކޮޅިގަނޑުގެ ބާރު ދަށްވެ، މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭގައި ލޯފްރެޝާ އޭރިއާއެއްގެ ގޮތުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ކުރިއަށް އޮތް 24ގަޑިއިރު އެ ކޮޅިގަނޑު ރާއްޖޭގެ އިތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އެހެންކަމުން މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

އެ އިދާރާއިން ވަނީ މޫސުމާ ގުޅޭ އެންމެ ފަހުގެ އެލާޓްތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދު ރާއްޖެ ތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މެޓުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅުނގު އުތުރާއި އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު އަދި އުތުރުގެ އަތޮޅު ތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް މިއަދު އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.

comment ކޮމެންޓް