ލޯރެންސް މަސައްކަތް ކުރަން ބޭނުން ވަނީ އަންހެން ޑައިރެކްޓަރުންނާއެކު

ހޮލީވުޑްގެ މިހާރުގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ޖެނިފާ ލޯރެންސް މިހާރު މަސައްކަތް ކުރަން ބޭނުން ވަނީ ހަމައެކަނި އަންހެން ޑައިރެކްޓަރުންނާއެކުގައިކަން އޭނާ ހާމަކޮށްފިއެވެ.

އެކްޓިންގެ ތެރެއަށް ވަދެ ގިނަ ދުވަސްތަކެއް ނުވަނީސް އޮސްކާ އެވޯޑެއް ހޯދާފައިވާ ލޯރެންސް ވަނީ ދުވަސްކޮޅަކަށް އެކްޓިންނާ ދުރަށް ގޮސްފައެވެ. އޭނާގެ ބައިވެރިޔާ އާ ކައިވެނިކޮށް ދެމީހުންނަށް ފުރަތަމަ ދަރިއެއް ލިބިފައިވާއިރު މިހާރު ލޯރެންސް ހުރީ އަނެއްކާ އެކްޓިންގެ ތެރެއަށް ވަނުމަށް ތައްޔާރުވެފައެވެ.

ދާދިފަހުން "ހޮލީވުޑް ރިޕޯޓާ"ގެ ޕެނަލްއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އެކްޓިން އާ ދުރަށް ދިޔުމަށްފަހު ދެން އެނބުރި އަންނައިރު ބޮޑަށް މަސައްކަތް ކުރަން ބޭނުން ވަނީ އަންހެން ޑައިރެކްޓަރުންނާއެކު ކަމަށެވެ.

ލޯރެންސްގެ ކެރިއަރުގައި މަޝްހޫރު ފިރިހެން ޑައިރެކްޓަރުންނާއެކު ވަނީ މަސައްކަތް ކޮށްފައެވެ. އޭގެތެރެއިން ގިނަ ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ އިޝާރާތް ކޮށްފައިވެއެވެ. އަދި ބައެއް ޑައިރެކްޓަރުންގެ ތެރޭގައި މަސައްކަތް ކުރާއިރު އެމީހުންގެ ފަރާތުން ފެންނަ ޑްރާމާ ގަނޑު ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް އޭނާ މިހާތަނަށް މަސައްކަތް ކޮށްފައިވާ އަންހެން ޑައިރެކްޓަރުންގެ ފަރާތުން ފެނިފައި ވަނީ ރައްކާތެރި މާހައުލެއްގެ ނިޝާން ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން އަމިއްލަ ދިރިއުޅުމުގެ މުހިއްމު ކަމެއް ޖެހިއްޖެ ނަމަ އެކަމަށް އެހީތެރިވުމަށް އަންހެން ޑައިރެކްޓަރުން އެހީތެރިވާ މިންވަރު އިތުރު ކަމަށްވެސް ލޯރެންސް ފާހަގަކުރިއެވެ.

ލޯރެންސް އެންމެ އަވަހަށް ދެން ފެނިގެން ދާނީ އަންނަ އަހަރު ނެރޭ ފިލްމެއް ކަމަށްވާ "ނޯ ހާޑް ފީލިންސް" އިންނެވެ. މި ފިލްމުގެ ޕްރޮޑަކްޝަން މިހާރު ވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް