އައިލެންޑް އޭވިއޭޝަނުން ގެންނަ އާ ބޯޓުތައް އަންނަ މަހު ލިބޭނެ: ޖެނީފާ

އައިލެންޑް އޭވިއޭޝަނުން ގެންނަ އޭޓީއާރު 600-72 މަރުކާގެ ބޯޓެއް

މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓުތައް ގެންނަން ނިންމާފައިވާ، އަންނަ މަހުގެ ތެރޭގައި އެ ބޯޓުތައް ލިބޭނޭކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ވަނީ އެކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް ތިން ބޯޓު ގެނައުމަށް ނިންމާފައެވެ. މި ތިން ބޯޓު ގެންނަނީ، މަތިންދާ ބޯޓު އުފައްދާ އޭޓީއާރު ކުންފުނިންނެވެ.

އޭޓީއާރު ކުންފުނިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ އޭޓީއާރު 600-72 މަރުކާގެ ބޯޓެއް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް ބުނެފައެވެ. މިއީ އޭޓީއާރުން އައިލެންޑް އޭވިއޭޝަނަށް ޑެލިވަރީކުރާ މި ބާވަތުގެ ފުރަތަމަ ބޯޓެވެ.

މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނީފާ ވިދާޅުވީ، އޭޓީއާރު 600-72 މަރުކާގެ ބޯޓުތައް އަންނަ ބުދަ ދުވަހަށް ރާއްޖެ ގެނެވޭނޭކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ، އޭޓީއާރު 600-72 މަރުކާގެ ދެ ބޯޓަށް އޯޑަރުދީފައެވެ. މީގެ އިތުރުން އޭޓީއާރު 600-42 މަރުކާގެ ބޯޓަކަށް ވެސް ވަނީ އޯޑަރުދީފައެވެ.

މީގެ ތެރެއިން 600-42 މަރުކާގެ ބޯޓަކީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި 600-72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ދެ ވައްތަރުގެ ބޯޓަކީ ވެސް މޯލްޑިވިއަންއިން އެތެރޭގެ ދަތުރުތަކުގައި ބޭނުންކުރާ ޒާތުގެ ދެ ބޯޓެވެ.

އައިލެންޑް އޭވިއޭޝަނުން ދެކޭގޮތުގައި އަލަށް ގެންނަ ބޯޓުތައް ގެނައުމުން މިހާރު ދިމާވާ ޓެކްނިކަލް ޑިލޭތައް ހުއްޓޭނެއެވެ. މި ބޯޓުތަކަކީ އާ ބޯޓުތަކެއްކަމުން މެއިންޓަނަންސްއަށް މިހާރު ކުރަމުން އަންނަ ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަ ވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް ދެ ބޯޓު ބޭނުންކުރާއިރު، އެތެރޭގެ އުދުހުންތަކުގައި މިހާރުވެސް 10 ބޯޓު ބޭނުންކުރެއެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން އަލަށް ގެންނަ ބޯޓުތަކުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަންނަ ފަތުރުވެރިން އަތޮޅުތަކުގެ އެއާޕޯޓަށް އުފުލުމަށް އިތުރު ފަސޭހަ ކަމެއް ލިބިގެންދާނޭ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

comment ކޮމެންޓް