ވޯލްޑްކަޕް ކާމިޔާބުކުރި އިންގްލެންޑު ޓީމުގައި ހިމެނުނު ކޮހެން މަރުވެއްޖެ

ޖޯޖް ކޮހެން---

1966 ވަނަ އަހަރު އިންގްލޭންޑުން ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ޖޯޖް ކޮހެން މަރުވެއްޖެއެވެ.

އެ އަހަރު އިންގްލޭންޑުން އަލަށް ވޯލްޑްކަޕް ކާމިޔާބުކުރުމުގައި ކޮހެންގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެ ވޯލްޑްކަޕްގައި އިންގްލޭންޑުން ކުޅުނު ހަ މެޗުގައި ވެސް ކުޅެފައެވެ. އޭނާ މަރުވީ އުމުރުން 83 އަހަރުގައެވެ.

ކޮހެން އޭނާގެ މުޅި ކުލަބު ކެރިއަރު ހޭދަކުރީ އިނގިރޭސި ކުލަބު ފުލަމްގައެވެ. އޭނާ ވާނީ 13 އަހަރު އެ ޓީމަށް ކުޅެފައެވެ. އެ މުއްދަތުގައި 400 އަށްވުރެ ގިނަ މެޗު ފުލަމްއަށް ކޮހެން ކުޅެދީފައިވެއެވެ.

މީގެއިތުރުން ކޮހެން ވަނީ އިނގިރޭސި ގައުމީ ޓީމަށް 27 މެޗު ކުޅެފައެވެ.

1966 ވަނަ އަހަރު އިންގްލޭންޑަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިއަކަށް 2000 ވަނަ އަހަރު މެމްބާ އޮފް މޯސްޓް އެކްސެލެންޓް އޯޑާ އޮފް ދި ބްރިޓިޝް އެމްޕެއާ (އެމްބީއީ) އެވޯޑްކުރިއިރު ކޮހަން އަށް ވަނީ އެ ޝަރަފް ލިބިފައެވެ.

އެމްބީއީ އަކީ 1917 ވަނަ އަހަރުން ފެށިގެން އިންގްލޭންޑަށް ހޯދައިދޭ ރީތި ނަމާއި އެ ގައުމަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ އެ ގައުމުގެ ޝާހީ ގަނޑުވަރުން އަރުވާ މެޑަލެކެވެ.

ކޮހެން ނިޔާވުމާ ގުޅިގެން ފުލަމްއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ކުލަބުން ބުނީ ކޮހެން ނިޔާވި ހަބަރު އެ ކުލަބުގެ މެމްބަރުން އެހީ ފުން ހިތާމައާއެކު ކަމަށެވެ.

ކޮހެން އަކީ އެ ކުލަބަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް ވެސް ފުލަމްއިން ބުންޏެވެ.

comment ކޮމެންޓް