ރާއްޖެއިން ޔޫކޭއަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ނެގުން ދެ މަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ: ނަޝީދު

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ޔޫކޭއަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ނެގުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ފޮނުވާ މަހުން ނަގާ ޑިއުޓީއާ ބެހޭ ގޮތުން އެމަނިކުފާނަށް މައުލޫމާތު ދެއްވީ އެމަނިކުފާނާ ރައްޓެހި، އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ކަމަށެވެ.

"ލަސްވެގެން މިއަންނަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް. މިއީ އުފާވެރި ޚަބަރެއް. މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން،" ނަޝީދުގެ ޓްވީޓުގައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ގައުމަކަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށެވެ. އަދި މި އަހަރުގެ އެހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ކަންނެލި ފޮނުވާފައިވާ ކަމަށާއި އެފަދަ ޓެކްސްއެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެ އިންޓަވިއުގައި ޝާހިދު އިތުރަށް ވިދާޅުވީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި އެހެނިހެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، މަހުން ޑިއުޓީ ކަނޑާލުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ގައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް ވަނީ މާފްކޮށްފައެވެ.

ރާއްޖޭގެ މަހަށް ބޭރުގެ މާކެޓްތަށް ހޯދައިދީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ މިދިޔަ މަހު މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް